އެމްޑަބްލިއުއެސްސީގެ ޗެއާމަން މަގާމުން ވަކިކޮށްފި

އެމްޑަބްލިއުއެސްސީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ސ.ފޭދޫ ނާޒުކީގޭ ޝަމްހޫޒާ އަޙުމަދު މިއަދު މަގާމުން ވަކިކޮށްފިއެވެ.
ޕީސީބީ އިން ބުނީ ޝަމްހޫޒާ އަޙުމަދު އެމްޑަބްލިއުއެސްސީގެ ޗެއާމަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން މިއަދު ވަކިކޮށްފައިވާ ކަމަށެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީ އިން ނުބުނެއެވެ.
އެމްޑަބްލިއުއެސްސީގެ ޗެއާމަންގެ މަގާމަށް ޝަމްހޫޒާ އަހުމަދު އައްޔަނު ކުރީ ޑިސެމްބަރު 26، 2023 ގައެވެ.
ޝަމްހޫޒާ އަޙުމަދު ވަނީ ކުރިން މާލޭ ސިޓީ ކައުންސިލްގެ ޑިރެކްޓަރެއްގެ މަގާމު އަދާކޮށްފައެވެ. އޭގެކުރިން ހައުސިން މިނިސްޓްރީގެ އިސް މަގާމެއް ވެސް އޭނާ އަދާކުރިއެވެ.
ޝަމްހޫޒާ އަޙުމަދު މިއަދު އެމްޑަބްލިއުއެސްސީގެ ޗެއާމަން ކަމުން ވަކިކުރި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއާއިއެކު ހުސްވި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވަނީ އޭޕްރީލް 14 ވަނަ ދުވަހު އައްޔަންކޮށްފައެވެ.
އެމްޑަބްލިއުއެސްސީ އަކީ ސަރުކާރުގެ 80 އިންސައްތަ ހިއްސާއާއި ހިޓާޗީގެ 20 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ