ސަލްމާން މިސްކިތުގައި މިރޭ އިމާމުވެ ނަމާދު ކުރައްވާނީ ނަބަވީގެ އިމާމު

މިރޭ މާލޭގެ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާނީ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.އިސްލާމިކް މިނިސްޓްރީން ބުނީ، ޑރ. ޞަލާހުލް ބުދައިރު މިރޭ ސަލްމާން މިސްކިތުގައި މަޣްރިބް ނަމާދާއި އިޝާނަމާދުގެ އިތުރުން މާދަމާރޭ އިސްލާމީ މަރުކަޒުގައި އިޝާ ނަމާދު ކުރައްވާނީވެސް ޑރ. ޞަލާހުލް ބުދައިރުކަމަށް ބުންޏެވެ. އަދި އެމަނިކުފާނުގެ ހާއްސަ ދަރުހެއްވެސް އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ. މީގެއިތުރުން މިމަހުގެ 25ވާ ހުކުރުދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުވެސް އެމަނިކުފާނު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ.ފަސް ދުވަހުގެ ދަތުރުފުޅެއްގައި ބުދައިރު ރާއްޖެ ވަޑައިގަތީ ހޯމަ ދުވަހުގައެވެ. އިއްޔެ ހެނދުނު އިމާމު މާލެއަށް ވަޑައިގަންނަވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް ވަނީ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން ހުކުރު މިސްކިތަށް ވެސް ވަނީ ވަޑައިގެންފަ އެވެ.މަސްޖިދުލް ނަބަވީގެ އިމާމް އަދި ޚަޠީބް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރަކީ މިވަގުތު ދުނިޔޭގައި ތިއްބެވި އިސްލާމީ ޢިލްމުވެރިންގެ ތެރެއިން އެންމެ ވަރުގަދަ އެއް ދީނީ ޝަޚްސިއްޔަތެވެ. މަސްޖިދުލް ނަބަވީގެ އިމާމްކަން ކުރެއްވުމުގެ އިތުރުން އެމަނިކުފާނު ގެންދަވަނީ މަދީނާގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވަމުންނެވެ. އެމަނިކުފާނު ވަނީ މައްކާގައި ހުންނަ މާތްވެގެންވާ ޙަރަމްފުޅުގައި 2005ވަނަ އަހަރާއި 2006 ވަނަ އަހަރުގެ ތަރާވީޙު ނަމާދު އިމާމްވެ ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ