ރޯދަމަހު ސްކޫލް ބަންދުކޮށް، އަދަބީ އަދި ދީނީ ހަރަކާތްތައް ބޭއްވިދާނެ: މިނިސްޓަރު

ކުރިއަށް ހުރި އަހަރުތަކުގެ ރޯދަމަހުގައި އާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި 'ޕްރޮޖެކްޓް-ބޭސްޑް ލާނިން' ފަދަ ހަރަކާތްތަކާއި އަދަބީ އަދި އިސްލާމްދީނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދިއުމާ ބެހޭގޮތުން ބެލެނިވެރިންނާއި ޕްރިންސިޕަލުންނާއި މުދައްރިސުންނާ މަޝްވަރާކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެޑިއުކޭޝަން މިނިސްޓްރީން އެގޮތަށް ނިންމީ ރޯދަމަހު ސްކޫލް ބަންދުކުރަން ރައީސް މުހައްމަދު މުއިއްޒުގެ އަރިހުގައި ބައެއް ބެލެނިވެރިން އެދެމުން އަންނާތީ އެކަން ކުރެވޭނެ ގޮތެއް ބަލަން އެމަނިކުފާނު ދެއްވި އިރުޝާދާ ގުޅިގެންނެވެ.
ދިރާސީ އާ އަހަރު ޖެނުއަރީގައި ފަށާ ގޮތަށް ބަދަލުކުރާތީ ކިޔަވައިދިނުމުގެ ތާވަލަށް ގެނައި ބަދަލަކާ އެކު މި އަހަރުގެ ރޯދަމަސް އެއްކޮށް ސްކޫލް ބަންދުވި އެވެ.
އިއްޔެ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ކުރިއަށް ހުރި އަހަރުތަކުގައި ވެސް، ކިޔަވައިދޭ ދުވަސްތައް ނުގެއްލޭ ގޮތަކަށް އިންތިޒާމުކޮށްގެން މުޅި ރޯދަމަހު ސްކޫލް ބަންދުކުރެވޭނެ ގޮތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓަރަށް އަންގަވާފައިވާނެ ކަމަށެވެ.
ތަފްސީލު - އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރޯދަމަހުގެ ފަހު 10 ދުވަސް ރަސްމީ ބަންދެއްގެ ގޮތުގައި ހަމަޖައްސާތީ އެ ދުވަސްތަކާ ނުލައި ރޯދަމަހު ސަރުކާރު ހުޅުވާ ދުވަސްތަކުގެ އަދަދަކީ 12 ނުވަތަ 13 ދުވަސް ކަމަށެވެ. ރޯދަމަހުގެ ކިޔެވުމަށް ކަނޑައަޅާފައި އޮންނަ ގަޑިތަކާ އެކު އެ 12 ނުވަތަ 13 ދުވަހު ކިޔަވައިދެވެނީ، ޝަފީއު ވިދާޅުވި ގޮތުގައި، އެހެން މަސްތަކުގެ ހަ ދުވަހުގެ ކިޔަވައިދިނުމެވެ.
ޝަފީއު ވިދާޅުވި ގޮތުގައި ރޯދަމަހު ސްކޫލް ބަންދުކުރަން ގިނަ ބެލެނިވެރިން ރައީސްގެ އަރިހުން އެދުނު ބައެއް ސަބަބުތަކަކީ، ރޯދަމަހު އެކަށީގެންވާ ގޮތަށް ކިޔެވުން ކުރިއަށްނުގެންެދެވޭތީ އެވެ. އެގޮތުން ފާހަގަކުރެއްވި ކަންކަމަކީ:
މަދު ވަގުތުތަކަށް ސްކޫލަށް ދަރިވަރުން ގޮވައިގެން ދިއުން ތަކުލީފަކަށް ވުން
ރޯދަމަހު ކިޔަވައިދޭން މިހާރު ހަމަޖެހިފައިވާ 12 ނުވަތަ 13 ދުވަހުގެ ކިޔަވައިދިނުން އެހެން މަސްތަކުގެ ހައެއްކަ ދުވަހުން ކުރިއަށްގެންދެވޭނެ ކަމަށް ބެލެވުން
ރޯދަމަހު ގިނަ އަދަދެއްގެ ދަރިވަރުންނާއި ބައެއް މުދައްރިސުން ވެސް ގަވާއިދަށް ސްކޫލަށް ހާޒިރުނުވުން
ބައެއް މުދައްރިސުން އާންމު މަސްތަކާ ހިލާފަށް ރޯދަމަހު ސަލާމުގެ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ނެގުން އިތުރުވުން
ރައީސް ވިދާޅުވި ގޮތަށް މުޅި ރޯދަމަހު ސްކޫލް ބަންދުކޮށްގެން ކުރިއަށްގެންދެވިދާނެ ކަންކަމުގެ ގޮތުގައި ޝަފީއު ފާހަގަކުރެއްވީ، އާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި:
ޕްރޮޖެކްޓް ބޭޭސްޑް ލާނިން ފަދަ ހަރަކާތްތައް
އިސްލާމްދީނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް
ގުރުއާނަށް ދަރިވަރުންގެ ހިތުގައި ލޯބިޖެއްސުމުގެ ހަރަކާތްތަކާއި މުބާރާތްތައް
އަދަބީ ހަރަކާތްތައް
މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ އެކި ހަރަކާތްތައް
ޝަފީއު ވިދާޅުވީ 2025ގެ ދިރާސީ އަހަރު ފެށުމުން، ރައީސް ދެއްވާފައިވާ ލަފާފުޅާ މެދު ބެލެނިވެރިންނާއި ޕްރިންސިޕަލުންނާއި މުދައްރިސުންނާ މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ.
އެނގުން މުހިއްމު - އެފަދަ ބަދަލެއް ގެނައި ނަމަވެސް، ބައިނަލްއަގްވާމީ އިމްތިހާނުތަކަށް ތައްޔާރުވާ ކީ ސްޓޭޖު 4 އަދި 5ގެ ދަރިވަރުންގެ ކިޔެވުން އޮންނާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.
އެ ދުވަސްތަކުގައި ހުރިހާ މުދައްރިސުން ވެސް ރަސްމީކޮށް މަސައްކަތަށް ނުކުންނާނެކަން ފާހަގަކުރައްވައި ޝަފީއު ވިދާޅުވިގޮތުގައި އަހަރީ ޗުއްޓީ ލިބޭނީ ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރު ނިމުމުންނެވެ. އެހެންކަމުން 2025ގެ ދިރާސީ އަހަރު ފެށިގެން މުދައްރިސުންނަށް އަހަރީ ޗުއްޓީ ލިބޭނީ ޑިސެމްބަރުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ