ދިވެހި މަސްވެރިން ބާނާ ފަރުމަހުގެ ބާވަތްތައް ރިސޯޓުތަކަށް ސީދާ ވިއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ޕްރޮމޯޝަން ކުންފުނިން މަސައްކަތް ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މަސްވެރިކަން ޕްރޮމޯޓް ކުރުމަށް އުފެއްދި ކުންފުންޏަކީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ) އެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިންނަށް، ވަކިން ހާއްސަކޮށް މާލެ ސަރަހައްދާއި ރިސޯޓުތައް ގިނަ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ރިސޯޓުތަކަށް މަސް ވިއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ އަބަދުވެސް ލިބޭ ކަމަށެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ އެބައޮތް މަހުގެ ބާވަތްތައް ޕްރޮމޯޓުކުރުމަށްޓަކައި ކުންފުންޏެއް ހާއްސަކޮށްދެއްވާފައި. އެ ކުންފުނީގެ ބޭނުމަކީ ދިވެހި މަސްވެރިން ބާނާ މަސް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޕްރޮމޯޓްކޮށް، މަސްވެރިންނަށް އެ މަސް ވިއްކޭނެ ގޮތްތަކެއް ހޯދައިދިނުން،" މިނިސްޓަރު ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، މިހާރުވެސް ބައެއް ސަރަހައްދުތަކުގެ ރިސޯޓުތަކަށް މަސް ވިއްކޭނެ އިންތިޒާމުތައް ބްރިޖެއްގެ ގޮތުގައި މަސައްކަތް ކޮށްގެން އެ ކުންފުނިން ހަމަޖައްސައިދީފައިވާ ކަމަށެވެ. ނަމަވެސް، އަދިވެސް އެދެވޭ ފުރިހަމަ ހައްލެއް މިކަމަށް ނުލިބޭ ކަމަށާއި، ކުންފުނީގެ މައިގަނޑު މަގްސަދަކީ ދިވެހި ބާޒާރަށް މަސްވެރިން ބާނާ މަސް ފަސޭހައިން ވިއްކޭނެ މަގު ފަހިކޮށްދިނުން ކަމަށް ވިދާޅުވިއެވެ.
ކަންނެލި މަސްވެރިންނަށް ހުރި ދަތިތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރާ ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މި މަޝްރޫއަކީ ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަސައްކަތެވެ.
މި ފެކްޓްރީގެ މަސައްކަތް ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، މިފްކޯއިން ކަންނެލި ގަތުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް، މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝިޔާމް ދެއްވިއެވެ.
ރިސޯޓްތަކަށް ފަރުމަސް ވިއްކޭނެ ގޮތް ސަރުކާރު ކުންފުނިން އާއްމުންނަށް ހަމަޖައްސައިދޭން ފަށައިފި: ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ