ރާއްޖެއަށް ގޭސް އެތެރެކުރަން މޯލްޑިވް ގޭހުން ބޭރު ކުންފުންޏަކަށް އެޑްވާންސަށް ފައިސާ ދެއްކުމުން ގޭސް ނުލިބި އެ ފައިސާ ގެއްލުނު މައްސަލައެއް ފެންމަތިވެފައިވަނިކޮށް އެފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ގޭހުގެ ފައިސާތަކެއް ގެއްލުނު މައްސަލަ ފެންމަތިވެ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވަނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
ތަފްސީލް - އޭސީސީގެ އޮފިޝަލަކު މިރޭ ވަނީ އެ ކޮމިޝަނުން އެކަމާ ގުޅޭ މައްސަލައެއް ބަލަމުން އަންކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އަދި މައްސަލަ ހުށަހެޅުނު އިރެއް ނުބުނެ އެވެ.
މޯލްޑިވްސް ގޭހުން ގޭސް ގަންނަން ބޭރުގެ ކުންފުންޏަކަށް ފައިސާ ދެއްކި ނަމަވެސް ގޭސް ނުލިބި އަދި ފައިސާ ވެސް އަނބުރާ ނުހޯދޭ މައްސަލަ ފެންމަތި ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު އެވެ.
އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ނާޒިމް ކޮމިޓީގައި މިއަދު ވިދާޅުވީ:
އެކަން ހިނގީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި
ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ މޯލްޑިވް ގޭސްއަށް އަދިވެސް ނުހޯދޭ ކަމަށް ވިދާޅުވި
ގެއްލިގެން އުޅެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނާޒިމް ވިދާޅެއް ނުވެ އެވެ.
ނަމަވެސް 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ގޭސް ގަންނަން ކަމަށް ބުނެ ބޭރުގެ ކުންފުންޏަކަށް މޯލްޑިވް ގޭހުން ދެއްކީ 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) އެވެ. އެކަމަކު ގޭސް ޝިޕްމަންޓެއް ނުލިބުނެވެ.
"މައުލޫމާތު ލިބިފައި އެބައޮތް މޯލްޑިވް ގޭސްއިން އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާ ވެސް ވެއްޖެ ގެއްލިފައިވާ. ދެން އެ ފައިސާ ހޯދުމުގެ ކަންތަކުގައި ވެސް އެއްވެސް ކާމިޔާބެއް ނުލިބި މިހާރު މި ދިޔައީ،" ނާޒިމް ދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އެއްވެސް ގެރެންޓީއެއް ނުހޯދާ ކުންފުންޏަކަށް އެޑްވާންސްކޮށް ފައިސާ ދިނުމަކީ ޕީސީބީން ކަނޑައަޅާފައިވާ ޕްރޮކިއުމަންޓުގެ އުސޫލުތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އެގޮތަށް އެކަން ކުރެވިގެން ނުވާނޭ ކަމަށާއި އެފަދަ ގޮތްގޮތަށް ކަންކަން ކުރާ ފަރާތްތައް ޒިންމާދާރުކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ ބަލަން ކުންފުނިތަކުގެ ޕްރޮކިއުމަންޓް ކަންކަން މިހުރީ ޕީސީބީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށްތޯ. މިކަހަލަ ހާއްސަ ކަންކަން އެބަ ޖެހޭ ބަލަން." އޭނާ ވިދާޅުވި އެވެ.
ގޭހުގެ ފައިސާ ގެއްލުނު މައްސަލަ އޭސީސީ އިން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ