ހުރިހާ ބޭސްތައް އެއްތަނުން ލިބޭނެ ސަރުކާރުގެ ބޭސްފިހާރައެއް އައިޖީއެމްއެޗުގައި ގާއިމުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެއިން ބޭރުން ބޭސް ގެނައުމުގައި އާންމުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައަށް މައުލޫމާތު ސާފުކުރަން، އެ ކޮމިޓީން މިއަދު ވަނީ ކަމާބެހޭ ހަތަރު ފަރާތަކާއި ބައްދަލުކޮށްފަ އެވެ. އެގޮތުން، މިއަދު ބައްދަލުކުރި ތަންތަނަކީ:
އެސްޓީއޯ
އާސަންދަ
އެންސްޕާ
ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން
ތަފްސީލް - ރާއްޖެއަށް ބޭސް އެތެރެކުރަން ސަރުކާރުން އުފައްދާފައިވާ ބޭސް ކުންފުންނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މި ބައްދަލުވުމުގައި ވިދާޅުވީ، އައިޖީއެމްއެޗުގައި އަންނަ ހަފްތާތެރޭގައި އެތަން ގާއިމުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ ހޮސްޕިޓަލަށް ބޭނުންވާ ބޭސްތައް އެތަނުގައި ބެހެއްޓޭތޯ. ދެން ވަގުތުކޮޅެއް ނަގާނެ މިކަން ސްޓްރީމްލައިން ކުރަން. ހަަމަ ގައިމު ވެސް ރާއްޖެއިން ލިބެންހުރި ހުރިހާ ބޭހެއް އެ ފާމަސީން ލިބޭނެ ގޮތަށް މިހާރު ބައްޓަން ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ޝާހު އިތުރަށް ވިދާޅުވީ، އައިޖީއެމްއެޗްގަައި އެޑްމިޓުކޮށްގެން ފަރުވާދޭ މީހުުންނަށް ވެސް އެ ބޭސް ފިހާރައިން ހުރިހާ ބޭހެއް ލިބޭނެގޮތް ހަދާނެ ކަމަށެވެ. ޝާހު ވިދާޅުވި ގޮތުން:
ރާއްޖެއިން ބޭސް ލިބުމުގައި ދަތިވާ މައިގަނޑު ސަބަބަކީ ބޭހުގެ ތަފާސްހިސާބުތަކެއް ވަގުތުން ބަލައިލެވެން ނުހުންނާތީ
ހުސްވެފައިވާ ބޭސްތަކާއި ބޭސްތައް ހުރި ތަންތަން އެނގޭނެ ގޮތަށް އެ މައުލޫމާތު ވަގުތުން ބަލާލެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރެވޭ
އޭރުން ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބޭސްތައް ވެސް ގެނައުން އަވަސްވާނެ
ކޮންމެހެން ބޭނުންވާ ޒަރޫރީ ބޭސްތައް ވެސް ރާއްޖޭގައި ލިބެން ނުހުުންނަ މައްސަލައަކީ، ގައުމީ މައްސަލައެއްގެ ގޮތުގައި ބަލައި ހައްލު ގެންނަންޖެހޭ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެކަން ހައްލުނުވާންވީ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުރިހާ ބޭހެއް ލިބޭނެ ބޭސްފިހާރައެއް އަައިޖީއެމްއެޗުގައި ގާއިމުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ