އޭލެވެލްއިން ސްކޫލް ނިމޭ ގޮތަށް މި ދައުރުގައި ހަދަނީ
ރާއްޖޭގައި ސްކޫލު ނިމޭ ގްރޭޑަކީ އޭލެވެލްކަމުގައި ހަދައި، އެ ބަދަލު މި ވެރިކަމުގައި ގެންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިރޭ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އޯލެވެލް ފުރިހަމަ ކުރުމަށްފަހު އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު މަދުކަން މިނިސްޓަރު ވަނީ މީގެ ކުރިން ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ. އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަށް ޓަކައި ސަރުކާރުން ވަނީ އެ ކަމަށް ޚާއްސަ ޕްރޮގްރާމެއް ވެސް ހިންގުމަށް ނިންމައިފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަތޮޅު ތެރޭގެ 23 ސްކޫލެއްގައި އޭލެވެލް ކިޔެވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ. އެހެންކަމުން، އޭލެވެލްއަކީ ރާއްޖޭގައި ސްކޫލް ނިންމާ މަރުހަލާގެ ގޮތުގައި ކަނޑައެޅިގެންދިއުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެއީ ދަރިވަރުން ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުރާ މަސައްކަތެއް ކަމަށެވެ. "...ރާއްޖޭގައި އޭލެވެލް އެއީ ސްކޫލް ނިންމާ މަރުހަލާގެ ގޮތުގައި އިރާދަ ކުރެއްވިއްޔާ މި ފަސް އަހަރު ނިމިގެންދާއިރު ކަނޑައެޅިގެން ދިއުމަކީ އެއީ ރާއްޖޭގެ ކުރިއެރުމަށް ލިބޭނެ ވަރަށް ވަރަށް ބޮޑު ކަމެއް ކަމުގައި އަޅުގަނޑު ފާހަގަ ކުރަން. [ރައީސް] މަނިކުފާނުގެ ލަފާފުޅާއި އިރުޝާދާއެކުގައި އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ހާސިލް ވެގެންދާނެ" އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އުނގެނުމަށް ފަހި މާހައުލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. ދައުލަތުން ހަތަރު ބިލިއަނެއްހާ ރުފިޔާ ހޭދަކުރާއިރު ވެސް ތައުލީމީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލު ނުވާ ކަމަށް މިނިސްޓަރު ވަނީ މީގެކުރިން ވިދާޅުވެފައެވެ. އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ އޯލެވެލް ކިޔަވާ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުން ފާސްނުވުމެވެ. އޭގެ ތެރެއިން 54 ޕަސެންޓު ދަރިވަރުން ފާހެއް ނުވެއެވެ. އޯވެލެވް ހަދާ ދަރިވަރުންގެ ތެރެއިން ފިރިހެން ދަރިވަރުން ފާސްވާ ނިސްބަތް ހުރީ 44 އިންސައްތައިގައެވެ. އަދި އަންހެން ދަރިވަރުން ފާސްވާ ނިސްބަތް ހުރީ 56ގައެވެ. އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުންނާ ދެމެދު، މި ފަދަ ފަރަގެއް ހުރުމަކީ ގޮންޖެހުންތަކަށް މަގުފަހިވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އެ މައްސަލަ ހައްލު ކުރުމަށް ޓަކައި، ފިރިހެން ދަރިވަރުން ދަށްވާ ސަބަބުތައް ދެނެގަންނަން، މި އަހަރު ތެރޭގައި އެ މިނިސްޓްރީން އެސެސްމަންޓެއް ހަދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ