ޓްރަމްޕްގެ ރިޔާސީ ގަރާރެއް ކޯޓުން ހުއްޓުވައިފި

އެމެރިކާގެ ވެރިކަމާއި ޑޮނަލްޑް ޓްރަމްޕް ހަވާލުވެ ނެރެމުންދާ ރިޔާސީ ގަރާރުތަކުގެ ތެރެއިން އެންމެ މުހިއްމު އެއްގަރާރަށް އަމަލު ކުރުން ހުއްޓާލަން ފެޑްރަލް ކޯޓެއްގެ ފަނޑިޔާރަކު ވަގުތީ އަމުރެއް ނެރެފިއެވެ. އަމަލު ކުރުން ހުއްޓާލަން ކޯޓުން އަމުރު ކުރީ އެމެރިކާގައި އަލަށް އުފަންވާ ކުދިންނަށް އެމެރިކާގެ ރައްޔިތުންކަން ނުލިބޭނެ ކަމަށް ކަނޑައަޅައި ޓްރަމްޕް ނެރެފައި އޮތް ރިޔާސީ ގަރާރެވެ.
މިގަރާރުގެ ސަބަބުން އެމެރިކާއަށް ގާނޫނާއި އެއްގޮތްވާ ގޮތައް ހިޖުރަކޮށްގެން އުޅޭ މީހުންގެ ދަރިންނާއި އަދި ގަވައިދާއި ހިލާފަށް އެމެރިކާގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންގެ ދަރިން އެމެރިކާއަށް އުފަންވި ނަމަވެސް އެމެރިކާގެ ރައްޔިތުކަމެއް ނުލިބޭނެއެވެ.
ޓްރަމްޕްގެ ގަރާރަށް އަމަލު ކުރުން ފަސްކުރުމަށް އަމުރު ނެރުއްވި ފަނޑިޔާރު ވިދާޅުވީ އޭނާ ފަނޑިޔާރުކަން ކުރާތާ 40 އަހަރު ވެގެން ދިޔައިރު އަދި މިހާވަރަށް ގާނޫނީ ހައްގުތައް ހަނިކޮށްފައި އޮތް ގަރާރެއްގެ މައްސަލަ ބަލަން ޖެހިފައެއް ނެތެވެ. "މިއީ ފާޅުގައި ގާނޫނު އަސާސީއާ ހިލާފު އަމުރެއް. މި ނިންމުން ނިންމި އިރު ވަކީލުން ތިބީ ކޮންތާކު؟" ފަނޑިޔާރު ވިދާޅުވިއެވެ.
އަލަށް އުފަންވާ ކުދިންނަށް އެމެރިކާގެ ރައްޔިތުކަން ދިނުން ހުއްޓުވަން ޓްރަމްޕް ނެރެފައި އޮތް ރިޔާސީ ގަރާރާއި ދެކޮޅަށް މިހާރު ވެސް ތަފާތު ފަސް މައްސަލައެއް ކޯޓުތަކަށް ހުށަހަޅާފައި އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާ ހިމެނޭހެން ދުނިޔޭގެ 30 ގައުމެއްގައި އެގައުމަކަށް އުފަންވެއްޖެނަމަ އެގައުމެއްގެ ރައްޔިތުކަން ދެއެވެ. އެމެރިކާގައި މިއުސޫލަށް އަމަލު ކުރަން ފެށީ ދެވަނަ ބޮޑުހަނގުރާމައަށްފަހު އެމެރިކާގެ ގާނޫނު އަސާސީއަށް ގެނައި 14 ވަނަ އިސްލާހުގެ ދަށުންނެވެ.
ޓްރަމްޕް މިފަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ވެސް އެންމެ ބޮޑު އެއް ރިޔާސީ ވައުދަކީ އެމެރިކާގައި ގަވައިދާއި ހިލާފަށް ދިރިއުޅޭ މީހުން އެގައުމުން ބޭރު ކުރުމުގެ ވައުދެވެ. އެވައުދު ފުއްދުމަށް ފުރަތަމަ ދުވަހު ވެސް ވަނީ އެމެރިކާ އާއި މެކްސިކޯ ވަކިކުރާ ބޯޑަރު ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެސަރަހައްދަށް ސިފައިން ފޮނުވުމުގެ ރިޔާސީ ގަރާރެއް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ