ބަސް ނާހާ ހަވީރު ފިންޏަށް ނިކުންނާކަށް އަދި ނުވޭ!

މީގެ މަހެއް ހާ ދުވަސް ކުރިޔަށް ބަލާއިރު އާއްމުންގެ މީހެއް މަގުމައްޗަށް ނިކުންނަނީ ވަރަށް މަދު ފަހަރެއްގައެވެ. ދޮޅު މަސް ފާއިތުވެގެން ދިޔައިރު އެ ދުވަސްތަކުގެ ތެރޭގައި އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުނިކުންނަ މީހުން އެބަތިއްބެވެ. އެއީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންންނާއި، ތިމާއަކީ ގޭގެ ތެރެއަށް ބަލި ވައްދާ މީހާއަށް ނުވުމަށެވެ.
މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑުގެ ކޭސްއެއް ފެނުމާއި އެކު މުޅި މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރިއެވެ. ދުނިޔޭގެ އެތައް ގައުމެއް ކޮވިޑުގެ ސަބަބުން ސުންނާފަތިވަމުން ދާއިރު މި ރާއްޖޭގެ ސިއްހީ ދާއިރާއަކީ ބަލި ކޭޓަރ ކުރެވޭނެ ވަރުގެ ނިޒާމެއް ނޫނެވެ. ރާއްޖޭގެ ރަށްތަކަކީ އެހާ ވަސީލަތްތައް މަދު، އަދި ބޭސްފަރުވާގެ އެއްވެސް ގޮތެއް ނެތި އޮތް ރަށްތަކެކެވެ. އެހެން ކަމުން މާލެއިން މި ބަލި ބޭރުވިޔަ ނުދީ ބަލި ކޮންޓްރޯލް ކުރުމަށް ކުރީ ބޮޑު އަދި އެހާމެ ބުރަ މަސައްކަތެވެ.
ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް ބޮޑު ތަޅުއެޅީ ދިވެހި ރާއްޖޭގެ އިގްތިސޯދުގައެވެ. ގައުމުގެ މައި ދޮރާށި ބަންދުކޮށް ފަތުރުވެރިކަން އެއްކޮށް ހުއްޓާލީއެވެ.
ބަލި ފެތުރުމުގެ ސާކަލްއަށް ބޮޑު ބަދަލެއް އައިސް ކޭސްތަށް މަދުވާން ފެށުމާއި ގުޅިގެން، ލޮކްޑައުންއަށް ލުއިތަކެއް ދީ ފޭސްތަކަކަށް ބަހާލިއެވެ. އެގޮތުން ފޭސް ދޭއްގެ ދަށުން މާލޭގެ މަގުތަކަށް ހުއްދައަކާއި ނުލާ ނިކުމެވޭގޮތަށް އުސޫލު ބަދަލު ކުރުމާއި އެކު ފެނުނީ ”އެއް ފަހަރާ އެތައް އީދެއް“ އައި މަންޒަރެވެ.
ސިއްހީ މާހިރުންގެ ބަހަށް ބޯލެނބުމެއް ސަމާލުކަމެއް ދިނުމެއް ނެތި، އެއްތަނުން އަނެއް ތަނަށް ދުވެ ނަގަނީއެވެ. ކެފޭ، ރެސްޓޯރެންޓުތަކުން ޑައިންއިންގެ ހިދުމަތް ނުދިން ނަމަވެސް ޓޭކްއަވޭގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދާއިރު ހެދިކާކޮޅަކާއި ކޮފީއެއް ނަގައިގެން މަގުތަކުގައި ބޮޑެތި ގްރޫޕްތައް ހަދައިގެން އެތައް ބަޔަކު އެބަތިބެއެވެ. ސޯޝަލް ޑިސްޓެންސިންއަށް ދެނީ ބީރު ކަންފަތެކެވެ. ކޮފީތައްޓެއް ހިފައިގެން ތިބެ ބަލީގެ ނުރައްކާތެރިކަމާއި މެދު ޑޮކްޓަރުން ދައްކަމުން ގެންދާ ވާހަކަތަކަށް ޖޯކު ޖަހަމުންދާއިރު ތިމާ ވަށައިގެން ތިބި މީހުންގެ ތެރޭގައި ބަލީގެ އަސަރު ހުރި މީހަކު ނެތްކަމާއި މެދު އޮތީ ކިހާވަރެއްގެ ޔަގީންކަމެއް ބާއެވެ؟ މިއީ އާދައިގެ ރޯގާއެއްކަމަށް، ޕެނަޑޯލް ގުޅައެއް ކާލައިގެން ރަނގަޅުވާނެ ކަމަށް މިއަދު އެތައް ބަޔަކު އެބަދެކެއެވެ. ރާއްޖޭގެ ގިނަ މީހުންގެ ލޯމަތީން ބައްޔާއި މެދު މާބޮޑު ހާސްވުމެއް ކަންބޮޑުވުމެއް ހުރިތަން ނުފެނެއެވެ.
ކޮންމެ ދުވަހަކު ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކާއި، ސޯޝަލް މީޑިއާގައި ޑޮކްޓަރުން ދެއްވާ އިރުޝާދާއި ލަފައަށް އަމަލު ކުރަނީ ކިތައް މީހުންތޯ ހަގީގަތުގައިވެސް ސުވާލު އުފެދެއެވެ. އާއްމުން ތަންތަނަށް އެއްނުވުމަށް އިލްތިމާސްކުރުމުން އެންމެ ފުރަތަމަ ވެސް ގޮވަމުން ދިޔައީ ސްކޫލުތައް ބަންދު ކުރުމަށެވެ. ސަބަބަކީ، މި ވައިރަސްގައި ކުޑަކުދިންނަކީ ހައި ރިސްކް ކެޓަގަރީގެ ބަޔަކަށް ވުމެވެ. އަދި ކޮލެޖް ޔުނިވާސިޓީތަކުގެ ކިޔެވުންތައް ބަންދުކުރުމަށް ސޯޝަލް މީޑިއާގައި ދިޔައީ އަޑުއުފުލަމުންނެވެ.
ސްކޫލުތައް ވެސް ބަންދު ކުރުމަށްފަހު ޖުލައި މަހުގެ އެއްވަނަ ދުވަހު ބަލީގެ ނުރައްކާ ނެތް ރައްތަކުގައި ވަކި ގައިޑްލައިންތަކަކާއި، އެސްއޯޕީއެއްގެ ދަށުން ކިޔެވުން ހަތަރު ގަޑިއިރަށް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެ ނިންމުމާއި އެކު އަނެއްކާވެސް އެންމެން އަވަސްވެގަތީ ސޯޝަލް މީޑިއާ ކައްކުވާލާ ސްކޫލުތައް ހުޅުވާ ސަބަބާއި މެދުއެވެ. ދަރިން ސްކޫލަށް ނުފޮނުވާނެކަމަށް އެތައް ބަޔަކު ބުނާއިރު މާލޭގެ މަގުތަކުން ފެންނަނީ ހަމަ އެ ކަންބޮޑުވުން ތޯ ހިތައް އަރައެވެ. އެއްވެސް ގޮތަކަށް، ހުރިހާ ބެލެނިވެރިންގެ ވާހަކައެއް ނޫންނެވެ. އެހެން ނަމަވެސް، މިއީ މަދުންނަމަވެސް ދިމާވާން ފަށާފައިވާ މައްސަލައެކެވެ. އިރުޝާދެއް ދެނީ، އެންމެގެ ސަލާމަތަށެވެ. އެހެން ކަމުން ވިސްނާލަންޖެހޭ ކަންތަކެއް ހުންނާނެއެވެ.
ރާއްޖޭގައި އެޅި ވަރުގަދަ ފިޔަވަޅުތައް ލުއި ކުރުމާއި އެކު މުޅި މާލެތެރެ ހަލަބޮލި ވެއްޖެއެވެ. އިގްތިސޯދުގެ ވެރި ބޮޑެތި ގައުމުތަކަށް ވީގޮތް ރާއްޖެއަށް ވާން އެއްވެސް މީހެއް ބޭނުމެއް ނުވާނެއެވެ. ޓޭކްއަވޭގެ ހިދުމަތް ދޭ ތަންތަން ތޮއްޖެހިފައެވެ. ރާޅުގަނޑު ސަރަހައްދުގެ ބްރިކް ޕްލެޓުފޯމް ފުރިހަފައެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ތިބެން ޖެހި ލުއިތައް ލިބުމުން ބޭރަށް ނިކުތުން އެއީ އިންސާނީ ތޮބިއްޔަތުގައި ވެސް ހުންނާނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެއީ އަދި އުޒުރެއް ނޫނެވެ. ފިނިވައި ޖައްސާލުމަށް ބޭރު މަގުމައްޗަށް ނިކުމެލުމާއި މަގުތަކަށް ސަކާރާތުގެ ތެރެއަށް ހަވީރު ފިންޏަށް ނިކުންނަނަމަ އެއީ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ