ރަމަޟާން މަހުގެ 27 ވިލޭރޭ ހުޅުވިގެން މިދަނީ ރާއްޖޭގެ އިސްލާމީ ހަޟާރަތުގެ މުޅިން އައު ސޮފްހާއެއް: ވަޒީރު ޑރ.ޝަހީމް

1446ވަނަ އަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ހުޅުވިގެން މިދަނީ ދިވެހިރާއްޖޭގެ އިސްލާމީ ހަޟާރަތުގެ މުޅިން އައު ސޮފްހާއެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވުނު ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ 800 އަހަރުވީ އިސްލާމީ ތާރީހަށް އިތުރުވެގެންދާ ޝަރަފްވެރި ސަފްހާއެއްކަމަށެވެ. އަދި މި ހާއްސަ ޖަލްސާ ބޭއްވޭ ގޮތަށް ކަންކަން ފަހިކޮށްދެއްވިކަމަށްޓަކާ އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރެއްވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ތާރީހުގައި މިއަދު ލިޔެވިގެން މިދާ ސަފްހާއަކީ ކުރިއަށް އޮތް ޖީލަށް އިސްލާމީ ޙަޟާރަތާއި އަޤީދާ ފޯރުކޮށްދޭނެ ވަރުގަދަ ވާހަކަތަކެކެވެ. އަދި ވުޒާރާގެ ހުރިހާ މަސައްކަތެއް ކުރިއަށްދަނީ ރައީސްގެ އިރުޝާދުގެ ދަށުން، މެނިފެސްޓޯގައި ލިޔެވިފައިވާ ގޮތަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އިސްލާމީ މަރުކަޒެއް ޤާއިމްކޮށްފައިވާ ކޮންމެ ރަށެއްގައި މި މަޝްރޫޢު އިތުރަށް ފުޅާކުރެވޭނެއެވެ. އަދި އިސްލާމީ މަރުކަޒު ޤާއިމްކޮށްފައި ނުވާ ރަށްރަށުގައިވެސް މިސްކިތްތަކުގައި މި މަޝްރޫޢު ކުރިއަށްގެންދެވޭނެއެވެ.
"މިއަދު ދުނިޔެ މިވަނީ ކީރިތި ޤުރުއާނަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި. ޒަމާނީ އަނދިރިކަމުގެ ޖާހިލިއްޔަތުން އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަމުގެ ތެރެއަށް ދުނިޔެ ގެނައުމަށްޓަކައި އިޖުތިމާޢީ ގޮތުންނާއި އަޚުލާޤު އާލާކޮށް ދިރުވުމަށްޓަކައި މިއަދު އިންސާނިއްޔަތު ކުރިއަށްވުރެ ބޮޑަށް ޤުރުއާނަށް ބޭނުންޖެހިފައިވަނީ," ވަޒީރު ވިދާޅުވިއެވެ.
އަދި ސަރުކާރުގެ އިދާރާތައް ފިޔަވައި އަމިއްލަ ފަރާތްތަކުން ހިންގާ ޤުރުއާން ކްލާސްތަކުގައިވެސް ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް ވަޞީލަތްތަކާއި މާލީ އަދި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ