އުޒްބެކިސްތާނާއި އުރުދުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދައިފި
އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕޔން އުޒްބެކިސްތާނާއި އުރުދުން ޖާގަ ހޯދައިފިއެވެ. މިއީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކުން މި ދެ ޤައުމަށް ޖާގަ ހޯދުނު ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕްއިން އުޒްބެކިސްތާން ޖާގަހޯދީ އޭޝިއާ ސަރަހައްދުގެ ކޮލިފައިން ތިންވަނަ ބުރުގައި ގްރޫޕް އޭގައި އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. އަދި، އުރުދުން ވާރލްޑް ކަޕުން ޖާގަހޯދީ އޭޝިއާ ސަރަައްދުގެ ކޮލިފައިން ތިންވަނަ ބުރުގެ ގްރޫޕް ބީގައި އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. މި ގްރޫޕުން ދެކުނު ކޮރެއާ ވެސް ވަނީ ވޯލްޑް ކަޕްގެ ޖާގައެއް ރޭ ކަށަވަރުކޮށްފައެވެ. އުޒްބެކިސްތާނަށް މި މަގާމު ކަށަވަރުވީ ގްރޫޕް އޭގެ ތިންވަނައިގައި އުޅޭ އެކުވެރި އަރަބި އިމާރާތާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި ލަނޑެއް ނުޖެހި އެއްވަރު މި ނަތީޖާ އާވުމުންނެވެ. މި ގްރޫޕްގައި މިހާރު ބާކީ އެއް މެޗު ކޮންމެ ޓީމަކަށް އޮތްއިރު އުޒްބެކިސްތާނާއި ޔޫއޭއީއާ ދެމެދު ހަތަރު ޕޮއިންޓްގެ ތަފާތު އެބަހުއްޓެވެ. އުޒްބެކިސްތާނަށް މިހާރުވަނީ ނުވަ މެޗުން 18 ޕޮއިންޓް ލިބިފައެވެ. އަދި، ޔޫއޭއީއަށް ލިބިފައިވަނީ ނުވަ މެޗުން 14 ޕޮއިންޓެވެ. އުރުދުންއަށް ބަލާލާއިރު އެ ޓީމަށް މި ޖާގަ ކަށަވަރުވީ އުރުދުންއާއި އޮމާން ރޭ ބައްދަލުކުރި ކޮލިފައިން މެޗު 3-0 އިން ކާމިޔާބުކުރުމާ އެކު ގްރޫޕްގެ ތިންވަނައިގައި އޮތް އިރާގާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗުން އިރާގް ބަލިވުމުންނެވެ. އުރުދުންއަށް ނުވަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމާ އެންމެ ގާތުން ވާދަކުރާ އިރާގަށް ނުވަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. އެހެންކަމުން އިރާގަށް ބާކީ އޮތް އެއް މެޗުން އަރާ ހަމަ ނުކުރެވޭނެކަން ވަނީ ޔަގީންވެފައެވެ. އަދި، ދެކުނު ކޮރެއާ އޮތީ ނުވަ މެޗުން ލިބިފައިވާ 19 ޕޮއިންޓާ އެކު ގްރޫޕް ބީގެ އެއްވަނައިގައެވެ. އުރުދުންއާއި އޮމާން ރޭ ބައްދަލުކުރި މެޗުގައި އުރުދުންގެ ތިން ލަނޑު ވެސް މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދީފައިވަނީ އަލީ އޮލްވާންއެވެ. އަދި، ދެކުނު ކޮރެއާއިން ރަށުން ބޭރުގައި އިރާގާއި ބައްދަލުކުރި މެޗުގައި ދެކުނު ކޮރެއާގެ ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ކިމް ޖިން ކިޔޫއާއި އޯ ހިޔެއޮން ގިޔޫއެވެ. ވޯލްޑް ކަޕުން މުޅިން އަލަށް ޖާގަހޯދި އުޒްބެކިސްތާނާއި އުރުދުންގެ އިތުރުން ޖެހިޖެހިގެން 11 ވަނަ ފަހަރަށް ޖާގަ ހޯދި ދެކުނު ކޮރެއާއާ އެކު އަންނަ އަހަރުގެ ވޯލްޑް ކަޕުން މިހާތަނަށް ޖާގަ ހޯދި ޓީމުތަކުގެ އަދަދު މިވަނީ 10 އަކަށް އަރާފައެވެ. ވޯލްޑް ކަޕް ބާއްވާ ތިން ޤައުމު އޮޓަމެޓިކުން ކޮލިފައިވެފައިވާއިރު ދެން ޖާގަ ހޯދާފައިވަނީ ޖަޕާން، ނިއުޒީލަންޑް، އީރާން އަދި އާޖެންޓީނާއެވެ. ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އަށް އަންނަ އަހަރުގެ މުބާރާތަށް ފީފާއިން އިތުރުކުރުމާ އެކު އޭޝިއާ ސަރަހައްދުން ސީދާ ގޮތުން އަށް ޓީމު ކޮލިފައިވުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފަސް ޓީމެއް މިހާރު ކަށަވަރުވެފައިވާއިރު ފަހު މެޗުތަކަށް ފަހު ގްރޫޕް ސީއިން އިތުރު އެއް ޓީމު ސީދާ ގޮތުން ކޮލިފައިވާނެއެވެ. މި މަގާމަށް އެންމެ ބޮޑަށް ވާދަކުރަނީ އޮސްޓްރޭލިއާއާއި ސައުދީ އަރަބިއާއިންނެވެ. ބާކީ ދެ ޖާގަ ކަނޑައެޅޭނީ ކޮލިފައިން ތިންވަނަ ބުރުގައި ހިމެނޭ ތިން ގްރޫޕުން ތިންވަނައާއި ހަތަރުވަނައަށް ދާ ހަޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެ، އެންމެ ގިނަ ޕޮއިންޓް ކޮންމެ ގްރޫޕަކުން ހޯދާ ޓީމެެވެ. މި ދެ ގްރޫޕުން ދެވަނައަށްދާ ދެ ޓީމުގެ މެދުގައި ހޯމް އެންޑް އެވޭ އުސޫލުން ކުޅޭ ދެ މެޗަށް ފަހު ކުރި ހޯދާ ޓީމަކަށް އިންޓަ ކޮންފެޑެރޭޝަން ޕްލޭ އޮފުގައި ވާދަކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ