ޔޫއެސްއެއިޑް އަކީ ކޮރަޕްޓް އަދި ކުށްވެރިންގެ އެޖެންސީއެއްކަމަށް ސިފަކޮށްފި
ވޮޝިންޓަން (3 ފެބްރުއަރީ 2025) : ޔޫއެސްއެއިޑް އަކީ ކޮރަޕްޓް އަދި ކުށްވެރިންގެ އެޖެންސީއެއް ކަމަށް އެލޮން މަސްކު ސިފަކުރައްވާފައިވާއިރު ޔޫއެސްއެއިޑް ނަމުގައި ދުނިޔޭގެ ކަންކޮޅުތަކުގައި އެމެރިކާއިން ހިންގަމުން ގެންދިޔަ ކުދިކުދި އެހީތައް ދިނުމުގެ ހަރަކާތަކީ އެމެރިކާއަށް އޭގެ މާބޮޑު ހެޔޮ ބަދަލެއް ނާންނަ ބޭކާރު ޚަރަދު ތަކެއްކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާ ބޭނުންވަނީ ބޭކާރުގޮތުގައި ފައިސާ ޚަރަދުކުރަން ނޫންކަމަށާ ޔޫއެސްއެއިޑުން ކުރި ޚަރަދުތަކުން އެމެރިކާއަށް ލިބުނު ފައިދާއެއް އެއެޖެންސީގެ އިސްވެރިންނަށް ބުނެ ނުދެވުނު ކަމުގައެވެ. "އެމެރިކާ ބޭނުންވަނީ އެހެން ގައުމުތަކަށް ފައިސާ ޚަރަދު ކުރުމުގެ ބަދަލުގައި އެހެން ގައުމުތަކުން އިސްވެސްޓްމަންޓާއި ފައިސާ،" ޓްރަމްޕް ވިދާޅުވިއެވެ. ޔޫއެސްއެއިޑްއަކީ އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާ ބޭކާރު ގޮތުގައި ޚަރަދުކުރާ އެޖެންސީއެއްކަމާއި އެއީ ކޮރަޕްޓް އަދި ކުށްވެރިންގެ އެޖެންސީއެއް ކަމަށް ޓްރަމްޕްގެ އެންމެ ގާތް މުސްތަޝާރު އަދި އޭނާގެ ވެރިކަން ދެމެހެއްޓުމުގެ އިސް ސްޓްރެޓެޖިސްޓް އެލޮން މަސްކް ސިފަކުރެއްވުމުން ޔޫއެސް އެއިޑް އެޖެންސީގެ އިސްފަރާތްތައްވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އެމެރިކާއަކީ ޕްރައިވެޓް ކުންފުނިތަކުގެ މައްޗަށް ބިނާކޮށްފައިވާ ކެޕިޓަލިސްޓް ނިޒާމެކެވެ. އެހެން ގައުމުތަކުގައި އޮންނަ ގޮތަށް ޕަބްލިކް ސެކްޓަރުގެ އިގްތިސާދެއް އަދި ޕަބްލިކް އިގްތިސާދީ ހަރަކާތްތަކެއް އެމެރިކާގައި ނޯވެއެވެ. އަދި އެމެރިކާއަކީ ޕަބްލިކް ސެކްޓަރުގެ އެއްވެސް ކުންފުންޏެއް އަދި އެމެރިކާ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެެއް ވެސް އޮންނަ ގައުމެއް ނޫނެވެ. އެހެންކަމުން ގައުމުތަކުގައި އިންވެސްޓް ކުރަނީ އެމެރިކާގެ ސަރުކާރަކުން ނޫނެވެ. އެމެރިކާގެ އަމިއްލަ ކުންފުނިތަކުންނެވެ. އެ ކުންފުނިތަކަކީ ދަހިވެތި ކުންފުނިތަކެކެވެ. ހަމައެކަނި ފައިދާއާއި ގެއްލުމަށް އެކަނި ބަލާ ރައުސްމާލީ ކުންފުނިތަކަށް ވާތީ އެ ކުންފުނިތަކަށް މާލީ ބޮޑު ފައިދާއެއް ނުލިބޭ ގޮތަށް އެ ކުންފުނިތަކުން އެއްވެސް ކަމެއް ނުކުރާނެއެވެ. އެެމެރިކާގެ މަހުޖަނު ، އެލޮން މަސްކު ޗައިނާ ގޮތަށް ގައުމުތަކަށް އެހީވުމުގެ ގޮތުން އެމެރިކާގެ ކުންފުނިތަކުން ގައުމުތަކުގައި އިންވެސްޓެއް ނުކުރާނެއެވެ. އިންވެސްޓް ކުރާނީ އެމެރިކާއަށް ވުރެ އަގު ހެޔޮކޮށް ލޭބަރުންނާއި އެމެރިކާގައި ލިބޭ ވަރަށް ވުރެ ރޯމެޓީރިއަލް ނުވަތަ ތަކެތި އުފައްދަން ބޭނުންވާ ސާމާނު އަގުހެޔޮކޮށް ލިބޭ ގައުމުތަކުގައި އެކަންޏެވެ. އަދި އިންވެސްޓް ކޮށްގެން އަގުހެޔޮކޮށް ތަކެތި އުފެއްދޭވަރުގެ އިގްތިސާދީ އިންފްރާސްޓްރަކްޗައާއި ތަކެތި ވިއްކޭވަރުގެ ބޮޑު ބާޒާރެއް ވެސް ހުރި ގައުމުތަކުގައި އެކަންޏެވެ. އެހެންކަމުން ދުނިޔޭގައި އެމެރިކާގެ އިގްތިސާދީ ބާރާއި ނުފޫޒު، ޗައިނާ ގޮތަށް ގައުމުތަކުގައި އެހާ ބޮޑެއް ނޫނެވެ. އެމެރިކާގެ ބާރާއި ނުފޫޒު އަންނަނީ ދުނިޔޭގެ ބޭންކިން ނިޒާމާއި ޑޮލަރުގެ ބާރާއި ނުފޫޒުގެ ތެރެއިންނެވެ. ދެން އޮންނަނީ އެމެރިކާގެ ސިޔާސީ އަދި އަސްކަރީ ބާރާއި ނުފޫޒެވެ. މިއާ ޚިލާފަށް ފައިދާއަށް ނުބަލައި ޗައިނާ ދުނިޔޭގެ ގައުމުތަކުގައި އިންވެސްޓްކޮށްދެއެވެ. މަގުތަކާއި ބަނދަރުތަކާއި އެއާޕޯޓްތަކާއި ބްރިޖްތަކާއި ރިއަލްއެސްޓޭޓް ފަދަ އިންފްރާސްޓްރަކްޗަ ބިނާކޮށްދެއެވެ. ނަތީޖާއަކީ ދުނިޔޭގެ ގައުމުތަކުގައި ޗައިނާގެ އިގްތިސާދީ ބާރާއި ނުފޫޒު އިންތިހާއަށް މައްޗަށް ދިޔުމެވެ. ޔޫއެސް އެއިޑްއަކީ ޗައިނާގެ މި ނުފޫޒާ ކުރިމަތިލުމަށް އެމެރިކާ ސަރުކާރު އިސްކޮށް އޮވެގެން ދުނިޔޭގެ ގައުމުތަކަށް އިގްތިސާދީ ކުދިކުދި އެހީތައް (ދެތިން މިލިޔަނުން) ދީގެން ގައުތަކުގެ ހިތްތައް ދަމައިގަތުމުގެ ވިސްނުމުގައި އެމެރިކާ ސަރުކާރުން އުފައްދާފައިވާ އެޖެންސީއަކުން ހިންގާ ހަރަކާތެކެވެ. ޗައިނާ، ގައުމުތަކުގައި ބިލިޔަން ޑޮލަރުން ނޫނީ އެތައް ސަތޭކަ މިލިޔަން ޑޮލަރުން އިންފްރާސްޓްރަކްޗަ ބިނާކޮށްދިނުމަށް ޓަކައި ހިލޭ އެހީއާއި ލޯން އެހީތައް ބޮޑެތި އަދަދުތަކުން ދޭއިރު ޔޫއެސް އެއިޑުން އެހީގެ ގޮތުގައި ގައުމުތަކަށް ދޭ ހައެއްކަ މިލިޔަން ޑޮލަރުގެ އެހީން އެމެރިކާއަށް ލިބޭ މާބޮޑު ރިޓާން އެއް ނޫނީ ފައިދާ ނޯވެއެވެ. އެެހެންކަމުން މި މައްސަލައަކީ ޓްރަމްޕްގެ ކުރިން ވެސް އެމެރިކާގެ މަތީ ފަންތީގެ ތެރޭގައި ހިނގާ ޑިބޭޓެކެވެ. މިއަދު ގައުމުތަކުގެ ސަރުކާރުތަކުން އެހީ ބޭނުންވަނީ އެތަށް ސަތޭކަ މިލިޔަން ޑޮލަރުން ކަމަށްވާއިރު ޔޫއެސް އެއިޑް މެދުވެރިކޮށް އެމެރިކާ ސަރުކާރުން ދޭ ދެތިން މިލިޔަން ޑޮލަރުގެ ހިލޭ އެހީތަކަކީ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކަށް އެއިން ފައިދާވާ ފަދަ އެހީތަކެކެވެ. އެއިން ގައުމުތަކުގެ ސަރުކާރުތަކުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް މާބޮޑު ފައިދާއެއް ކުރާ އެހީތަކެއް ނޫނެނެވެ. އާންމު ގޮތެއްގައި ޔޫއެސް އެއިޑުން ދެނީ އިންސާނީ އެހީތަކެވެ. ކާރިސާ ތަކުން ގެއްލުން ލިބޭ ފަރާތްތަކަށް ދޭ ބާވަތުގެ އިންސާނީ އެހީތަކާއި ޑިމޮކްރަސީ އާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޕްރޮމޯޓްކުުރުގެ ނަމުގައި ބާއްވާ އެކިއެކި ވޯކްޝޮޕްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ދޭ ޕްރޮޕަގެންޑާ އެހީތަކެވެ. އެހެންކަމުން ޔޫއެސް އެއިޑްގެ އެހީން ގައުމުތަކުގެ ރުހުން އެމެރިކާއަށް ނުލިބެއެވެ. ޔޫއެސް އެއިޑް ގެ ހަރަކާތްތަކާމެދު ފާޑުކިޔާ ފަރާތްތައް ދެކެނީ އެއީ އެމެރިކާގެ ހުތުރު މޫނާއި ހުތުރުވެފައިވާ ބުރުސޫރަ ރީތިކުރުމުގެ ޕީއާރު ހަރަކާތްތަކުގެ ތެރެއިން ހިންގާ ހަރަކާތެއް ކަމުގައެވެ. މި އެހީ ސިފަކުރެވެމުން ދަނީ ދުނިޔޭގައި ހުތުރުވަމުންދާ އެމެރިކާގެ މޫނާއި ބުރުސޫރަ ރީތިކުރުމަށް ޓަކައި ދޭ އެހީތަކެއްގެ ގޮތުގައެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށްފަހު ޔޫއެސް އެއިޑްގެ ހަރަކާތްތަކާއި އެއެޖެންސީ މެދުވެރިކޮށް އެމެރިކާ ސަރުކާރުން ގައުމުތަކަށް ދޭ މިކުދިކުދި އެހީތައްވަނީ ހުއްޓާލާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މިއީ ބޭކާރު ޚަރަދު ތަކެކެވެ. އަދި މިއީ ކޮރަޕްޝަނާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ޓްރަމްޕް ވަނީ ޔޫއެސް އެއިޑްގެ ކަންކަން ބަލައި މުރާޖައާ ކުރުމަށްފަހު އެ އެޖެންސީގެ މުސްތަގުބަލާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕަކީ ދަހިވެތި އުސޫލު ގެންގުޅުއްވާ ބޭފުޅަކަށްވާތީ އެންމެ ގާތީ ޔޫއެސް އެއިޑްގެ ހަރަކާތްތައް އެއްކޮށް ހުއްޓާލާގޮތަށް އޭނާ ނިންމުންކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާރު ޔޫއެސް އެއިޑްގެ އެހީތައް ހުއްޓާލާފައިވަނީ ޔޫއެސް އެއިޑްގެ ކަންކަން ބަލައި މުރާޖައާ ކުރުމަށް ޓަކައި ވަގުތީ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ