ބަދަލު ދިނުމަކާ ނުލައި ސަން ސިޔާމް އަތުން މިނާވަރު އަތުލަން 14 ދުވަހުގެ ނޯޓިސް ފޮނުވައިފި ބަދަލު ދިނުމަކާ ނުލައި ސަން ސިޔާމް އަތުން މިނާވަރު އަތުލަން 14 ދުވަހުގެ ނޯޓިސް ފޮނުވައިފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަކަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ނިންމާ ސިޓީ ފޮނުވައިފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީން މޯލްޑިވްސް ޑެވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު ސިޔާމުގެ ކުންފުންޏަށް ފޮނުވި ސިޓީގައި ރަށް ހުސްކުރަން ދީފައިވަނީ 14 ދުވަހުގެ މުއްދަތެކެވެ. ސަބަބަކަށް ބުނެފައިވަނީ އެއްބަސްވުމާ އެއްގޮތަށް އެ ރަށުގައި މަސައްކަތް ކުރަމުން ނުދިޔުމެވެ.
ނަމަވެސް، މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި މިނިސްޓްރީގެ ޓީމަކުން މިދިޔަ ހަފުތާ އެ ރަށަށް ގޮސް އެސެސްމަންޓެއް ހެދި އެވެ. އެސެސްމަންޓަށް ފަހު އެ ރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށް ބުނެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ސަރުކާރުން މިގޮތަށް ނިންމާފައި މިވަނީ އެއްބަސްވުމުގައި ބާކީ އަށް އަހަރު އޮއްވައި އެވެ.
މިކަމާ ގުޅިގެން ސިޔާމުގެ ޕާޓީ، އެމްޑީއޭގެ ނައިބު ރައީސް މުހައްމަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްބަސްވުން ބާތިލުކުރަން ނިންމީ ބަދަލު ދިނުމަކާ ނުލާ ކަމަށެވެ. މިކަމާ ގުޅިގެން އޭނާ ވަނީ ސަރުކާރަށާއި ރައީސަށް ފާޑުވިދާޅުވެފަ އެވެ.
މިއީ މި ފަހުން ސިޔާމުގެ އަތުން ސަރުކާރުން އަތުލި ދެވަނަ ރަށެވެ. އެގޮތުން ދ. މީދޫ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ކަނޑައަޅަން އެ އަތޮޅު އުއްދޫ އަތުލީ ފެބްރުއަރީ މަހު އެވެ. އެވެސް ދަނޑުވެރިކަން ކުރަމުންދިޔަ ރަށެކެވެ.
މިފަހަރު އަތުލަން ނިންމި މިނާވަރަކީ ސިޔާމުގެ ދެ ރިސޯޓު ކަމަށްވާ ސިޔާމް ވޯލްޑް އަދި ސަން ސިޔާމު އިރުފުށްޓާއި ކައިރީގައި އޮންނަ ރަށެކެވެ. މިނާވަރުގައި ހައްދާ ގިނަ ތަކެއްޗަކީ އެ ދެ ރިސޯޓުގެ ބޭނުމަށް އުފައްދާ ތަކެއްޗެވެ.
ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ސަރުކާރުގެ ކޯލިޝަނުގައި ސިޔާމުގެ އެމްޑީއޭ ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ ދެ ދުވަސް ފަހުންނެވެ.
ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މިވަގުތު ޕީއެންސީ ސަރުކާރުގެ ކޯލިޝަނުގައި އޮތީ އެ ޕާޓީ އެކަނި ކަމަށެވެ.
އެމްޑީއޭގެ ލީޑަރު، ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަތުން 40 މިލިއަން ރުފިޔާ ކެމްޕޭނަށް ނެންގެވި ކަމަށް ކުރާ ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ސިޔާމް އަތުން ފައިސާ ނަގާފައި ނުވާނެ ކަމަށެވެ.
"އެއްގޮތަކަށް ވެސް ރަނގަޅު ވާހަކައެއް ނޫން. ސިޔާމް އަޅުގަނޑަކަށް ހިޔެއް ނުވޭ ތިކަހަލަ ވާހަކައެއް ވިދާޅުވާނެހެނެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް ގެނައުމަށް އެމްޑީއޭ އިން ޕީއެންސީއާ އެކު ކޯލިޝަން ހެދީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ އެވެ. ފުރަތަމަ ބުރުގައި އެ ޕާޓީން ތާއީދުކޮށް ކެމްޕެއިން ކުރީ އެމްޑީޕީއަށެވެ. ތާއީދުގެ ބަދަލެއްގެ ގޮތުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުން ބައެއް އެމްޑީއޭ އަށް ދިނެވެ. މިހާރު ވެސް އޭގެތެރެއިން ބައެއް މަގާމުތަކުގައި އެމްޑީއޭގެ މެންބަރުން އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ