ކެންސަރުގައި 4 ސިފައިން ނިޔާވެފައިވަނިކޮށް، ފިރިހެން ސިފައިންނަށް ކެންސާ ސްކްރީނިން ޕްރޮގްރާމެއް!

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓް ގާޑުގައި މަސައްކަތް ކުރި ހަތަރު ސިފައިން ކެންސަރު ބަލީގައި, ވޭތުވެދިޔަ ހަތަރު އަހަރުތެރޭ ނިޔާވެފައިވާއިރު, ފިރިހެން ސިފައިންނަށް ޚާއްސަކޮށް ކެންސާ ސްކްރީނިން ޕްރޮގްރާމެއް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ''ސަން''އަށް އެނގިފައިވާ ގޮތުގައި 2021ވަނަ އަހަރުން ފެށިގެން ކެންސަރު ބަލީގައި ކޯސްޓް ގާޑުގައި މަސައްކަތް ކުރި ހަތަރު ސިފައިން ވަނީ ނިޔާވެފައެވެ. އެއީ: އަޙްމަދު ސުޖާއު, 39އ: އޭނާ ވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައި ޢަލީ މުރުތަޟާ, 38އ: އޭނާ ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައި މުޙައްމަދު ޖުނައިދު: އޭނާ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައި ޢަލީ ނަޝީދު: އޭނާ ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހު ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައި އެނގިފައިވާ ގޮތުގައި އެ ހަތަރު ބޭފުޅުން ވެސް ނިޔާވެފައިވަނީ އެކި ވައްތަރުގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. https://www.sun.mv/204441 އެހެންނަމަވެސް އެމްއެންޑީއެފުން "ސަން"އަށް ބުނީ މާދަމާ ފަށާ ސްކްރީނިންއަކީ ސިފައިންގެ މެދުގައި އެއްވެސް ވަރަކަށް ކެންސަރު އާންމު ވެގެން ކުރިއަށް ގެންދާ ސްކްރީނެއް ނޫން ކަމަށެވެ. ކުރިން ވެސް އެކި ކަހަލަ ސްކްރީނިން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ދިވެހި ސިފައިންގެ 133ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޕެރޭޑުގެ ތެރެއިން ސިފައިން: ފިރިހެން ސިފައިންނަށް ޚާއްސަކޮށް ކެންސާ ސްކްރީނިން ޕްރޮގްރާމެއް ފަށަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް އެގޮތުން، މިފަހަރު މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކެންސަރު ސްކްރީނިންގްއަށް ކަމަށާއި މި ޕްރޮގްރާމް ޚާއްސަ ކުރެވިފައި ވަނީ ފިރިހެން ސިފައިންނަށް ކަމަށް ބުންޏެވެ. އެމްއެންޑީއެފުން ބުނީ މި ޕްރޮގްރާމް ކުރިއަށްގެންދަނީ އެމްއެންޑީއެފް މެޑިކަލް ކޯއާއި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ކަމަށެވެ. ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ސިފައިންނާއެކު -- ފޮޓޯ/ އެމްއެންޑީއެފް އެގޮތުން މި ސްކްރީން ޕްރޮގްރާމް ކުރިއަށް ގެންދަނީ މާދަމާ ހެނދުނު 10:00އިން މެންދުރު 14:00އަށް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ވޯޑްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މި ޕްރޮގްރާމުގައި ތިން ވައްތަރެއްގެ ކެންސަރަށް ސްކްރީނު ކުރާނެ ކަމަށާއި އެ ތިން ވައްތަރަކީ އޯރަލް ކެންސާ، ޕްރޮސްޓޭޓް ކެންސާ އަދި ކޮލަރެކްޓަލް ކެންސަރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ސްކްރީން ޕްރޮގްރާމުގައި، އެމްއެންޑީއެފް މެޑިކަލް ކޯއިން ޓާގެޓްކުރަނީ 300 ސިފައިން ސްކްރީން ކުރުމަށް ކަމަށް ބުންޏެވެ. މީގެ ކުރިން ވެސް އެކި ދުވަސް ދުވަހާ ގުޅުވައިގެން ކެންސަރުގެ އިތުރުން، ހަކުރު ބަލި، ބްލެޑް ޕްރެޝާ ހުރިތޯ ބަލާ. އަދި އެކިކަހަލަ ސްކްރީނިން ޕްރޮގްރާމުތައް އެމްއެންޑީއެފް މެޑިކަލް ކޯގެ އިސްނެގުމުގެ މަތިން ވަނީ ކުރިއަށް ގެންގޮސްފައި، އެމްއެންޑީއެފް ސިފައިންގެ ތެރޭގައި ކެންސަރު އާއްމުތޯ ދިރާސާއެއް ކޮށްފައިވޭތޯ މީގެ ކުރިން ކުރި ސުވާލުގެ ޖަވާބުގައި ޑިފެންސް މިނިސްޓްރީން ބުނީ، އެފަދަ ބަލިތައް ދެނެގަނެ ތަފާސްހިސާބު ބެލެހެއްޓުމަކީ އެމްއެންޑީއެފްއިން ކުރަމުން އަންނަ ކަމަކަށް ނުވާތީ އެފަދަ ދިރާސާއެއް ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް، އެމްއެންޑީއެފްއިން އެންމެ އިސްކަމެއް ދޭ އެއް ކަމަކީ އެ މުއައްސަސާގެ މުވައްޒަފުންގެ ސިއްހީ އަދި ނަފުސާނީ ދުޅަހެޔޮކަން ގާއިމުކުރުން ކަމަށް ޑިފެންސްއިން ބުންޏެވެ. https://sun.mv/206160 އެހެން ގައުމުތަކެކޭ އެއްގޮތަށް ކެންސަރަކީ ރާއްޖޭގައި ވެސް ވަރަށް އާއްމު ބައްޔެކެވެ. މިއީ ކުރިއާލާ ދެނެގަނެވިއްޖެނަމަ ފަރުވާކޮށް, ރަނގަޅު ވެސް ކުރެވޭ ބައްޔެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގެ 2020ވަނަ އަހަރު ތަފާސްހިސާބުތަކުގެ މައްޗަށް އަންދާޒާކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެއެވެ. މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން 2019ވަނަ އަހަރުން ފެށިގެން މައުލޫމާތު އަދާހަމަކޮށް ޑިޖިޓަލްކޮށް ބަލަހައްޓަމުންދާ ކެންސަރު ބަލިމީހުންގެ މައުލޫމާތުގައި ރާއްޖޭގައި ކެންސަރުގެ ބާވަތްތަކުގައި ތެރޭގައި އުރަމަތީގެ ނުވަތަ ބްރެސްޓް ކެންސަރާއި ފުއްޕާމޭގެ ކެންސަރު، ލޭގެ ކެންސަރު، ތައިރޮއިޑް، ލިވާ އަދި ޕްރޮސްޓޭޓް ކެންސަރު އިތުރުކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް މީހުން މަރުވާ އެއް ސަބަބެވެ. ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން މި ބަލީގައި މަރުވާއިރު މީގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ބަލިޖެހޭ މީހުން ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ