ދޮންދަރިއާ ބެހުނު މީހަކަށް އިއްވި 15 އަހަރުގެ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

އުމުރުން 12 އަހަރުގެ ދޮންދަރިއަށް އެކި ދުވަސް މަތިން ޖިންސީ ގޯނާކުރި މައްސަލައެއްގައި، ކުށްސާބިތުވި މީހާގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފިއެވެ.
މި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައެވެ.
ދަށު ކޯޓުގެ ހުކުމް ބިނާކޮށްފައިވަނީ ކުއްޖާގެ ބަޔާނާއި، ފޯނުގެ ފޮރެންސިކް ރިޕޯޓުގެ އިތުރުން ކުއްޖާގެ ނަފްސާނީ ރިޕޯޓުގެ މައްޗަށެވެ. މި ހެކިތަކުން ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާކަން އެނގެން އޮތްއިރު، ކުއްޖާ ކިޔައިދީފައިވާ ވާހަކަތައް ބޭރުފުށުން އެއްގޮތްކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަމުން، ކުށްވެރިވި މީހާގެ ފަރާތުން ބުނެފައިވަނީ މިއީ ކުއްޖާގެ ބައްޕަ އޭނާއާ މެދު އޮތް ޒާތީ ހަސަދައެއްގެ ސަބަބުން ކުއްޖާ ލައްވާ ދައްކުވާފައިވާ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް ހައި ކޯޓުން މައްސަލަ ބެލުމަށްފަހު ކަނޑައެޅީ ކުއްޖާ އެ ވާހަކަ ފުރަތަމަ ކިޔައިދިނީ އޭނާގެ އެއްބަފާ ދައްތައަށް ކަމަށާއި، ބައްޕައަށް އެ ވާހަކަ ކިޔައިދިނީ ދައްތަ ހިތްވަރު ދީގެން ކަމަށްވާތީ، އެއީ ޒާތީ މައްސަލައަކުން އުފައްދާފައިވާ ވާހަކައެއް ނޫން ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، ކުއްޖާގެ ބަހުގައި ހުރި ކަމަށް ފާހަގަކުރި ބައެއް ފުށުއެރުންތަކަކީ މައްސަލައިގެ އަސްލަށް ބަދަލު އަންނަ ފަދަ ޖައުހަރީ ފުށުއެރުންތަކެއް ނޫން ކަމަށެވެ. އެހެންކަމުން ދަށު ކޯޓުން ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ ރަނގަޅަށް ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ