ނުކިޔަމަންތެރިވާ ދަރިވަރުންގެ ގައިގައި ޖެހުމުގެ ހުއްދަ ޓީޗަރުންނަށް ދޭން ސިންގަޕޫރުން ނިންމައިފި
ސިންގަޕޫރުގެ ސްކޫލްތަކުގައި ކިޔަވާ އުމުރުން ނުވަ އަހަރުގެ ކުދިންނަށް ވެސް، އަދަބެއްގެ ގޮތުން ގައިގައި ޖެހުމުގެ ހުއްދަ ޓީޗަރުންނަށް ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މިއީ ސްކޫލްތަކުގައި ކުދިންނަށް ބުލީކުރުން ހުއްޓުވުމަށްޓަކައި އެކުލަވާލި އާ ސިޔާސަތުގެ ދަށުން ތައާރަފުކުރި ފިޔަވަޅެކެވެ. ސިންގަޕޫރުގެ ތަޢުލީމާ ބެހޭ ވަޒީރު ޑެސްމަންޑް ލީ، ގާނޫނުހަދާ މަޖިލީހުގައި ވިދާޅުވި ގޮތުގައި، ސްކޫލްތަކުގައި ކުދިންގެ ގައިގައި ޖެހުމަކީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ބޭނުންކުރާނެ ކަމެކެވެ. އެގޮތުން އެހެން ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ވެސް ކުއްޖާގެ އުޅުން އިސްލާހު ނުކުރެވިއްޖެ ހާލަތެއްގައި، ކުށުގެ ކުޑަބޮޑުމިނަށް ބަލައި މި ފިޔަވަޅު އެޅުމުގެ އިޚުތިޔާރު ސްކޫލްތަކަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ނިންމުމަކީ ގާތްގަނޑަކަށް 2،000 މީހުންގެ ޚިޔާލު ހޯދައިގެން، އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ދިރާސާއަކަށްފަހު ނިންމި ނިންމުމެކެވެ. ސިންގަޕޫރުގެ ތައުލީމާ ބެހޭ ވަޒީރު ޑެސްމަންޑް ލީ-- ފޮޓޯ: ސީއެންއެން މި އާ ސިޔާސަތުގެ ދަށުން، ކުދިންނަށް އަދަބު ދިނުމުގައި ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. ވަޒީރު ލީ ފާހަގަކުރެއްވި ގޮތުގައި، ކުއްޖެއްގެ ގައިގައި ޖެހޭނީ ހަމައެކަނި ސްކޫލްގެ ޕްރިންސިޕަލްގެ ހުއްދަ ލިބިގެން، އަދި އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ މުދައްރިސުންނަށެވެ. މީގެ އިތުރުން، މި އަދަބު ދެވޭނީ ހަމައެކަނި ފިރިހެން ކުދިންނަށެވެ. އެއީ އުމުރުން ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނާއި އެއަށްވުރެ ދޮށީ އުމުރުގެ ކުދިންނަށެވެ. މި އުސޫލުގެ ދަށުން އެންމެ ގިނަވެގެން ޖެހޭނީ ތިން ފަހަރެވެ. އުސޫލު ބުނާގޮތުން އަންހެން ކުދިންނަށް މި އަދަބު ނުދެވޭނެއެވެ. އޭގެ ބަދަލުގައި އަންހެން ކުދިންނަށް ދޭނީ ސްކޫލުން ސަސްޕެންޑް ކުރުން ފަދަ އަދަބުތަކެވެ. ސައިބާބުލީކުރުން ނުވަތަ އިންޓަނެޓް މެދުވެރިކޮށް ގަނާކުރުމުގެ މައްސަލަތަކުގައި ވެސް މި އަދަބު ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ސިންގަޕޫރުގެ ތަޢުލީމާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ގޮތުގައި، މި އަހަރުގެ ނިޔަލަށް ހުރިހާ ސްކޫލަކުން ވެސް މި ސިޔާސަތުތައް އެކުލަވާލަން ޖެހޭނެއެވެ. އަދި އަންނަ އަހަރުން ފެށިގެން މުޅި ގައުމުގައި މި އުސޫލުތަކަށް އަމަލުކުރަން ފަށާނެއެވެ. އަދަބު ދިނުމަށްފަހު ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަން މޮނިޓާކޮށް، ކައުންސެލިން ދިނުމަކީ ވެސް ސްކޫލްތަކަށް ލާޒިމުކޮށްފައިވާ ކަމެކެވެ. ސްކޫލްތަކުގައި ކުދިންނަށް ޖިސްމާނީ އަދަބު ދިނުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު މަނާކޮށްފައިވާ ކަމެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަހަރަކު 1.2 ބިލިއަން ކުދިންނަށް ޖިސްމާނީ އަދަބު ލިބެއެވެ. އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، ކުދިންނަށް ޖިސްމާނީ އަދަބު ދިނުމަކީ އެ ކުދިންގެ ސިއްހަތަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ. އަދި މިފަދަ އަދަބުތައް ލިބޭ ކުދިންގެ ސިކުނޑީގެ ތަރައްގީއަށް ހުރަސްއެޅި، އާންމު ކުދިންނާ އަޅާބަލާއިރު އެ ކުދިންގެ ތަރައްގީ 24 އިންސައްތަ ދަށްވާކަމަށް ސައިންސުގެ ހޯދުންތަކުން ސާބިތުވެފައިވާކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައިވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން އެފްރިކާ އަދި މެދުތެރޭ އެމެރިކާގެ ސްކޫލްތަކުގައި 70 އިންސައްތަ ކުދިންނަށް ޖިސްމާނީ އަދަބު ލިބޭއިރު، ހުޅަނގު ޕެސިފިކް ސަރަހައްދުގައި މި ނިސްބަތް އުޅެނީ 25 އިންސައްތައިގައެވެ. މީގެ އިތުރުން، ޖިސްމާނީ އަދަބު ލިބޭ ކުދިން ބޮޑުވުމަށްފަހު ވެސް ނަފްސާނީ ބަލިތަކާއި ޑިޕްރެޝަން ފަދަ މައްސަލަތަކާ ކުރިމަތިލާންޖެހުމުގެ ފުރުސަތު ބޮޑުކަމަށް ޑަބްލިއުއެޗްއޯގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ހަމައެކަނި ގާނޫނަކުން މިކަން މަނާކުރުމުގެ ބަދަލުގައި، މައިންބަފައިންނާއި މުދައްރިސުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގައި، ކުދިން ތަރުބިއްޔަތުކުރުމުގައި ބޭނުންކުރެވިދާނެ އެހެން ގޮތްތައް ދަސްކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ ލަފާދީފައެވެ. ސިންގަޕޫރަކީ ގާނޫނުތައް ތަންފީޒުކުރުމުގައި ވަރަށް ހަރުކަށި ގައުމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ގައުމެކެވެ. މިގޮތުން 1993 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި ހާދިސާއެއްގައި، އެ ގައުމުގައި ދިރިއުޅެމުންދިޔަ އެމެރިކާގެ 18 އަހަރުގެ ޒުވާނެއް ކަމަށްވާ މައިކަލް ފޭ ވަނީ 10 ދުވަހުގެ ތެރޭގައި 18 ކާރަކަށް ގެއްލުންދީ، މަގުމަތީގެ ނިޝާންތަކެއް ވަގަށް ނަގާފައެވެ. މި މައްސަލައިގައި 1994 ވަނަ އަހަރުގެ މާރިޗު މަހު ސިންގަޕޫރުގެ ކޯޓަކުން އޭނާގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވައި، 3،500 ސިންގަޕޫރު ޑޮލަރުން ޖޫރިމަނާކޮށް، ހަ އެތިފަހަރުން ގައިގައި ތެޅުމަށް ހުކުމްކުރިއެވެ. މި ހުކުމާ ގުޅިގެން އެމެރިކާގެ އޭރުގެ ރައީސް ބިލް ކްލިންޓަން ވަނީ އެ އަދަބު ލުއިކޮށްދެއްވުމަށް ސިންގަޕޫރު ސަރުކާރުގައި އެދިވަޑައިގެންފައެވެ. އެމެރިކާގެ ބޮޑެތި ޕްރެޝަރުތަކާ ހުރެ، ސިންގަޕޫރުން ވަނީ އެ އަދަބު ހަތަރު އެތިފަހަރަށް ކުޑަކޮށްދީފައެވެ. ނަމަވެސް، ބޭރު ގައުމެއްގެ ރައްޔިތަކަށް ވިޔަސް، ސިންގަޕޫރުގެ ގާނޫނުތައް ތަންފީޒުކުރާނެކަން ސާބިތުކޮށްދެމުން، 1994 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު އެ އަދަބު ވަނީ ދީފައެވެ. މައިކަލް ފޭގެ މައްސަލައަކީ ސިންގަޕޫރުގެ ތާރީޚުގައި ވެސް ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނު އެއް މައްސަލައެވެ. އެމެރިކާގެ މީޑިއާތަކުން ސިންގަޕޫރުގެ މި ގާނޫނަކީ ރަހުމްކުޑަ ގާނޫނެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ސިންގަޕޫރު ސަރުކާރުން ވަނީ އެ ގައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި މިފަދަ ހަރުކަށި އަދަބުތައް މުހިންމުކަމަށް ބުނެފައެވެ. މިއަދާ ހަމައަށް ވެސް ސިންގަޕޫރުގައި 50 އަހަރުން ދަށުގެ ފިރިހެނުންނަށް ބޮޑެތި ކުށްތަކުގައި ގައިގައި ތެޅުމުގެ އަދަބު ދެމުންގެންދެއެވެ. ސްކޫލްތަކުގައި ބުލީކުރުން ހުއްޓުވުމަށް ސިންގަޕޫރުން މި އެޅި އާ ފިޔަވަޅަކީ، ކުދިންގެ އުޅުން އިސްލާހުކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން އެ ގައުމުން ގަބޫލުކުރާކަން އަންގައިދޭ ކަމެކެވެ. ވަޒީރު ލީ ވިދާޅުވި ގޮތުގައި، ކުދިންނަށް ރަނގަޅު ގޮތްތައް އިޚުތިޔާރުކުރަން ދަސްވަނީ، ކުށެއް ކޮށްފިނަމަ އޭގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެކަން ސާފުކޮށް އެނގިގެންނެވެ. މި އާ ސިޔާސަތުތަކާއެކު، އަންނަ އަހަރުން ފެށިގެން ސިންގަޕޫރުގެ ސްކޫލްތަކުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. އަދި މި އުސޫލުތައް ތަންފީޒުކުރަން ފެށުމުން، ސްކޫލްތަކުގައި ހިނގާ ބުލީކުރުމުގެ މައްސަލަތަކަށް އަންނަ ބަދަލުތައް މޮނިޓާކުރުމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ