ރަޝިޔާ އަސްކަރިއްޔާގައި 155 ޗައިނާ މީހުން މަސައްކަތްކުރޭ: ޒެލެންސްކީ ރަޝިޔާ އަސްކަރިއްޔާގައި 155 ޗައިނާ މީހުން މަސައްކަތްކުރޭ: ޒެލެންސްކީ

ރަޝިޔާ އިން ޔޫކްރެއިނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި، ރަޝިޔާގެ އަސްކަރިއްޔާއާ އެކު 155 ޗައިނާ މީހުން މަސައްކަތް ކުރާކަން ޖާސޫސީ އިދާރާތަކަށް ކަށަވަރުވެފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވްލޮޑޮމިއަ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ރަޝިއާ އިން ޔޫކްރެއިނުގެ ބިންތަކަށް ވެރިވަމުންދާ ސަރަހައްދުން ޔޫކްރެއިން ސިފައިން އަތުލައިގަތް ޗައިނާ ދެ މީހުންނާ ބެހޭ މައުލޫމާތު ހާމަ ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒެލެންސްކީ ވިދާޅުވީ ހަނގުރާމައިގައި ޗައިނާގެ ރައްޔިތުން ބޭނުންކުރާ މައްސަލައިގައި އެމެރިކާއިން ރަޝިއާއާ ވާހަކަ ދައްކާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ރަޝިޔާއަށް ހަނގުރާމަކޮށްދޭނެ ޗައިނާގެ ރައްޔިތުން ހޯދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށާއި، އެކަން ޗައިނާގެ ކަމާ ބެހޭ ފަރާތްތަކަށްވެސް އެނގޭ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
ޒެލެންސްކީ ވިދާޅުވީ ހަނގުރާމަކުރާ ޗައިނާގެ އެންމެންގެ ނަންތަކާއި، އުފަން ތާރީހާއި، ޕާސްޕޯޓްގެ ތަފްސީލާއި އެމީހުން މަސައްކަތްކުރަނީ ރަޝިޔާގެ ކޮން އަސްކަރީ ޔުނިޓެއްގައިކަން ވެސް އެނގޭ މިންވަރަށް ޔޫކްރެއިންގައި އެ މައުލޫމާތު ހުރި ކަމަށެވެ.
މީގެއިތުރުން ޒެލެންސްކީ ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ އެމީހުންނަށް ޗައިނާ ސަރުކާރުން އެއްވެސް އިރުޝާދެއް ލިބުނުތޯ ކަމަށާއި މައުލޫމާތު ހޯދިފައިވާ 155 މީހުންގެ އިތުރުން ވެސް އިތުރު ގިނަ ބަޔަކު ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަމަށެވެ.
ނަމަވެސް ޒެލެންސްކީގެ ތުހުމަތުތައް ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ދޮގުކޮށްފަ އެވެ.
ޗައިނާގެ ރައްޔިތުން ރަޝިޔާ އިން ހަނގުރާމައަށް ނެރެފައިވާ މައްސަލަ ފެންމަތިވެފައި ވަނީ އުތުރު ކޮރެއާގެ އެތައް ހާސް ސިފައިންނެއް ވެސް ރަޝިޔާއާ އެކު ހަނގުރާމައިގައި ބައިވެރިވާކަމަށް ބައެއް ގައުމުތަކުން ތުހުމަތުކޮށްފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ