‏އަލްޓްރާ ޕްރޮސެސްޑް ކާނާއިން ސިއްހަތަށް ލިބޭ ގެއްލުން ‏ ‏އަލްޓްރާ ޕްރޮސެސްޑް ކާނާއިން ސިއްހަތަށް ލިބޭ ގެއްލުން ‏

‏އެމެރިކަން ޖާނަލް އޮފް ޕްރިވެންޓިވް މެޑިސިންގައި ޝާއިއުކުރި ‏‏އައު ދިރާސާއަކުން ދައްކައިދެނީ އަލްޓްރާ ޕްރޮސެސްޑް ކާނާގެ ‏‏ސަބަބުން މީހުންގެ އުމުރު ކުރުވެ، ޅަ އުމުރުގައި މަރުވުމުގެ ‏‏ނުރައްކާ އިތުރުވެގެންދާ ކަމެވެ. ބްރެޒިލްގެ އޮސްވަލްޑޯ ކްރުޒް ‏‏ފައުންޑޭޝަންގެ އެޑުއާޑޯ އަގުސްޓޯ ފަރްނާންޑްސް ނިލްސަން ވަނީ ‏‏މި ދިރާސާ ކުރައްވާފަ އެވެ‏‎.‎
‏ދިރާސާގައި ދައްކައިދެނީ ދުވާލަކު ކެވޭ އަލްޓްރާޕްރޮސެސްޑް ‏‏ކާނާގެ މިންވަރު 10 ޕަސެންޓު އިތުރުވާނަމަ، ޅަ ‏‏އުމުރުގައި މަރުވުމުގެ ނުރައްކާ ތިން ޕަސެންޓުން އިތުރުވެގެންދާ ކަމަށެވެ. މިފަދަ ‏‏ކާނާ ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑަށް ދިމާވާ ‏‏މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ފަލަވުން، ހަކުރުބަލި، ބައެއް ‏‏ބާވަތުގެ ކެންސަރު އަދި ނަފްސާނީ ބަލިތަކެވެ‏‎.‎
‏އަލްޓްރާ ޕްރޮސެސްޑް ކާނާއަކީ ގިނަ މިންވަރެއްގެ ހަކުރު، ލޮނު، ‏‏ޓްރާންސް ފެޓް އަދި ކުލައާއި ރަހަ އިތުރުކުރުމަށް ބޭނުންކުރާ ‏‏އެކިއެކި ކެމިކަލްތައް އެކުލެވޭ ގޮތަށް ފެކްޓްރީތަކުގައި އުފައްދާ ވަރަށް ‏‏ބޮޑަށް ޕްރޮސެސްކުރެވިފައިވާ ކާނާ އެވެ‏‎.‎
‏ޑރ. ނިލްސަން ވިދާޅުވި ގޮތުގައި، އަލްޓްރާ ޕްރޮސެސްޑް ކާނާއިން ‏‏ގެއްލުން ލިބެނީ ސޯޑިއަމް، ޓްރާންސް ފެޓް، އަދި ހަކުރު ‏‏ގިނަވުމުގެ ސަބަބުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން، މިފަދަ ‏‏ކާނާ އުފެއްދުމަށް ފެކްޓްރީގައި ގެންނަ ބަދަލުތަކާއި ބޭނުންކުރާ ‏‏އިތުރު ކެމިކަލްތަކުގެ ސަބަބުންވެސް ސިއްހަތަށް ގެއްލުން ‏‏ލިބެ އެވެ‏‎.‎
ހާއްސަ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މިފަދަ ކާނާއިން ‏‏ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރެވެ. ގިނަ ގައުމުތަކުގައި ‏‏ކުޑަކުދިންނާއި ޒުވާނުން އެ މީހުންގެ ދުވާލެއްގެ ކެލަރީގެ ބޮޑު ‏‏ބައެއް ހޯދަނީ މިފަދަ ކާނާ އިންނެވެ. ކުޑައިރުއްސުރެ މިފަދަ ކާނާ ‏‏ކައިއުޅުމުގެ ސަބަބުން އުމުރު ދުވަހަށް ފަލަވުމާއި، ހަކުރުބަލި، ‏‏އަދި އެހެނިހެން ބަލިތަކަށް ހުށައެޅުމުގެ ފުރުސަތު ‏‏އިތުރުވެގެންދެ އެވެ‏‎.‎
‏މައްސަލަ އެންމެ ބޮޑަށް ފެންނަނީ މުއްސަދި ގައުމުތަކުގައި ‏‏ކަމުގައިވިޔަސް، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވެސް ‏‏އަލްޓްރާ ޕްރޮސެސްޑް ކާނާ ބޭނުންކުރާ މިންވަރު އަވަސް ‏‏ދުވެލީގައި އިތުރުވަމުންދާކަން ފާހަގަކުރެވެ އެވެ. މިކަމުގެ ސަބަބުން ‏‏ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމީހުންގެ ކާނާއާއި ރީތި ސަގާފަތްތައް ގެއްލި، މިފަދަ ކާނާ އާންމުވަމުންދާކަން ފާހަގަކުރެވެ އެވެ‏‎.‎
‏ސިއްހީ މާހިރުން ބުނާ ގޮތުގައި، މި މައްސަލައަށް ހައްލެއް ‏‏ހޯދުމަށް އަލްޓްރާ ޕްރޮސެސްޑް ކާނާގެ ޕެކެޓްތަކުގައި މިފަދަ ‏‏ކާނާއިން ލިބޭ ގެއްލުންތަކާ ބެހޭ މައުލޫމާތު ސާފުކޮށް ލިޔުމާއި، ‏‏އެފަދަ ކާނާގެ މައްޗަށް ޓެކްސް ނެގުމާއި، އިޝްތިހާރުކުރުމުގެ ‏‏ގާނޫނުތައް ހަރުދަނާކުރުން ހިމެނެ އެވެ‏‎.‎
‏ދުޅަހެޔޮ ސިއްހަތެއްގައި ހުރުުމަށްޓަކައި ކެއުމުގެ އާދަތަކަށް ކުދި ‏‏ބަދަލުތަކެއް ގެނައުމުން ދުޅަހެޔޮ ދިރިއުޅުމަކަށް ‏‏މަގުފަހިވެގެންދާނެ އެވެ. ތާޒާ މޭވާއާއި ތަރުކާރީ އަދި ގޭގައި ‏‏ތައްޔާރުކުރެވޭ ކާނާ ކެއުމުން ފެކްޓްރީގައި އުފައްދާ ކާނާއިން ލިބޭ ‏‏ގެއްލުން ކުޑަކުރެވިގެންދާނެއެވެ. ލޮނުގަދަ ކާނާއާއި ހަކުރުގިނަ ‏‏ބުއިންތައް މަދުކުރުމުންވެސް ސިއްޙަތަށް ފައިދާތަކެއް ލިބޭނެއެވެ‏‎.‎
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ