މީގެ އަށް އަހަރު ކުރިން ވަރަށް އަނިޔާވެރިކޮށް މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި ތަހުގީގީ ހޯދުންތައް ހާމަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ގުޅިފައިވާ މަދަނީ ޖަމިއްޔާތަކަކުން ސަރުކާރަށް ގޮވާލައިފި އެވެ.
ޔާމީންގެ މަރަށް އަށް އަހަރު ފުރުމާ ގުޅިގެން، ހަތް ޖަމިއްޔާއެއް ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފެއްދި ކޮމިޝަން (ޑީޑީކޮމް) ގެ ތަހުގީގުގެ ހޯދުންތައް އާއިލާތަކާއި އާންމުންނަށް ހާމަކޮށްދޭން ވައުދުވީ ކަމަށެވެ. އެ ވައުދު ފުއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބަންޑާރަނައިބު އަހުމަދު އުޝާމަށް ޖަމިއްޔާތަކުން ގޮވާލާފައިވެ އެވެ.
މި ވައުދު ފުއްދަން ގޮވާލުމުގެ އިތުރުން އެ ޖަމިއްޔާތަކުން ވަނީ އެ ގަތުލުގެ މައްސަލައިގައި އިންސާފަށް ހުރަސްއެޅި މީހުންގެ މައްސަލަ ތަހުގީގުކޮށް، އެ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ސަރުކާރަށް ގޮވާލާފަ އެވެ.
ޑީޑީކޮމްއިން ބެލި މައްސަލަތަކާ ގުޅޭ ގޮތުން ޖަމިއްޔާތަކުން ބުނި ގޮތުގައި، ޔާމީން ރަޝީދުގެ ގަތުލުގެ މައްސަލަ ހިމެނޭހެން އެ ކޮމިޝަނާ 27 މައްސަލަ ހަވާލުކުރި ނަމަވެސް އެއްވެސް މައްސަލައެއްގައި ވެސް އެއްވެސް މީހަކު އިންސާފުގެ ކުރިމައްޗަށް ނުގެނެވެ އެވެ.
އޭގެ އިތުރުން މިދިޔަ އަހަރު ރައީސްގެ އެންގުމަށް އެ ކޮމިޝަންގެ ދައުރު ނިންމާލިއިރު، އަނިޔާ ލިބުނު މީހުންގެ އާއިލަތަކާއި ޖަމިއްޔާތަކަށް ކޮމިޝަންގެ ހޯދުންތައް ހާމަކުރަން އިންކާރުކުރި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ސަރުކާރުން އެ ކޮމިޝަންގެ ރިޕޯޓުތައް އާންމުކުރާނެ ކަމުގެ ޔަގީންކަން އާންމުންނަށް ދިން ކަަމަށް ޖަމިއްޔާތަކުން ބުނެފައިވެ އެވެ.
ސަރުކާރުތަކުންނާއި ސިޔާސީ ފަރާތްތަކުން ވަނީ ޔާމީން ރަޝީދުގެ ގަތުލާއި އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ގެއްލުވައިލި މައްސަލަތަކުގެ ނާޖާއިޒު ސިޔާސީ ފައިދާއިން އިންތިހާބުތަކުގައި ވޯޓު ހޯދުމަށް އެ މައްސަލަތައް ބޭނުންކޮށްފަ. ފާއިތުވީ އަށް އަހަރު ދުވަހު މަދަނީ ޖަމާއަތްތަކުން އެދިފައިވާ ކަންތައްތައް ތަކުރާރުކުރަމުން ކުށް ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލަން،" އެ ބަޔާނުގައިވެ އެވެ.
ޔާމީން ރަޝީދު މާލޭގައި ދިރިއުޅުނު ގޭގެ ސިޑި ކައިރީގައި ގަތުލުކުރި ކަމުގެ ދެ މީހެއްގެ މައްޗަށް ސާބިތުވެ، އެ މީހުން ތިބީ އުމުރު ދުވަހުގެ ޖަލު ހުކުމެއްގަ އެވެ. އެ މައްސަލައިގައި ކުށް ސާބިތުވީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ ކުރި އަނެއް ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވާކަމަށް ކޯޓުން ކަނޑައެޅި އެވެ. އެއީ، މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާނެވެ.
ޔާމީންގެ މަރުގެ މައްސަލައިން ސަލާމަތްވީ މީހުންގެ ތެރެއިން އިސްމާއިލް ރަޝީދާއި މުހައްމަދު ދިފްރާނުގެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލައިގައި ދެން ތިބި ދެ މީހުންގެ މައްސަލަ އިސްތިއުނާފުނުކުރީ އެކަށީގެންވާ ހެކި ނެތުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އޭރު ބުނެފައިވެ އެވެ.
މި ގަތުލުގައި އަމަލީ ގޮތުން ބައިވެރިވީ މީހުންގެ އިތުރުން، އެހެން ތިން މީހަކަށް ވެސް މި ކުށުގައި ބައިވެރިވުމުގެ ތުހުމަތު ކުރެވުނެވެ. އެ ތިން މީހުން ވެސް ވަނީ އެކަަށީގެންވާ ހެކި ނެތިގެން ކަމަށް ބުނެ ދޫކޮށްލާފަ އެވެ. އެ ތިން މީހުންނަކީ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި އަހުމަދު އިސްމާއިލް (ބުރު އަހަނދު) އަދި އަހުމަދު މުއާޒް (ގަޓް މުއާ) އެވެ.
މި ތިން މީހުންނަކީ ޑީޑީކޮމްއިން ތައްޔާރުކުރި ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ކުށުގެ ތުހުމަތުކުރެވުނު މީހުންނެވެ.
ޔާމީން ރަޝީދު މަރާލީ މައްސަލައިގެ ތަހުގީގީ ހޯދުންތައް ހާމަކުރަންވީ ވައުދު ފުއްދަން ގޮވާލައިފި ޔާމީން ރަޝީދު މަރާލީ މައްސަލައިގެ ތަހުގީގީ ހޯދުންތައް ހާމަކުރަންވީ ވައުދު ފުއްދަން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ