އިގްތިޞާދަށް ވަންނަ ޑޮަލަރު މަދު، ބޭރު ސައިޓުތަކުން ވިޔަފާރި ކުރުމަށްވުރެ ޒަރޫރީ ކަންކަމަށް އިސްކަންދޭންޖެހޭ: ބީއެމްއެލް
ދިވެހި ރާއްޖެއަކީ 100 ޕަސެންޓް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ބޭރުގެ އޮންލައިން ސައިޓުތަކުން ވިޔަފާރި ކުރުމަށްވުރެ ޒަރޫރީ ކަންކަމަށް އިސްކަންދޭން ޖެހޭކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއަކީ ވަރަށް ގިނަ އަދަދެއްގެ ބަޔަކާއި ގުޅިފައިވާ ބޭންކެއް ކަމަށެވެ. އެހެންކަމުން އެ ބޭންކުން ގެންނަ ކޮންމެ ބަދަލަކީ ވަރަށް ގިނަ ބަޔަކާ ގުޅިފައިވާ އޭގެ ސަބަބުން ގިނަ ބަޔަކަށް އަސަރުކުރާނެ ބަދަލެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސައީދު ވިދާޅުވީ އެ ބޭންކުން ގެންނަ ކޮންމެ ބަދަލަކީ އެކަމަކާ ދޭތެރޭގައި ވަރަށް ބޮޑަަށް ވިސްނުމަށްފަހު ހާލަތަށް ވަރަށް ބޮޑަށް ރިއާޔަތްކުރުމަށްފަހު ގެންނަ ބަދަލުތައް ކަމަށެވެ. ބީއެމްއެލްއަށް ބަލާލާއިރު ސީއީއޯއިން ފެށިގެން މުޅި ޓީމުގައިހެން މަސައްކަތްކުރަނީ ދިވެހީންކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ގެންނަ ކޮންމެ ބަދަލަކާއި ގުޅިގެން އެ ބަދަލުގެ އަސަރު އެ ބޭންކުގެ މުވައްޒަފުންގެ އާއިލާތަކަށް ވެސް ކުރާނެ ކަމަށެވެ. އެހެންކަމުން އެ ބޭންކުން ނިންމާ ނިންމުންތަކަކީ ވަރަށް ޕްރޮފެޝަނަލް ކަމާއެކު ނިންމާ ނިންމުންތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ. މިފަހުން ބީއެމްއެލްއިން ގެނައި ބަދަލުތަކާއި ގުޅިގެން ސައީދު ވިދާޅުވީ، ބަދަލު ގެންނަނީ އެއިރެއްގެ ހާލަތަށް ރިއާޔަތްކޮށް ކަމަށާއި މީގެ ކުރިން ކޮވިޑް 19 ގެ ދުވަސްވަރު 2020 ވަނަ އަހަރު ވެސް މި ބަދަލުތައް ބޭންކުން ގެނެސްފައިވާ ކަމަށެވެ. އަޑުއައްސަވައިފައި ކަންނޭނގެ އޮންނާނީ ހަމަ ކޮވިޑާ ހިސާބުން ގާތްގަނޑަކަށް 2020 ވަނަ އަހަރު ވެސް އަޅުގަނޑުމެން ލިމިޓުތަކަށް ބަދަލުގެނައިން. ބަދަލު މި ގެންނަ ސަބަބަކީ އަޅުގަނޑުމެން މި ގެންނަ ބަދަލަކީ ރުފިޔާ ކާޑުތަކުން ނުވަތަ ރުފިޔާ އެކައުންޓުން އެ ކުރާ މުއާމަލާތްތަކަށް ބޭންކުން ޑޯލަރު ވިއްކަންޖެހޭ ހާލަތަަށް އަޅުގަނޑުމެން އަބަދުވެސް ގެންނަ ބަދަލެއް. އެ ހާލަތާ ގުޅިގެން ކާޑުގެ ލިމިޓުތައް ނުވަތަ ކާޑުތަކަށް ދޫކުރާ އަދަދު ނުވަތަ ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު، މިގޮތަށް އަޅުގަނޑުމެން އެކި ލިމިޓުތައް ކަނޑައަޅަނީ. ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސައީދު ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިޞާދާއި ބީއެމްއެލްއާ އޮންނަނީ ބަރަށް ބޮޑަށް ގުޅިފައި ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިޞާދަށް ރަނގަޅު ބަދަލު އަންނަކަމުގައިވާނަމަ ބީއެމްއެލްއަށް ވެސް ރަނގަޅު ބަދަލު އަންނަކަމަށާއި ބޭންކަަށް އަންނަ ރަނގަޅު ބަދަލާއެކު އިގްތިޞާދަށް އޭގެ އަސަރުކުރާކަމަށެވެ. އަދި އިގްތިޞާދު ހީނަރުވާނަމަ އޭގެ އަސަރު އެންމެ ބޮޑަށްކުރާ އެއް މުއައްސަސާއަކީ ބޭންކް އޮފް މޯލްދިވްސްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ސައީދު ވިދާޅުވީ އެ ބޭންކުން މި އަހަރު ފަށާފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި ނަމަވެސް މެދުއިރުމަތީގައި ފެށި ހަނގުރާމައާއެކު އެންމެ ބޮޑު ލޮޅުމެއް އައި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ ގާތްގަނޑަކަށް ޖީޑީޕީގެ 80 ޕަސެންޓު ފަތުރުވެރިކަމާއި ގުޅިފައިވާ ގައުމެއްކަމަށާއި ހަނގުރާމައާ ގުޅިގެން ފަތުރުވެރިން އަންނަ އައުން މަދުވުމަކީ ރާއްޖެއަށް ވަންނަ ޑޮލަރު މަދުވުން ކަމަށެވެ. އަދި އިގްތިޞާދަށް ވަންނަ ޑޮލަރު މަދުވާނަމަ ބީއެމްއެލްއަށް އޭގެ އަސަރު ކުރާނެކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އެހެންވީމަ އަޅުގަނޑުމެން މި ބަދަލުމިގެނައީ ކުރުކޮށް ދަންނަވައިކަމުގައިވާނަމަ އަޅުގަނޑުމެންނަށް ގަންނަން ލިބޭ ޑޮލަރުގެ ނިސްބަތުން ބަލާއިރު އަޅުގަނޑުމެން ވިއްކަންޖެހޭ ޑޮލަރު، އެއީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ވިއްކަންޖެހޭ ޑޮލަރުގެ ނިސްބަތް މަތިވުމާއެކީގައި އެކަމަށް ބައެއް ހައްލު ގެނައުމުގެ ގޮތުން. ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސައީދު ސައީދު ވިދާޅުވީ ރާއްޖެއަކީ 100 ޕަސެންޓް އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމެއްކަމުން ރާއްޖެއަށް އެންމެ ބޭނުންތެރި ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދޭން ޖެހޭކަމަށެވެ. އެގޮތުން އެންމެ އިސްކަމެއްދެނީ ތެލާއި ކާބޯތަކެއްޗާއި، ބޭހާ ގުޅުންހުރި ކަންކަމަށް ކަމަށާއި އޮންލައިން ސައިޓްތަކުން ވިޔަފާރިކުރުމަށްވުރެ އެ ކަންކަން މުހިންމު ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބީއެމްއެލްއިން ވަނީ ރުފިޔާ ކާޑުތަކަށް މިހާރު ވެސް ދުވާލެއްގެ މައްޗަށް 1.33 މިލިއަން ޑޮލަރު ވިއްކަމުން އަންނަ ކަމަށާއި އެ ބޭންކަށް ލިބޭ ޑޮލަރުގެ އާމްދަނީ އިތުރުވުމުން އެ ކާޑުތަކުގެ ލިމިޓަށް އިތުރު ބަދަލުތައް ގެންނާނެ ކަމަށް ބޭންކުން ބުނެފިއެވެ. https://sun.mv/221674 ބީއެމްއެލްއިން ރުފިޔާ ކާޑަށް ދެމުންގެންދާ ޑޮލަރު ލިމިޓް މި ފަހުން ވަރަށް ބޮޑަށް ކުޑަކޮށްފައިވާތީ އާއްމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެގޮތުން، ސަބްސްކްރިޕްޝަންތަކަށާއި އޮންލައިން ވިޔަފާރިތަކަށް ބީއެމްއެލްގެ ރުފިޔާ ކާޑު ގިނަ ފަހަރަށް ބޭނުން ނުކުރެވޭކަމުގެ ޝަކުވާ ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ