މާދަމާ ރައްޔިތުން، ސަރުކާރަށް ބޮޑު އަގުލަބިއްޔަތެއް ދޭނެ: ރައީސް

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ސަރުކާރަށް ބޮޑު އަޣުލަބިއްޔަތެއް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އަދ. މަހިބަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭން އިވެންޓެއްގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން، މާދަމާގެ ވޯޓަކީ ވަރަށް މުހިއްމު ވޯޓެއް ކަން ރައީސް ފާހަގަކުރެއްވިއެވެ. އަނިޔާވެރިކަމާއި ފަސާދައަށް އެނބުރި ދާނީތޯ ނުވަތަ ސަރުކާރުން ރާއްޖެއަށް ގެންނަން ބޭނުންވާ އިސްލާހު ރާއްޖެއަށް ގެންނަން ރައްޔިތުން ބޭނުންވޭތޯ ބެލުމަށް ނަގާ ވޯޓެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 
"އަޅުގަނޑު މިކުރާ ދަތުރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން ތިބި ގޮތް އަޅުގަނޑަށް ވަރަށް ސާފު. އިރާދަކުރެއްވިއްޔާ މާދަމާ ނަގާ ވޯޓަކީ ސަރުކާރަށް ބޮޑު އަޣުލަބިއްޔަތެއް ރާއްޖެ އިން އަނެއްކާވެސް ދޭނެ ވޯޓެއް" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރާއްޖޭގެ ކަންކަން އިސްލާހު ކުރުމަށްޓަކައި އެތައް ބަޔަކު ގިނަގުނަ ގުރުބާނީތަކެއް ވެދީފައިވާ ކަމަށާއި ވޭތިވެދިޔަ ހަތް އަހަރަކީ ނާމާން ކަމެއްގެ ތެރޭގައި އުޅެން ޖެހުނު އަހަރުތަކެއް ކަމަށް ރައީސް ސޯލހު ވިދާޅުވިއެވެ. އަދާލާތު ޕާޓީގެ ލީޑަރު ޝައިހް އިމްރާން އަބްދުﷲ ގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމްރާން އަށް ނުހައްގު އަނިޔާތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. 
"އެހެން ނަމަވެސް އަޒުމަކަށް ބަދަލެއް ނާދޭ. ޖަލުގައި އިންނަވައިގެން ވެސް އެމަނިކުފާނު (އިމްރާން) ކުރެއްވީ އިސްލާހީ މަސައްކަތް. މިއީ އާދައިގެ ކަމެއް ނޫން އެއްގޮތަކަށް ވެސް. އެހެންވީމަ އަޅުގަނޑު ހަމަގައިމުވެސް މިހުރީ ޝައިހް އިމްރާނާ އެކު" ރައީސް ވިދާޅުވިއެވެ.
އަދާލަތުގެ ކެންޑިޑޭޓަށް މަހިބަދޫގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންވެސް ވޯޓު ދެއްވުމަށް ރައީސްގެ ވާހަކަފުޅުގައި އެދިލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އަދާލަތަށް ދޭ ކޮންމެ ވޯޓަކީ ވެސް ހަމަ ސަރުކާރަށް ދެވޭ ވޯޓެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ