ކަރަންޓު މައްސަލައިގެ ތަހުގީގު ކޮޅެއްގައި ޖެހޭގޮތަށް ކުރާތި

މުޅި މާލެ ސަރަހައްދުން މިއަދު ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު ކޮޅެއްގައި ޖެހޭގޮތަށް ކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި އެވެ.
މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ މިއަދު މެންދުރު ކަމަށްވާއިރު، އިރުއޮއްސި 18:13ހާއިރު މުޅި މާލެއަށް ވަނީ އަލުން ކަރަންޓް ދީފަ އެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެން ކަމަށެވެ.
ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ މާލެއަކީ ރާއްޖޭގެ އާބާދީގެ 40 އިންސައްތަ މީހުން ދިރިއުޅޭ ވަޒަނަށްވެފައި، މިއަދު އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއް ކަރަންޓާ ގުޅިފައި އޮތްއިރު، ދުރާލާ އެންގުމެއް ނެތި މުޅި ސަރަހައްދުން ކަރަންޓު ކެނޑުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެކަމުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް މިލިއަނެއްގެ ގެއްލުން އާންމު ރައްޔިތުންނަށް ވެފައިވާނެ ކަމަށާއި އެކަމުގެ ޒިންމާ ދައުލަތުން ބޮލުއަޅަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވައި އެ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޔުނިޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ސަރުކާރާއި އެހެނިހެން ސްޓޭކްހޯލްޑަރުންނަށް އެޕާޓީން ވަނީ ގޮވާލާފަ އެވެ.
"މިކަމާ ގުޅިގެން ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއެކު، އެ ތަހުގީގު ހަގީގީ މާނައިގައި ފުރިހަމަ ކުރައްވައި، ބޮނޑުނަގުލަށްނުވެ ކޮޅަކު ޖެހޭނެ ގޮތަށް ކުރައްވާނެކަމަށް އުންމީދު ކުރަން،" ޑިމޮކްރެޓްސްގެ ބަޔާނުގައިވެ އެވެ.
މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެެއްގެ ގޮތުގައި ބަލަން ރައީސް މުއިއްޒު އެންގެވުމާއެކު އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.
މާލެ ސަރަހައްދުން ކަރަންޓް ކެނޑުމާ ގުޅިގެން ވަރަށް ގިނަ ހިދުމަތްތަކެއް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ