ފުލޮޓިއްލާ މެންބަރުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ޙާލުގައި ޖެހިފައިވާ ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށް ޣައްޒާއަށް ދަތުރުކުރި ފްލޮޓިއްލާގައި ހިމެނޭ ދެ މެންބަރުން ޔަހޫދީން ވަގަށް ނަގައި މުއްދަތު ޖަހާފައި ވަނިކޮށް، ޔަހޫދީ ކޯޓުން އެ ދެ މީހުންގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރު ހަ ދުވަހަށް އިތުރުކޮށްފިއެވެ.
ސްޕެއިންގެ ރައްޔިތެއް ކަމަށްވާ ސައިފް އަބޫ ކެޝެކްއާއި ބްރެޒިލްގެ އެކްޓިވިސްޓެއް ކަމަށްވާ ޗީއާގޯ އަވީލާ ހިމެނޭ ގޮތަށް ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ ދަށުން ޣައްޒާއަށް ދަތުރުކުރަމުން ދިޔަ ގިނަ ޢަދަދެއްގެ އެކްޓިވިސްޓުން ވަނީ ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ އޭޕްރިލް މަހުގެ 30ވަނަ ދުވަހު، ގްރީސްގެ ބޭރުން އޮންނަ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުންނެވެ. ފްލޮޓިއްލާގެ 168 ބައިވެރިން ވަނީ ގްރީސްގެ ރަށެއް ކަމަށްވާ ކްރީޓަށް ގެންގޮސްފައެވެ. ނަމަވެސް އަބޫ ކެޝެކްއާއި އަވީލާއަށް ސުވާލުކުރުމަށް ގެންގޮސްފައި ވަނީ ޔަހޫދީ ދައުލަތަށެވެ.
އަޝްކެލޮން މެޖިސްޓްރޭޓްސް ކޯޓުން މީގެ ކުރިން ވަނީ ދެ މީހުންގެ ބަންދުގެ މުއްދަތު ދެ ދުވަހުގެ މުއްދަތުން އިތުރުކޮށްފައެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް ވަނީ މެއި މަހުގެ 10ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކުރުމަށް ނިންމާފައެވެ.
ކޯޓުގެ ލިޔެކިޔުންތަކުން އެނގޭގޮތުގައި އަބޫ ކެޝެކްއާއި އަވީލާއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ބޭރުގެ އޭޖެންޓުންނާއެކު މުއާމަލާތުކުރުމާއި ނިރުބަވެރި ޖަމާޢަތަކާ ގުޅުން ބޭއްވުން ހިމެނެއެވެ.
ކޯޓުގައި އަބޫ ކެޝެކްއާއި އަވީލާ ތަމްސީލުކުރާ ޤާނޫނީ ވަކީލުން ބުނީ އެ ދެ މީހުންނާ ދެކޮޅަށް ތުހުމަތުތަކެއް ކޮށް ކޯޓަށް ގެންގޮސްފައި ވަނީ އެ ކަމަށް ބާރުދޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތި ކަމަށެވެ. އެހެން ޤައުމުތަކަށް ނިސްބަތްވާ އެކްޓިވިސްޓުންތަކެއް ޙަރަކާތްތެރިވަމުން ދިޔައީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ކަމަށާއި މި ޙާލަތުގައި ޔަހޫދީންނަށް އެ މީހުންގެ ޤަނޫނު ތަންފީޒު ނުކުރެވޭނެ ކަމަށް ވަކީލުން ވަނީ ފާހަގަކޮށްފައެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ އެކްޓިވިސްޓުންގެ ތެރެއިން އެންމެ އިސްކޮށް ޙަރަކާތްތެރިވާ މީހުންނަށް ގެއްލުން ދިނުމުގެ މަޤްޞަދުގައި ކަމަށް ވެސް ވަކީލުން ބުނެފައިވެއެވެ. އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ދައުވާއެއް އުފުލާފައި ނުވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. ބަންދުގައި ތިބިއިރު ޔަހޫދީންގެ އެ މީހުންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދީފައިވާ ކަމަށް ވެސް ވަކީލުން ބުނެފައިވެއެވެ.
އަބޫ ކެޝެކްގެ އަނބިމީހާ ސެލީ އިއްސާ ބުނީ އޭނާގެ ފިރިމީހާ ބަންދުކުރި ފަހުން އޭނާއާ ސީދާ ވާހަކަދެއްކިފައި ނުވާ ކަމަށެވެ. އޭނާ ދަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ކަމަށް ވެސް ބުނެފައިވެއެވެ. އަވީލާގެ ޢާއިލާއިން ވެސް ވަނީ އޭނާ ވެސް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް ބުނެފައެވެ.
ސެޕެއިންއާއި ބްރެޒިލްއާ ދެ ޤައުމުން ވެސް ވަނީ ޔަހޫދީން ހައްޔަރުކޮށްފައިވާ ފްލޮޓިއްލާގެ މެންބަރުން ދޫކޮށްލުމަށް ގޮވާލައިފައެވެ. ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން ބަޔަކު ހައްޔަރު ނުކުރެވޭނެ ކަމަށް ދެ ޤައުމުން ވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ