ތަށި ދިފާއުކުރަން ޗެމްޕިއަން ޕީއެސްޖީ ފައިނަލަށް، ބެޔާނަށް "ބޭއިންސާފު"

ސެމީ ފައިނަލުގައި އެގްރިގޭޓް ނަތީޖާއިން ބެޔާން މިޔުނިކް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އަނެއްކާވެސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
އަމިއްލަ ދަނޑު، އެލިއަންޒް އެރީނާގައި ރޭ ކުޅުނު މެޗު 1-1 ން އެއްވަރުކޮށްލައިގެން  ބެޔާނަށް ފަރުޖައްސައެއް ނުލެވުނެވެ.  މެޗު 6-5 ގެ އެގްރިގޭޓް ނަތީޖާއަކުން ޕީއެސްޖީ ކުރި ހޯދި އެވެ. 
ރޭގެ މެޗުގެ ކުރީކޮޅު އޮސްމާނޭ ޑެމްބެލޭ ވަނީ ޕީއެސްޖީއަށް ލީޑު ނަގައިދީފަ އެވެ. ޕީއެސްޖީއަށް ރޭގެ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ހެރީ ކޭން އެވެ. 
ބެޔާން ކަޓުމުން، އެ ޓީމުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
އެ ޓީމުގެ ހިތްހަމަނުޖެހުން ބޮޑުވީ، ޕީއެސްޖީގެ ނޫނޯ މެންޑޭޒް އަތުން ބޯޅަ ކުޅުމުން ވެސް އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ނުދެއްކުމާއި، ޕީއެސްޖީގެ އޭރިއާ ތެރޭގައި ޔާއޯ ނޭވްސްގެ އަތުގައި ބޯޅަ ޖެހުމުން ވެސް ޕެނަލްޓީއެއް ނުދިނުމުންނެވެ.
މެޗަށްފަހު ވާހަކަދައްކަމުން ކޮމްޕެނީ ބުނީ ދެ ލެގުގައި ވެސް ރެފްރީގެ ގިނަ ނިންމުންތަކެއް ދިޔައީ ބެޔާނާ ދެކޮޅަށް ކަމަށެވެ.
"އަހަރެމެން ޖެހޭނީ ދެ މެޗުގައި ވެސް ރެފްރީން ނިންމާފައިވާ ބައެއް ނިންމުންތަކަށް ބަލަން. މިއީ ހުރިހާ ކަމަކަށް ދެއްކޭ އުޒުރެއް ނޫން، އެކަމަކު މިކަމުގެ ސަބަބުން ތަފާތު އެބަ ފެނޭ. ދެ ލެގަށް ބަލާއިރު ބެޔާނާ ދެކޮޅަށް މާ ގިނަ ކަންތައްތަކެއް ހިނގައިފި،" ކޮމްޕެނީ ބުންޏެވެ.
އޭނާ ވަނީ ޔާއޯ ނޭވްސްގެ އަތުގައި ބޯޅަ ޖެހުނު ހާދިސާއަށް އިޝާރާތްކޮށް، އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމުމުން އެކަމަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
"އޭނާގެ އަތް އޮތީ މަތީގައި، ބޯޅަ ޖެހުނީ އެ އަތުގައި. އަމިއްލަ ޓީމުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި އައި ބޯޅައަކަށް ވާތީ ޕެނަލްޓީއެއް ނުދިން. އެކަމަކު ބައެއް ފަހަރު ބުއްދީގެ ބޭނުންކޮށްލުމުން އެއީ ކިހާ ދެކޮޅުނުޖެހޭ ކަމެއްކަން އެނގޭނެ. މިއީ ހަމަ ހީނލަންޖެހޭ ވަރުގެ ކަމެއް،" އޭނާ އިތުރަށް ބުންޏެވެ.
ބެޔާން ކެޓުމާއެކު މިފަހަރުގެ ފައިނަލްގައި އާސެނަލްއާ ދެކޮޅަށް ނުކުންނާނީ ޕީއެސްޖީ އެވެ. ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ހުރީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާއާ ދެކޮޅަށް ކުޅެންޖެހޭ ފައިނަލާ މެދު ވަރަށް ބޮޑަށް އުންމީދުކޮށްގެންނެވެ.
"ފައިނަލް މެޗު ތަފާތުވާނެ. އާސެނަލް މުޅި ސީޒަނުގައި ވެސް ކުޅެމުން އައީ ވަރަށް މަތީ ފެންވަރެއްގައި. އަހަރެމެން ބޭނުންވަނީ ޕެރިހުގައި އާ ތާރީހެއް ލިޔަން. އެކަން ކުރަން އަހަރެމެން ޖެހޭނީ ވިދިވދިގެން ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރަން،" އެންރީކޭ ބުންޏެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހު 30 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ