ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)ގެ ސަބަބުން އެމެރިކާގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކެމްޕޭނެއް ފަށައިފި އެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ އިއްޔެ ވިދާޅުވީ، އެ ކޯޓާ ދެކޮޅަށް ހާރިޖީ އަދި އިގްތިސާދީ ފިޔަވަޅުތައް އެޅުމަށް ވޮޝިންޓަނުން ވިސްނަމުންދާ ކަމަށެވެ.
އިއްޔެ ފޮނުއްވި ވީޑިއޯ މެސެޖެއްގައި ރޫބިއޯ ވިދާޅުވީ، ބައިނަލްއަގުވާމީ އެންމެ ބޮޑެތި ޖިނާއީ ކުށްތައް ބެލުމަށް އައިސީސީއަށް ދީފައިވާ އަސްލު މެންޑޭޓަށް ވުރެ ބޭރަށް އެ ކޯޓުގެ އަމަލުތައް މިހާރު ގޮސްފައިވާ ކަމަށެވެ.
"އައިސީސީ އުފެއްދީ ހަމައެކަނި އެންމެ ނުރައްކާތެރި ކުށްތައް ބެލުމަށް. އެކަމަކު މިހާރު އެތަން ބަދަލުވެފައިވަނީ މާ ހަރުކަށި އަދި ހައްދުފަހަނައަޅާފައިވާ ތަނަކަށް،" އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ މުވައްޒަފުންނަށް ބިރުދެއްކުމުގެ ފުރުސަތު ސަރުކާރުން އެ ކޯޓަށް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވީ، އެމެރިކާއިން އެޅުމަށް ވިސްނަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ދަތުރުފަތުރުކުރުން މަނާކުރުމާއި ވިސާ ބާތިލުކުރުމާއި އައިސީސީގެ އޮފިޝަލުންނާއި އެ ކޯޓާ ގުޅުންހުރި ޖަމާއަތްތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކުރުން ހިމެނެ އެވެ. މީގެ އިތުރުން، އެމެރިކާގެ ރައްޔިތުންގެ މައްޗަށް އެ ކޯޓުގެ އެއްވެސް ބާރެއް ނެތް ކަމަށް އެއްބަސްވުމަށް އެހެން ގައުމުތަކަށް ހާރިޖީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުން ވެސް ހިމެނެ އެވެ.
"އެމެރިކާގެ ރައްޔިތުންނަށް އައިސީސީން ކުރިމަތިކުރުވާ ނުރައްކާތައް ނައްތާލުމަށް ކުރާ މި ކެމްޕޭނުގައި، ހާރިޖީ ގޮތުން ކުރެވެން ހުރި އެއްވެސް މަސައްކަތެއް ދޫކޮށެއްނުލާނެ،" ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.
ހަނގުރާމައިގެ ކުށްތަކާއި ނަސްލު ނައްތާލުމުގެ ކުށްތަކާ އަދި އިންސާނިއްޔަތާާ ދެކޮޅަށް ހިންގާ ޖަރީމާތައް ބެލުމަށް 2002 ވަނަ އަހަރު އުފެއްދި އައިސީސީގެ މެންބަރަކަށް އެމެރިކާ އެއްވެސް އިރެއްގައި ވެފައެއް ނުވެ އެވެ. ޓްރަމްޕްގެ ސަރުކާރުން މިފެށި އާަ ފިޔަވަޅުތަކަކީ އެ ކޯޓާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ދިގު މުއްދަތުގެ ދެކޮޅުވެރިކަމުގެ ބައެކެވެ. މީގެ ކުރިން، މިދިޔަ އަހަރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް އައިސީސީން ނެރުމާ ގުޅިގެން ވެސް، އެމެރިކާއިން ވަނީ އެ ކޯޓުގެ އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.
މިކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނުމަށް އައިސީސީން ވަނީ ދެކޮޅު ހަދާފަ އެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓާ ދެކޮޅަށް އެމެރިކާއިން ކެމްޕޭނެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ