މި އަހަރު ފާހަގަ ކުރާ ދުނިޔޭގެ ބައްޕައިންގެ ދުވަސް ފާއިތުވީ އެވެ.
އެކަމަކު ބައްޕައަށްޓަކައި ހިތުގައި އޮތް ލޯތްބެއް، ދެވިފައި އޮތް ގަދަރެއް ފަނޑެއް ނުވެ އެވެ. ހަތަރު ޒުވާނަކު، އެ މީހުންގެ ހިތުގައި ބައްޕައަށްޓަކައި އޮތް އިހުސާސްތައް ބޭރުކޮށްލީ، އެ ފަދަ ދެ ވަނަ އިންސާނަކު ހަޔާތުގައި ނެތުމުންނެވެ.
އެކަމަކު މި ހަތަރު ބަފައިންގެ ވާހަކަ ވެސް ތަފާތެވެ. އެކަކު މުސްކުޅި އުމުރުގައި ވެސް ދަރިންނަށް ދެއްކީ މިސާލެވެ. ދެން ހުރީ، ބައްޕައަކަށް ވުރެ އޯގާތެރި ދޮންބައްޕަ އެކެވެ. އަމިއްލަ ދަރިއެއްގެ ގޮތުގައި ދެކުނު ބަފައިބެ އެކެވެ. އަދި ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ބީވެ ދިޔަ ބައްޕައެއްގެ ލޯބި ވެސް ގިނަ ބައެއްގެ ހިތާކުޅެލި އެވެ.
މަޝްހޫރު ޕްރެޒެންޓަރު އަހުމަދު ހަމީދަކީ އޭނާގެ ބައްޕަގެ އާދަމް ހުސައިން ނުވަތަ ނައިފަރު ވަޑިއާދަމްބެގެ 22 ވަނަ ދަރިފުޅެވެ. އޭނާ އުފަންވީ، ބައްޕަގެ އުމުރުން 70 އަހަރުން މަތިވީ ފަހުންނެވެ. ހަމީދުގެ ހަގަށް ވެސް އާދަމްއަށް ކުދިން ލިބުނު ކަމަށް އޭނާ ބުންޏެވެ.
ހަމީދު ބުނިގޮތުގައި އުމުރުން ކިތަންމެ ދުވަސްވީ ނަމަވެސް، ދަރިން ތަރުބިއްޔަތު ކުރުމުގައި މުހިއްމު ރޯލެއް އޭނާގެ ބައްޕަ އަދާކުރި އެވެ. ގައިބާރު ދެރަވި ނަމަވެސް، ހުރިހާ ކުދިންނަށް ވެސް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރި އެވެ. ދީނީ ކަންކަމަށް ފަރުވާތެރިވި، އެ މިސާލު ދަރިންނަށް ދައްކައިދިނެވެ. އަބަދުވެސް 'ސާފު މަގުގައި' ހުރުމަށް ނަސޭހަތްތެރިވި އެވެ.
ހަމީދު ބުނިގޮތުގައި އޭނާގެ ބައްޕަ ފުރަތަމަ ކައިވެނި ކުރީ ނައިފަރު އަންހެނަކާ އެވެ. އެ ކައިވެންޏަށް 16 ކުދިން ލިބުނު އިރު ދުނިޔޭގައި ހުރީ ފަސް ކުދިންނެވެ. އެންމެ ދޮށީ ދައްތައަށް 80 އަހަރު ފުރެން ގާތްވަނީ އެވެ. އެކަމަކު ފޭސްބުކްގައި އޭނާ ހިއްސާ ކުރި މި ވާހަކައިގައި އެންމެ ގިނަ ބައެއްގެ ލޯ އަޅައިގަތީ، ބައްޕަގެ ފަހު ދުވަސްތައް އޭނާއާ އެކު ހޭދަކުރި ގޮތެވެ.
"ބައްޕަ އަޅުގަނޑުމެންނާ ވަކިވެ ދިޔައީ 2009 ވަނަ އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު ހެނދުނު 9:21 ގައެވެ. މާޗް މަހުގެ 18 ވަނަ ދުވަހުގެ ރޭ ބައްޕަ އަޅުގަނޑާ ވަރަށް ގިނައިރު ވާހަކަ ދެއްކެވި އެވެ،" ހަމީދު ކިޔައިދިނެވެ.
"އެ ވާހަކަތަކަށްފަހު ބައްޕަ އެދުނީ ވުލޫކޮށްލަ ދިނުމަށެވެ. އަޅުގަނޑު ބައްޕައަށް ކިރުތަށި ދިނުމަށްފަހު ވުލޫކުރުވަ ދިނީމެވެ. ވިދާޅުވީ މިރޭ ތަންކޮޅެއް ގިނަ ވަގުތު ނަމާދު ކުރުމުގައި ހޭދަކޮށްލަން ބޭނުންވާ ކަމަށެވެ. އަދި އައު ރަޖައެއް އަޅައިދިނުމަށް ވެސް އެދުނެވެ."
ހަމީދު ބުނިގޮތުގައި ބައްޕަގެ ގައިގާ ރަޖާ އަޅައިދިނުމުން، އަތުގައި ހިފާ ސުވާލެއް ކޮށްލި އެވެ: ތިޔައީ ހާދަ ރަނގަޅު ދަރިއެއް ކަމާއި ބައްޕައަށް ތިހާ ހެވީ ކީއްވެތޯ އެވެ. އޭގެ ޖަވާބުގައި ހަމީދު ބުނީ، އެއީ ބައްޕަގެ ތަރުބިއްޔަތު ކަމަށެވެ.
ދެން ބައްޕަ ވަސިއްޔަތް ކުރީ، ނައިފަރުގައި ތިބި ބައްޕަގެ ކުދިންނާ ގާތްގުޅުމެއް ބޭއްވުމަށެވެ. އެއިން ކުއްޖަކަށް ދެރައެއް ލިބުނަ ނުދޭށެވެ. ހަމީދު ބުނިގޮތުގައި ކުދިންގެ ގޮތުގައި ބައްޕަ ސިފަ ކުރި ނަމަވެސް، އެއީ ބޮޑެތި ދަރިންނެވެ. ބައްޕަގެ އެންމެ ދޮށީ ދެ ދަރިން، އޭނާގެ މަންމައަށް ވުރެވެސް ބޮޑުވާނެކަން ފާހަގަ ކުރި އެވެ.
އެގޮތުގައި އެ ދެބަފައިން އިރުތަކެއް ވާންދެން ވާހަކަ ދެއްކުމަށް ހޭދަ ކުރި އެވެ. އަދި އެރޭ 11 ޖަހާ ބޮޑުވަންދެން ބައްޕަ ނަމާދު ކުރުމުގައި ހޭދަކުރި ކަަމަށް އޭނާ ބުންޏެވެ. އެކަމަކު ދަމު ނަމާދަށް ބައްޕައަށް ގޮވަން ދިޔައިރު، މަންމަ އިނީ ބައްޕަގެ ކައިރީގައި އިށީނދެލައިގެންނެވެ. މަންމަ އޭނާ ގާތުން އެދުނީ، އޭރު މާބޮޑު ހޭވެރިކަމެއް ނެތް ބައްޕަގެ ބޯ އޭނާގެ އުނގުމަތީ ބާއްވާލަ ދިނުމަށެވެ. އެގޮތުގައި އޭނާ ފަތިސް ވަންދެން، ބައްޕަގެ ބޯ އުނގަށް ލައިގެން އިން ކަމަށް ބުންޏެވެ.
"މަންމަގެ އެދުމަށް އަޅުގަނޑަށް ހިތުން ކިޔަވަން އެނގޭ ހުރިހާ ސޫރަތްތަކެއް ކިޔަވަމުންދިޔައީމެވެ. އަދި ޝަހާދަތް ކިޔައިދެމުން ދިޔައީމެވެ. ބައްޕަ މި ދުނިޔެއާ ވަކިވީ އެ ދުވަހުގެ ހެނދުނެވެ." ހަމީދު ކިޔައިދިނެވެ.
މަޝްހޫރު ޓީވީ ޕްރެޒެންޓަރު އަދި މިހާރު ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޝިފްލާ އިބްރާހިމް ބުނިގޮތުގައި އޭނާ އެންމެ ކުރިއްސުރެ އަހާފައި އޮތީ، ދޮންމަންމައިންނާއި ދޮންބައްޕައިންގެ ގޯސް ވާހަކަ އެވެ. އުމުރުން 12 އަހަރުގައި، އެންމެ ފުރަތަމަ އޭނާއަށް ދޮންބައްޕައާ ބައްދަލުވީ އިރު ވެސް ހީވެފައި އޮތީ އެހެންނެވެ. އެހެންވެ، ދޮންބައްޕައާ ވާހަކަދައްކަން ވެސް ޖެހިލުންވި ކަމަށް ބުންޏެވެ. އެކަމަކު އެއީ ކުށްހީއެއްކަން އެނގުނީ، ޝިފްލާ ބުނިގޮތުގައި، އެ ބައްޕައާ އެކު ދިރިއުޅުމުގެ ފުރުސަތު ލިބުމުންނެވެ.
ޝިފްލާ ބުނިގޮތުގައި 1993 ހިސާބުގައި އޭނާ ރަށަށް ބަދަލުވެ ދިރިއުޅުނީ، މަންމަ އާއި ދޮންބައްޕަ އާއި އޭނާއަށް ލިބިފައިވާ ތިން ކުދިންނާއެކުގަ އެވެ. އެކަމަކު އޭނާއަށް ފެނުނީ، އަމިއްލަ ދަރިންނާ ތަފާތުނުކޮށް، ހަމަ އެކުދިންނެކޭ އެއްފަދައިން އޭނާ ދެކެ ވެސް ބައްޕަ ލޯބިން އުޅުނުތަން ކަމަށް ބުންޏެވެ.
"ގޭތެރޭގައި، ކޮންމެ ކަމެއްގައި ވެސް، ކޮންމެ އެއްޗެއް ބެހިކަމުގައި ވިޔަސް، އަހަރެންނަށް ދޮންބައްޕަ އިސްކަން ދެއްވި އެވެ. ދޮންބައްޕަގެ ތިން ކުދިންގާތު ދޮންދައްތަ (އަޅުގަނޑު)އަށް ބެލުމަށް ނަސޭހަތް ދެއްވި އެވެ،" ފޭސްބުކްގައި ޝިފްލާ ލިޔުނެވެ.
ދެ ކުދިންގެ މަންމަ ބުނިގޮތުގައި އޭނާއަށް ތައުލީމު ހާސިލް ކުރެވުނީ ވެސް އެ ބައްޕަގެ ސަބަބުންނެވެ. ބަލިވުމުން ހަރަދު ކުރި އެވެ. ރާއްޖޭން ބޭރަށް ދާން ޖެހުނު ނަމަވެސް، ކިތަންމެ ބޮޑުކަމެއް ދިމާވި ނަމަވެސް ދޮންބައްޕަގެ އެހީތެރިކަން ލިބުނު ކަމަށް ބުންޏެވެ. ވަރަށް މަޑުމައިތިރި ކަމާއެކު ކަންކަން ބުނެދިނެވެ. ކޮންމެ ކަމެއްގައި ވެސް ބައްޕަ ގާތުގައި ހުރިކަން ޔަގީންކޮށްދިނެވެ.
މާލެ ބަދަލުވި ފަހުން، ކޮންމެ ދަތުރުވަރެއްގައި ދޮންބައްޕަ މާލެ އަޔަސް އޭނާގެ ކައިރިއަށް ގޮސް، 'ކޮންމެވެސް އެއްޗެއް ދެއްވާނެ' ކަމަށް އޭނާ ބުންޏެވެ. ޝިފްލާގެ ދަރިންނާ މެދު ވެސް ދޮންބައްޕަ އަމަލު ކުރަނީ ހަމަ އެބީދައިން ކަމަށް ބުންޏެވެ.
"ދޮންބައްޕަ ދެކެ ލޯބިވަނީ މީހަކު ބުނެގެނެއް ނޫނެވެ. ދޮންބައްޕަ އެ ލޯބި ހޯއްދެވީ އެވެ. އަމަލާ ބަހުން ވެސް އެކަން ދެއްކެވި އެވެ...މިއަދު ވެސް ދޮންބައްޕަގެ އަމަލުތައް ބަދަލެއް ނުވެ އެވެ،" ޝިފްލާ ބުންޏެވެ.
"ބައެއް ދޮންބައްޕައިންނަކީ ބައްޕަ ކިޔުން ހައްގު މީހުންނެވެ."
ނަން ހާމަނުކޮށް، ޓީޗަރަކު ހިއްސާކުރި އެވެ.
އާއިލީ ލޯތްބާއި އަޅާލުމަކީ ކޮން އެއްޗެއްކަން އޭނާއަށް އެނގުނީ، ފިރިމީހާގެ އާއިލާގެ ގާތަށ،ް އޭނާގެ ރަށަށް ދެވުމުންނެވެ.
ފިރިމީހާ ނިސްބަތްވާ ތ. އަތޮޅުގެ ރަށުން އޭނާއަށް މުޅިން ވެސް ލިބުނީ ލޯތްބެވެ. ހާއްސަކޮށް، ބަފައިބެ ދިން ލޯބި އޭނާގެ ހިތުން ނުފިލި އެވެ.
'ހެޕީ ލާނާސް'ގެ ނަމުގައި ފޭސްބުކްގައި ތައުލީމީ ޕޭޖެއް ހިންގާ އެ ޓީޗަރު ބުނިގޮތުގައި މިއީ އޭނާގެ ހަޔާތަށް ބަފައިބެއެއް އައި ފުރަތަމަ ފަހަރެއް ނޫނެވެ. އެކަމަކު ދަރިއެއް ފަދައިން އޭނާއަށް ލޯބި ލިބުނު ފުރަތަމަ ފަހަރެވެ. ފިރިމީހާއަށް ވުރެ ވެސް ބައްޕަ އޭނާއަށް ކަމޭހިތައި، ލޯބިވާ ކަމަށް ބުންޏެވެ.
"ބަފާބެއަށް އަޅުގަނޑު ކިޔަނީ ބައްޕަ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކައިވެންޏަށް މިވީ ހުރިހާ އަހަރެެއްގައި ވެސް އަޅުގަނޑަށް ދަރިފުޅު ކިޔާފައި ނޫން ގޮތަކަށް ގޮވާނީ މަދު ފަހަރަކު އެވެ،" ފޭސްބުކްގައި އޭނާ ލިޔުނެވެ.
"އެއްވެސް މީހަކަށް، އަޅުގަނޑަކީ ދަނބިދަރިއެއްކަމުގެ އިހްސާސެއް ނުކޮށްދެ އެވެ. ކޮންމެ ކަމެއްގައި ވެސް ބައްޕަގެ އެހީތެރިކަން ލިބެ އެވެ."
އޭނާއަށް ބަފައިގެ ހާއްސަވި އިތުރު ސިފަތައް ވެސް ކިޔައިދިނެވެ. ކާފަ ދަރިންނާ އެކު ކުޅުމާއި، އެކުދިންނާ އެކު ވަގުތު ހޭދަ ކުރުމެވެ. ދަރިންގެ ކަންކަމުގައި އަބަދުވެސް މަސްލަހަތު އިސްކުރުމެވެ. ކިތަންމެ ހިތްދަތި މާޒީއެއް އޮތްކަމުގައި ވިޔަސް، ދިރިއުޅުމުގައިގެން ކުރިއަށް ދިޔުމަށް އެދި ދޭ ނަސޭހަތްތަކެވެ.
"ބަފާބެއިންނަކީ ވެސް ކިހާބޮޑު ރަހްމަތެއްކަން އަޅުގަނޑަށް ބުނެދިނީ އަޅުގަނޑުގެ ދެވަނަ ބަފާބެއެވެ. އަބަދުވެސް އެދެނީ ބައްޕައަށް ދުޅަހެޔޮ ސިއްހަތަކާ އުފާވެރި ދުވަސްތަކެކެވެ." އޭނާ ލިޔުނެވެ.
ސިއްހީ އިހުމާލަކުން، ނުކުޅެދުންތެރިކަމުގައި އުމުރު ހޭދަކުރި ތުއްތު ޔޫސުފް ކިނާން ހާމީ، ވަކިވިތާ އަދި މާގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު ފަސް އަހަރުގެ ކިނާންގެ މައިންބަފައިންގެ ހިތާމަތަކެއް އަދިވެސް ކުޑައެއް ނުވެ އެވެ.
ބައްޕައިންގެ ދުވަހު، އައިމިނަތު ޝަފާގެ ލޯބި ބަންޑުންކޮށްލީ، ހުރި ހަމައެކަނި ފިރިހެން ދަރިފުޅާއެކު އެތަކެއް ތަކުލީފުތަކެއް އުފުލި އޭނާގެ ފިރިމީހާ އިސްމާއީލް ހާމީ އަށެވެ.
ޝަފާ ބުނިގޮތުގައި، ލޮލަށް ނުފެނި، ބަހެއް ނުބުނެވުނު ކަމުގައި ވިޔަސް ދަރިފުޅު ހީލާނެ އެތައް ސަބަބެއް އޭނާގެ ބައްޕަ ދައްކައިދިނެވެ. ބައްޕަ ހޭ އަޑަށް، ބިނދިބިނދިފައި ކިނާން ހުނެވެ. އެހެންވެ، ކިތަންމެ ވަރުބަލިވެފައި ހުރި ކަމުގައި ވިޔަސް، ކިތަންމެ ކަމެއް ކުރަން އޮތް ކަމުގައި ވިޔަސް، ހުރިހާ ކަމެއް ބަހައްޓާފައި އެ ދަރިފުޅު ހެއްވާލުމަކީ ހާމީ އާދަކޮށް ކުރި ކަމެއް ކަމަށް ބުންޏެވެ.
ޝަފާ ބުނިގޮތުގައި ދަރިއަކަށްޓަކައި ބައްޕައަކުވި ގުރުބާނީ އޭނާ ދުއްޓެވެ. ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި، ކިނާންގެ ހަމަޖެހުމާއި އުފަލެއް ގުޅިފައިވީ އެ ބައްޕައާ ކަމަށް ބުންޏެވެ.
"މިއަދު ކިނާން އަހަރުމެންނާއެކު ނެތެއް ކަމަކު، ތިޔައީ އޭނާއަށް ލިބޭނެ އެންމެ ހެޔޮ ބައްޕަ އެވެ. އުފަލާއި ހުނުމާއެކު އޭނާ ހަޔާތް ވޭތުކުރީ ތި ބައްޕަގެ ސަބަބުންނެވެ. ތިޔައީ އޭނާގެ ގޮވައްޗެވެ. އެކަމަށްޓަކައި ޝުކުރިއްޔާ އެވެ."
4 ބައްޕައެއްގެ ހަތަރު ވާހަކަ؛ ދެއްކީ 1 ލޯތްބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ