ރައީސްގެ އިންޒާރެއް: "މުސްތަގުބަލަށް ހުރަސް އެޅުމަކީ އޮންނާނެ ހައްގެއް ނޫން" ރައީސްގެ އިންޒާރެއް: "މުސްތަގުބަލަށް ހުރަސް އެޅުމަކީ އޮންނާނެ ހައްގެއް ނޫން"

އަސާސީ ހައްގުތަކުގެ ވާހަކަ އާއި އަމަލު ދިމާ ނުވާ ގޮތަށް ކަން ކުރެއްވުމަށް ފަހު، "މުސްތަގުބަލަށް ހުރަސް އެޅުމަކީ [ވެސް] އެއްވެސް މީހަކަށް އޮންނާނެ ހައްގެއް ނޫން" ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިންޒާރު ދެއްވައިފި އެވެ.
ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އަސާސީ ހައްގުތައް ކަށަވަރު ކުރާނެ ވާހަކަ ރައީސް މުއިއްޒު ތަކުރާރުކޮށް ދައްކަވާއިރު، ސަރުކާރަށް އަދި ރައީސް މުއިއްޒަށް ނިސްބަތްކޮށް ޝުއޫރު ލިޔެ ދިއްދޫގައި ދެމި ފޮތިތައް ފުލުހުން ނުކުމެ ކަނޑައިލި އެވެ. އެ ރަށުގައި ބާއްވަން އުޅުނު އަޑު އުފުލުމަށް ހުރަސް ވެސް އެޅި އެވެ.
ރައީސް މުއިއްޒަށް ނިސްބަތްކޮށް "ތީ ބަހުލޫލެކޭ" ލަވަ ހުށަހަޅައި ދިން ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ޕޮލިހަށް ހާޒިރުކުރަން ޗިޓު ފޮނުވާފައިވެ އެވެ. އެކްސްގައި ޕޯސްޓެއް ކޮށްގެން، އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސައިން ޝާފިއު (ތުއްތު) ގެ މައްސަލަ ޕޮލިިހަށް ހާޒިރު ކޮށް ތަހުގީގު ކުރަން ވަނީ ފަށައިފަ އެވެ.
އެކްސްގައި މި ސަރުކާރު ފަލީހަތް ކުރާ "ކުރުސީ" އަށް މައުލޫމާތު ފޮނުވާ މީހުން ހޯދަން ކޯޓު އަމުރު ހޯދައި ބައެއް މީހުންގެ ފޯނުތައް އަތުލާފައިވެ އެވެ.
މި ހުރިހާ ކަމެއް ކުރުމަށް ފަހު، ހއ. ދަތުރުގައި ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އަސާސީ ހައްގުތައް ފުރިހަމައަށް އޮންނާނެ ކަމާއިއި ގާނޫނުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑު އެކަން ޔަގީންކުރާނަން،" ރައީސް ވިދާޅުވި އެވެ.
މިހެން ވިދާޅުވުމަށް ފަހު، ޖެހިގެން އައި ޖުމުލައިގައި ރައީސް ވިދާޅުވީ "ގައުމުގެ ހަމަޖެހުން އޮތް އޮތުން ނަގާލަން މަސައްކަތްކޮށް، އަޅުގަނޑުމެންގެ ތަރައްގީ އަށް ހުރަސް އެޅުން، އަޅުގަނޑުމެންގެ މުސްތަގުބަލަށް ހުރަސް އެޅުމަކީ އެއްވެސް މީހަކަށް އޮންނާނެ ހައްގެއް ނޫން،" ކަމަށެވެ.
އެކަން ކަށަވަރު ކުރުމަށް ވެސް އެ މަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ތަރައްގީ އާއި މުސްތަގުބަލަށް ހުރަސް އެޅުން މާނަ އެ އެކުރައްވަނީ ކޮން ކަމަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.
ގައުމު ތަރައްގީކުރުމުގައި އެކަތިގަނޑަކަށް ވުމަކީ، ދިވެއްސަކަށްވީތީ، ދިވެހި ގައުމު ދެކެ ފަހުރުވެރިވެ، ކޮންމެ ރައްޔިތަކު ވެސް ކުރަންވީ ކަމެއް ކަމަށާއި "ސިޔާސީ ހިޔާލުތަފާތުވުން ކަމަށް ވިޔަސް، އެހެން މައުލޫއެއް ނަމަވެސް އަންނަންވާނީ އެއާ ޖެހިގެން،" ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު މިކަންކަން ފާހަގަ ކުރެއްވިއިރު، ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޮޑު ހިނގާލުމެއް ބޭއްވުމަށް ދަނީ ތައްޔާރު ވަމުންނެވެ. މި ސަރުކާރުން ވައުދުވި ކަންކަމާއި ބަހާއި އަމަލު ދިމާނުވާ ކަމަށް ބުނެ ރައްޔިތުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ފާޑުކިޔުން ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ