ކަނޑު މައްސަލަ: އިހުމާލުވި ބޭފުޅުންނަށް ދައުވާކުރުމާ މެދު ބަންޑާރަނައިބުގެ ސީދާ ޖަވާބެއް ނެތް

ރާއްޖެއާއި މޮރީޝަސްއާ ދެމެދު ފުށުއަރާފައިވާ ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ބައެއް ގެއްލުނު ކަމަށް ބުނާ މައްސަލަ ބެލުމާ ގުޅޭގޮތުން މި ވަގުތު ސީދާ ޖަވާބެއް ދެވެން ނެތް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު ވަނީ މި މައްސަލައިގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. ބަންޑާރަނައިބު އުޝާމް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލަ ބެލުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށާއި އެ މަސައްކަތް މިހާރު ހަވާލުކުރައްވާފައިވަނީ ބަންޑާރަނައިބުގެ އޮފީހާ ކަމަށެވެ. މި މައްސަލައިގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާ ހޯދައި، އެ ފަރާތްތަކުގެ ރިޕޯޓެއް މިހާރު ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އުޝާމް ވިދާޅުވީ، ކެބިނެޓަށް ހުށަހެޅި ރިޕޯޓާ ގުޅިގެން ކެބިނެޓުން ވަކި ގޮތްތަކެއް ނިންމަވާފައިވާ ކަމަށެވެ. https://sun.mv/219778 "ކެބިނެޓުގެ އެ ޑިޒިޝަންތަކާ އެއްގޮތަށް އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ބައިނަލްއަގުވާމީ ބައެއް ގާނޫނީ ވަކީލުންނާއި އެކްސްޕާޓުންނާ އެ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައި މިހާރު އޮތީ،" ބަންޑާރަނައިބު ވިދާޅުވިއެވެ. މި މަސައްކަތުގެ އިތުރު ތަފުސީލު ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހާމަކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކަނޑުގެ ސަރަހައްދު ގެއްލުނު މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ، އެ ކަމަށް މި ވަގުތު ދޭނެ ސީދާ ޖަވާބެއް ނެތް ކަމަށެވެ. https://sun.mv/205536 "ދެން މި މައްސަލަ ބަލާނެ ކަމަށް.. ދެން އެ ސުވާލަށް އަޅުގަނޑަކަށް ޖަވާބެއް ނުދެވޭނެ. ހީވަނީ ރައީސް އެ ކަމާ އެބަ އުޅުއްވާހެން،" ބަންޑާރަނައިބު ވިދާޅުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ކުރައްވަމުން ގެންދަވާ ކަމަށް ބެލެވޭ ކަމަށާއި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދާކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވެސް އިއުލާނުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ