ހީވާ ގޮތުން މުބާރާތް ކާމިޔާބުކުރާނީ '2 އޮފް އަސް': އަނޫ މާލިކް

ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގައި ބައިވެރިވާ ދިވެހި ބޭންޑު '2 އޮފް އަސް'ގެ މިއަދުގެ ހުށަހެޅުމަށް، ގެސްޓު ޖަޖަކަށް ހުރި އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރު އަނޫ މާލިކް ދިން ކޮމެންޓު ދިވެހި ބަހުން ބުނާ ނަމަ ބުނެވޭނީ މިކަހަލަ ގޮތަކަށެވެ:
"ހުވާކޮށްފައި މި ބުނަނީ، އަހަންނަށް ހީވާ ގޮތުގައި މި މުބާރާތް ކާމިޔާބުކުރާނީ ރާއްޖެ."
އެހެން ނުބުނަންވީ ސަބަބެއް ނެތެވެ. ބައިނަލްއަގްވާމީ މިއުޒިކް މުބާރާތެއްގައި ސްޓޭޖަށް އަރައި ކުޅެލި ހިތްގައިމު ލަވަތަކުން ފަނޑިޔާރުން ހައިރާންކޮށްލައިފި އެވެ. ސޯޝަލް މީޑިއާގައި 2 އޮފް އަސްއަށް ތައުރީފު އޮއްސަނީ އެވެ.
ބެޓްލް އޮފް ބޭންޑްސްގައި 2 އޮފް އަސްއިން ފުރަތަމަ ބުރުގައި އަރައި ޖަހާލީ 'އެއްޗެއް ކަޅެކެވެ.' ވަކި ހިސާބަކުން ކިޝޯރު ކުމާރުގެ 'ބާބޫ ސަމްޖޯ އިޝާރޭ'އަށް ލަވަ ބަދަލުކޮށްލި އެވެ. ދިވެއްސާއި ހިންދީ ދެ ލަވައިގެ އެ ފިއުޝަންއަށް ވެސް ޖަޖުންގެ ރުހުން ލިބުނެވެ. އެކަމަކު އެ ދުވަހު ޕާފޯމާސް އޮފް ދަ ޑޭ ނަގައިގެން، 2 އޮފް އަސްއަށް ވުރެ ކުރި ހޯދީ އަވަށްޓެރި ސްރީ ލަންކާގެ ބޭންޑެކެވެ.
2 އޮފް އަސްގައި ހިމެނެނީ:
އަހުމަދު އަދުހަމް
މުހައްމަދު ނަސޫހު ބިން ނަސްރުއްދީން
އަބްދުﷲ ޝަމްރޫހު
އަހުމަދު ޖަޝީމް
އަހުމަދު ޝަހީދު (ޝަހީދު ލެގަސީ)
މައްސަލައެއް ނެތެވެ. ހުށަހެޅި ލަވަ (ބާބޫ ސަމްޖޯ އިޝާރޭ)ގައި ބުނި ގޮތަށް، ބަލަންވީ އިޝާރާތްތަކަށެވެ. އަދުހަމްގެ ފޯރިގަދަ ނެށުމާއި ފުންމުންތަކާއި އެއާ އެއްވަރަށް ބީޓު ހިފަހައްޓައިދޭ އެ ބޭންޑުގެ އެހެން މެމްބަރުން، ޝަހީދު، ނަސޫހު، ޝަމްރޫހު އަދި ޖަޝީމް އެ ކުޅެދޭ މިއުޒިކަށް ފަރުވާތެރިވާށެވެ. އެއީ އާދައިގެ ކަންތައްތަކެއް ނޫންކަން ސާބިތުކޮށްދިނީ ދެ ވަނަ ބުރުގަ އެވެ.
އެ މީހުން ނެގި މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)ގެ 'މޮޅި އޮޑި' އާއި ހައްސާނު މުހައްމަދު (މޭނާ ހައްސާނު)ގެ 'މިލަ މިލަ ހަނދުވަރު'ގެ ކަވާއާ މެދު ފަނޑިޔާރުން ތިބީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އަނޫ މާލިކު ބުނި ގޮތުގައި އެވަރުގެ ހުށަހެޅުމެއް އޭނާއަށް ނުފެންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އޭނާގެ އަތްމަތީގައި އެކަނި އޮތް ނިންމުމެއް ނަމަ، މުބާރާތުގެ ޗެމްޕިއަންކަން ވެސް 2 އޮފް އަސްއަށް ދީ، ނިންމާލާނެ އެވެ.
މުބާރާތުގައި ތިން ވަނަ ހުށަހެޅުމަށް ސްޓޭޖަށް އެރުމުގެ ކުރިން ވެސް 2 އޮފް އަސް ތިބީ ފުލް ކޮންފިޑެންސްގަ އެވެ.
އެޕިސޯޑު ފެށުމުގެ ކުރިން އިންޓްރޯއަށް އަދުހަމް ބުނީ 'ވީ އާ ވެރީ، ވެރީ ރެޑީ' ކަމަށެވެ. ސްޓޭޖު މަތިން ހޯސްޓުކުރި ސުވާލަކީ ދެން ތިބި ބޭންޑުތަކުގެ ތެރެއިން އެންމެ ވާދަވެރިކަން ބޮޑުވާނީ ކޮން ބައެއްތޯ އެވެ. ސަކަ މިޒާޖެއް ހުންނަ އަދުހަމްގެ ޖަވާބަކަށް ވީ އެއްވެސް ވާދަވެރިކަމެއް ނެތް ކަމަށެވެ. އޯޑިއެންސް އާއި ހޯސްޓުގެ ގާތަށް ވެސް އައީ ހިންޏެވެ. ސަމާސާއަކަށް ބުންޏަސް، ހުށަހެޅުމުގައި އެއްވެސް ސަމާސާ ކަމެއް ނެތެވެ. ފުލް ކޮންފިޑެންސްއާ އެކު އަނެއްކާވެސް ތަކުރާރުކުރީ ދެ ވަނަ ބުރުގައި ދެއްކި ފަދަ ހުށަހެޅުމެކެވެ.
މިއަދު 2 އޮފް އަސްއިން ހުށަހަޅައިދިނީ ދިވެހި މިއުޒިކީ އިންޑަސްޓްރީގެ އެންމެ ތަޖުރިބާކާރު އެއް ބޭންޑު، ފަސީލައިވްގެ 'ފޮއިމަތި' އާއި 'ފަރުމަހޯ' އެވެ. ލަވައިގެ އިންޓްރޯއެއް ދެމުން އަދުހަމް އިޝާރާތްކުރީ ދެ ވަނަ ބުރުގައި ކުޅުނު 'މޮޅި އޮޑި' އަށެވެ. އެ ދުވަހު ދޯނި މަހަށް ފުރީ ކަމަށާއި އަދި އަނބުރާ ނާންނަ ކަމަށެވެ. އެހެންވީމަ މިއަދު ކިޔައިދޭނީ  ދޯނި މަހަށް ގޮސް ދެން ވީ ގޮތް ކަމަށެވެ.
ހުށަހެޅުމަށް ފަހު ހޯސްޓު އާޝޯހުވެ ސްޓޭޖު މައްޗަށް ވެއްޓިގަތްއިރު، ފަނޑިޔާރުންގެ ފަރާތުން މިއަދު ވެސް އިއްވީ ތައުރީފުގެ ބަސްތަކެވެ. ބޭންޑުގެ ފުރިހަމަކަމާއި ހުރިހާ ހުށަހެޅުންތައް ވެސް އެއް ހަމައެއްގައި ހިފެހެއްޓިފައި ހުންނަކަން ފާހަގަކުރި އެވެ. އަނޫ މާލިކު މިއަދު ގިނަ ވާހަކަ ނުދައްކާކަށް ނޫޅެ އެވެ. އެކަމަކު މުބާރާތް ކާމިޔާބުކުރާނީ އޭނާއަށް ހީވާ ގޮތުގައި ރާއްޖެ ނުވަތަ 2 އޮފް އަސް ބޭންޑޭ ބުނުމަކީ ވަރަށް ބޮޑު އެއްޗެކެވެ.
މިއީ ދިވެހި ހުނަރެވެ. ފަހުރުވެރިވުން ހައްގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ