ސަރުކާރުން ހަރަދު ކުޑަކުރާ ތަން އެބަ ފެނޭ: އެމްއެމްއޭ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕް ކުރުން ހުއްޓާލައި ހަރަދުތައް ކުޑަކޮށްފައިވާ ތަން ފެންނަ ކަމުގައި މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވެއްޖެއެވެ
މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވީ ސަރުކާރުގެ ކެޕިޓަލް ހަރަދު ވެސް ދަށްވެފައިވާ ކަން ހިސާބުތަކުން ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު ކެޕިޓަލް އެކްސްޕެންޑިޗާ 3.2 ބިލިއަން ރުފިޔާގައި ހަރަދުކޮށްފައިވާއިރު މި ސަރުކާރުން މިއަހަރުގެ އެ މުއްދަތުގައި ކުރި ހަރަދު މިހާތަނަށް އެއް ބިލިއަނަށްވެސް ނާރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމަށް ދައުލަތުގެ ހަރަދުތައް އެކި ދިމަދިމާލުން ކުޑަކޮށްފައިވާ ކަމަށާއި މި ސަރުކާރުން ޑޮމެސްޓިކް މާކެޓުން ފައިސާ ނަގައިގެން ކޭޝް ފްލޯ މެނޭޖްކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ޑޮމެސްޓިކް މާކެޓުން ވެސް މާބޮޑު އަދަދެއް ނުނަގާ ކަމަށާއި 200 މިލިއަން ރުފިޔާ އަށް ވުރެ ދަށް އަދަދެއް ނެގި ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ހިސާބުތަކުން ފެންނަ ގޮތުންވެއްޖެއްޔާ ވަރަށް ބޮޑަށް އެބަ ފެނޭ ހާއްސަކޮށް ކެޕިޓަލް އެކްސްޕެންޑިޗާސް ވަރަށް ބޮޑުތަނުން ދަށްވެފައިވާ ކަން. މާޗްގެ މިހާ ހިސާބަށް ބަލާލާއިރު ކެޕިޓަލް އެކްސްޕެންޑިޗާސް 2023 ގައި 3.2 ބިލިއަންގައި އުޅުނުއިރު މިހާތަނަށް އެއް ބިލިއަނަށްވެސް ނާރާ. މުޅި ޖުމްލަ ހަރަދުތަކަށް ބަލާއިރު ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ ކޮންޓްރެކްޝަނެއް އެބަ ފެނޭ ސަރުކާރުގެ އެކްސްޕެންޑިޗަރ ސައިޑުން، އަޅުގަނޑު ހިތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމަށް ދައުލަތުގެ ހަރަދުތައް އެކި ދިމަދިމާލުން ކޮންޓްރެކްޓް ކުރެވިފައިވަނީ، އޭގެ އިތުރުން ޑޮމެސްޓިކް މާކެޓުން ފައިސާ ނަގައިގެން ކޭޝް ފްލޯ މެނޭޖް ކުރަމުންދާތަން މި ފެންނަނީ. އަޅުގަނޑުގެ މައުލޫމާތުތަކަށް ބަލާލާއިރު ގާތްގަނޑަކަށް މާބޮޑު އަދަދެއް ޑޮމެސްޓިކް މާކެޓުން ވެސް ނަގާފައެއް ނެތް. ގާތްގަނޑަކަށް 200 މިލިއަނަށްވުރެން ދަށް އަދަދެއް މި ފެންނަނީ މާކެޓުން ސެކިއުރިޓީ އިޝޫކޮށްގެން ކޭސް ފްލޯ މެނޭޖްކުރިތަން" އިމާދު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން މި ސަރުކާރުގެ ކެޕިޓަލް އެކްސްފެންޑިޗާގެ އިތުރުން ރީކަރަންޓް އެކްސްޕެންޑިޗާގެ އަދަދު ވެސް ވަނީ ދަށްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މާރޗް 14 ގައި 6 ބިލިއަން ރުފިޔާ ހަރަދުކުރިއިރު މި ސަރުކާރުން މިއަހަރުގެ އެ މުއްދަތުގައި ޚަރަދު ކުރީ ފަސް ބިލިއަން ރުފިޔާއެވެ.
މީގެއިތުރުން މިދިޔަ އަހަރުގެ މާރޗް 14ގައި ކެޕިޓަލް އެކްސްފެންޑިޗާ އާއި ރީކަރަންޓް އެކްސްޕެންޑިޗާއަށް މިދިޔަ ސަރުކާރުން ނުވަ ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އެހެންނަމަވެސް މި ސަރުކާރުން މިއަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވަނީ ޖުމްލަ ހަތް ބިިލިއަން ރުފިޔާއެވެ. އެހެންކަމުން ދެ ބިލިއަން ރުފިޔާގެ ތަފާތެއް ޚަރަދުގެ ގޮތުން ބަލާނަމަ އެބައުޅެއެވެ.
މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމާދު ވަނީ ފާއިތުވި ތިން މަހު ގްރޮސް ރިޒާވްގައި އެމްއެމްއޭގެ މިންގަނޑާ އެއްގޮތަށް ގާތްގަނޑަކަށް 580 މިލިއަން ޑޮލަރު އެބަހުރި ކަމަށް ވިދާޅުވެފައެވެ. އަދި އަހަރު ނިމޭ އިރު، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގައި އެ އަދަދު ހިފެހެއްޓޭނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އައިއެމްއެފްގެ ޕެކޭޖަކަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅުވައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމާދު ވިދާޅުވީ އެފަދަ ކަމެއްގެ މައުލޫމާތެއް ރަސްމީ ސިފައެއްގައި އަދި ލިބިފައި ނެތް ކަމަށެވެ.
އިމާދު ވިދާޅުވީ މި އަހަރު އިގުތިސާދު ކުރިއަރާ ވަރު 5.4 ޕަސަންޓުގައި ހުރި އިރު، ލަފާކުރި ވަރަށް ވުރެ އިތުރަށް ފުރަތަމަ ތިން މަހުގެ އާމްދަނީ ވެސް އިތުރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ