ޖޭއެސްސީ – ބަތްޕެން ބޯންދީގެން ވަރުޖައްސަންވެފައި.

ފެހި ގާނޫނު އަސާސީގެ ދަށުން އަލަން ވުޖޫދު ކުރި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ވާހަކަ އެ ޤާނޫނު އަސާސީގައި ބަޔާން ކޮއްފައި ވަނީ 157 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ށ) ގައި ބަޔާން ކޮއްފައި ވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަ ނުވާ މުސްތަގިއްލު މުއައްސަސާ އެއް ކަމަށެވެ.
އެހެންވެ ނަމުން ގަދައެވެ. މިނިވަނެވެ. މުސްތަގިއްލެވެ. އަދުލުވެރިއެވެ. ނަމަވެސް ޢަމަލުތަށް ވާ މަކުނަށް ވުރެ ބަލި ކައްޓެވެ. ހަތަރެސްފައިގައި ކައިވަތު މަޅިއެޅިފައެވެ. ދުލުގައި ގޮއްޖެހިފައެވެ. ފޮތް އުފުލާ ހިމާރަކާ އެއްވެސް ތަފާތެއް ނެތެވެ. ކަދުރު އޮށުގެ ދުލިފަށާ އެއްވަރުގެ ނިއްމުމެއް ވެސް މިނިވަން ކަމާއެކު ނިއްމިފައިވާ ތަނެއް ނުފެނެއެވެ.
އެ ކޮމިޝަންގެ ޢުމުރުން ފާއިތުވި 17 ވަރަކަށް އަހަރު ދުވަހުވެސް ފެނިފައި ވަނީ ބަލިކަށި ކަމާއި ނިކަމެތި ކަމެވެ. ވެރިންގެ ކުރިމަތީގައި ކުޑަކަކޫ ޖަހާ ތަނެވެ. އެވަގުތަކު ވެރިކަން ހިންގާ ބައެއްގެ ފީކުދާނަށް ވެފައިވާ މަންޒަރެވެ. މޮޑެން ބޭނުން ކޮންމެ ގޮތަކަށް މޮޑެލެވޭ ތަނެވެ. ފީ އިލޮއްޓެއްގައި ހުންނަ ފަންވަރުވެސް ނެތް ތަނެވެ. މިއީ ރަށްޔިތުން ދެކޭ ގޮތެވެ.
ގާނޫނު އަސާސީން އެފަކީރަށް ދީފައިވާ ފުރިހަމަ އާރާއި ބާރާއި މުސްތަގިއްލުކަން ދެއްކުމުގައި ވާ މަކުނަކަށް ވުރެވެސް ބަލިކައްޓެވެ. ވާ މަކުނުވެސް އެ ސޮރުގެ ވަލުގައި ޖައްސާ ކުދި ސޫފި ތަށް ހިފައި ޝިކާރަ ކޮއްލައެވެ. އެވަރުވެސް ޖޭ އެސް ސީ އަށް ނުވެއެވެ. އަސްލު ސިފަ އާއި ސޫރަ ދައްކާލަން ނުކުޅެދިފައި ވަނީ ލަދުގަންނަ ދަރަޖައަށެވެ.
މިނިވަންކަމާއި މުސްތަގިއްލުކަން ސީދާ ގާނޫނު އަސާސީން ކަށަވަރު ކޮއްދީފައިވާ މި މުއައްސަސާގެ ބަލިކަށި ކަމާއި ނިކަމެތި ކަމާ މެދު ހަމްދަރުދީވަމެވެ.
މުޅި ޖުޑިޝަރީ އަށް ޖޭ އެސް ސީގެ އިހުތިސާސް ހިނގާނެ ކަމަށް ޤާނޫނު އަސާސީގައި ލިޔެފައި ވެއެވެ. އެހެންވެ މި މުއައްސަސާ އަކީ ޖުޑިޝަރީގެ ބެލެނިވެރި ފަރާތެވެ. ފަނޑިޔާރުން އައްޔަނު ކުރުމާއި ވަކި ކުރުމާއި ޒިންމާދާރު ކުރުވުމާއި ފެންވަރު ރަގަޅު ކުރުމުގެ ޒިންމާ އޮތީ ޖޭ އެސް ސީ ގައެވެ. އެހެންވެ މިއީ ޢަދުލު އިންސާފު ގާއިމު ކުރުމުގެ ބަފައެވެ. މުޅި ޖުޑިޝަރީ ތަރުބިއްޔަތު ކުރުމުގެ އަމައެވެ. އަމަޔާއި ބަފައިގެ ކިބައިން ޢަދުލުވެރިކަން ގެއްލުނީމާ ދަރިއެއްގެ ފުށުން އެ ސިފަ ފެނުމަކީ ނާދިރު ކަމަކެވެ.
ފަނޑިޔާރު ގެއަށް އަތްބޭނުން މަށާ ހިސާބުން ނިމޭނެ ކަމަށް ކޮންމެ ވެރިއަކުވެސް އަޑަށް ބާރުލާފައި ރަށްޔިތުންގެ ކުރިމަތީގައި ބުނެއެވެ. އަދި މި ހިނދުން ފެށިގެން އެކަން ނިމުނީ ކަމަށްވެސް ބުނެއެވެ. އެކަމަކު ކޮންމެ 5 އަހަރުގެ ދައުރެއް ނިއްމާލަނީ ފަނޑިޔާރުންނާ ފޮށުމުގައެވެ. އިސްލާހު ކުރުމުގެ ނަމުގައެވެ.
އިއްޔެ ރަށްޔިތުންގެ މަޖިލީހުން ފާސްކޮށް ސުޕްރީމް ކޯޓުން ބޭރު ކުރި ދެ ފަނޑިޔާރުންގެ ހަމަ އެކަނި ކުށަކީ ދުސްތޫރީ މައްސަލައެއް ބަލާ ބެންޗްގައި އިނދެވުމެވެ. އަދި ސުޕްރީމް ކޯޓަށް އެ މައްސަލަ ބެލޭނެ ކަމަށް އިއްތިފާގުވި ބެންޗުގައި އިނދެ އެ ރައުޔަށް ތާއީދު ކުރުމެވެ. މި ނޫން އެހެން އެއްވެސް ސަބަބެއް ނެތެވެ. އެ ދެ ބޭފުޅުން ވަކި ކުރަން ޖޭ އެސް ސީން ތައްޔާރު ކުރި މުޅި ރިޕޯޓް ކިޔާލުމުންވެސް އެނޫން ކަމެއް ދޭހައެއް ނުވެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އޒ. މަހާޒް އަލީ ޒާހިރު ވަކި ކުރެއްވީ ޑރ. އަޒްމިރަލްދާގެ ފިރިކަލުންނާ ގުޅޭ މައްސަލަ އެއްގައި ކްރިމިނަލް ކޯޓަށް ނުފޫޒް ފޯރުވި ކަމުގެ ތުހުމަތު އަޅުވާފައެވެ. ފިރިމީހާ ހައްޔަރު ކުރީމާ، އެމީހާގެ ހާލު ބެލުމުގެ ޒިންމާ އެންމެ ގާތުން އުފުލަން ޖެހޭ މީހަކީ އަނބިމީހާއެވެ. އެވަރުގެ ލޭފަވެތި ކަމެއް އަނބިމީހާއަށް ނުދެއްކެންޏާ އިސްލާމީ ޝަރީއަތުގައި ކައިވެނީގައި ހުންނަންވާނޭ ކަމަށް ބުނާ، ސަކީނާ އާއި މަވައްދާ އާއި ރަޙުމާ ނެތި ދިޔައީއެވެ.
އެކަމަނާގެ ފިރިކަލުންގެ ހާލު ބެލުމަށް ކޯލެއް ކުރުމަކީ ޖާއިޒް ކަމެކެވެ. ވާޖިބެކެވެ. ކުރަން ޖެހޭ ކަމެކެވެ. ހާލު ބެލުން ނުފޫޒް ފޯރުވުމާއި ހަމަހަމަ އެއް ނުކުރެވޭނެއެވެ. ފަނޑިޔާރުންގެ ވެސް ޒާތީ ދިރިއުޅުމާއި އާއިލީ ދިރި އުޅުމާއި އާދަމުގެ ދަރިވަންތަ ކަމުން ކުރާން ޖެހޭ މުއާމަލާތްތަށް ކުރަން ޖެހޭނެއެވެ.
ފަނޑިޔާރުން ވަކި ކުރުން ބޭއިންސާފުން ހިނގާތާ އެތަށް ދުވަހެކެވެ.  އަދި ފަނޑިޔާރުން ޢައްޔަނު ކުރުންވެސް ބޭއިންސާފުން ހިނގާތާ އެތަށް ދުވަހެކެވެ. ގާބިލް އެތަށް ފަރާތަކުން ފަނޑިޔާރު ކަމަށް ކުރިމަތި ލިޔަސް މަގާމަށް ހޮވަނީ ބަލިކަށި ޖޭ އެސް ސީ އަށް ވެރި މީހާ ނުވަތަ ވެރި މީހާގެ ސިޔާސީ ޕާޓީން ނޮމިނޭޓް ކުރާ މީހެކެވެ. އައްޔަނު ކުރަންވީ މީހާ ކަނޑައަޅަނީ ސިޔާސީ ޕާޓީގެ އެކްޓިވިސްޓުންނެވެ. ނުވަތަ ސްޓިއަރިން ކޮމިޓީއިންނެވެ. މިސަބަބާ ހުރެ ފަނޑިޔާރުގެއާއި ވައިވެސް އެޅެން ބޭނުން ނުވާ މުރުއްވަތްތެރި ނަޒާހަތްތެރި ކޮލިޓީ ހުރި ގާނޫނީ އެތަށް ބޭފުޅުންނެއް މި ގައުމުގައި އެބަތިއްބެވެ.
މިއީ ކަން ހިނގާ މަގުކަމަށް ހޮދު ވަލިއްޔުލް އަމުރުވެސް އިއުތިރާފް ވިއެވެ. ކޯޓުތަކަށް އަތެއްނުބާނައެވެ. ނުފޫޒެއް ނުމެ ފޯރުވައެވެ. އެކަމަކު ކުރައްވާހާވެސް ކަމަކީ ޖޭ އެސްސީގެ ރައީސަށް ގުޅުއްވައިގެން ކަންކަން ހިންގާލަން ދެންނެވުމެވެ. ޖޭ އެސް ސީގައި ތިއްބަވާ 10 މެމްބަރުންގެ ތެރެއިން 7 މެމްބަރުންނަކީ ސީދާ ވެރިކަން ހިންގާ މީހާ އަށް ބާރު ފޯރުވޭ މެމްބަރުންނެވެ. ބާކީ ތިބި 3 ފަނޑިޔާރުން މުސްތަގިއްލުވެދާނެ ކަމަށް ބެލިޔަސް އެ ނުފޫޒުގެ ކުރިމަތީގައި ދެއްކޭނޭ މާބޮޑު ބާރެއް ނޯވެއެވެ. ނުވަތަ އެ ފަނޑިޔާރުންގެ ބަހާ ނުލާ ކަންކަން ނިއްމާލެވޭތީ ކަނަށް ލަނީއެވެ.
ވެރިންގެ ކުރިމަތީގައި ޖޭ އެސް ސީ އަޅަކަށްވާން ޖެހޭ އެއްވެސް ސަބަބެއް ނެތީ، ގާނޫނުން އެފަރާތަށް ދީފައިވާ މިނިވަން ކަމާއި މުސްތަގިއްލު ކަން އެހެން ހުރިހައި މިނިވަން މުއައްސަސާ އަށް ވުރެ ބޮޑުކަމުންނެވެ. އެކަތި ގަނޑެއްގެ ގޮތުގައި މިނިވަން ކަމާއެކު އަދުލުވެރި ފަނޑިޔާރުގެއެއް ބިނާ ކުރަން ރަށްޔިތުން އައްޔަނު ކުރި މަޖިލީހުން، ޖޭ އެސް ސީ އަށް ދީފައިވާ އާރާއި ބާރާއި މިނިވަން ކަން 17 އަހަރުވީ އިރުވެސް ލިބިފައި ނުވަނީ އަޖައިބު ކުރުވަނިވި ފަންޑިތައަކުންނެވެ.
ވެރިންގެ އަމުރަށް ސިހޭ ހިސާބުގައި ޖޭ އެސް ސީ އޮންހައި ހިނދެއްގައި ނުފޫޒްގައި ނުޖެހި މެމްބަރުންގެ އަމިއްލަ ނަފުސު ކަސްތަޅުން ސަލާމަތެއް ނުވާނެއެވެ. އަދި މިނިވަން މުސްތަގިއްލު އިދާރާ އެއްގެ ގޮތުގައި އޮވެ ނަތިޖާ ނެރުމަކީ މުސްތަހީލް ކަމެކެވެ. 17 އަހަރުން ބާލިގު ނުވި އެއްޗެއް ފަހުން ތަސައްރަފު ފުދިދާނެ ކަމަށް ބެލުމަކީ ކުއްހީއެކެވެ.
އެހެންވެ މިއަދު ރަށްޔިތުން ނުކުމެ ދެވަނަ ފަހަރަކަށް ވެސް ކުރަންވީ ކަމަކީ ޖޭ އެސް ސީ އެކުލަވާލާފައިވާ ގޮތް ބަދަލު ކުރުމެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް ސިޔާސީންގެ ފުރަތަމަ ވައުދަކީ ޖޭ އެސް ސީ އެކުލެވިގެންވާ ގޮތް ބަދަލު ކޮއްދިނުމުގެ ވައުދެވެ. ނަމަވެސް އެކަން ކުރެވުނު، ނުވަތަ ކުރަން ކެރުނު، ނޫނީ ކުރަން ބޭނުންވި ލީޑަރަކު ނެތެވެ.
އެކަން އެހެން ވަނީ ވެރިންގެ އަންބޮޑީގައި ބާރުތަށް ޖަމާ ކޮއްފައި ބޭއްވުމުގެ މުހިއްމުކަން އިހުސާސް ވާތީއެވެ. އެކަމަކު އެއީ ކުއްހީއެކެވެ. އުމަރުގެ ފާނާ ބައްދަލު ކުރަން އައި މީހާ އަށް އެކަލޭގެފާނު ޢާއްމު ތަނެއްގައި އަވަހާރަ ފުޅަށް އޮއްވާ ފެނުމުން އަނގައިން ބޭރުވި ފުރަތަމަ ބަހަކީވެސް ޢަދުލުވެރިކަން ޣާއިމް ވެއްޖެ ކަމުގެ ލަފުޒެވެ.
އަދުލުވެރި ވެރިއަކު ބާރުތަށް ޖަމާ ކުރާކަށް ބޭނުމެއް ނުވާނެއެވެ. ބާރުތަށް އަންބޮޑީގައި ޖަމާ ކުރަން ބޭނުންވާނީ ޢަދުލުވެރިކަން ނެތް ޖައްބާރުންނެވެ.
ޖޭ އެސް ސީ އަށާއި ފަނޑިޔާރު ގެއަށް އަތްބޭނުން ހުއްޓުނީ ކަމަށް ބުންޏަސް ޢަދުލުވެރިކަމާއެކު ރަށްޔިތުންގެ ކަންކަން ހިންގޭ ކަމުގެ އިހުސާސް ނުވާ ކޮންމެ މީހަކު އެތަންތަން އަޅުވެތި ކުރާނެއެވެ. ޖޭ އެސް ސީގެ ތާރީޚުގައި ފާއިތުވި 17 އަހަރު ދުވަހުވެސް އެތަނުގެ ކޮމްޕޮސިޝަން ބަދަލު ނުވެ އޮތް ކަމީ ފެހި ގާނޫނު އަސާސީގެ ދަށުން އަދުލުވެރި ވެރިއަކު މި ގައުމުގައި ވެރިކަން ކޮއްފައި ނެތް ކަމުގެ ހެއްކެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެ ދައުރު ނިމިގެން އެތަށް ފަހަރަކު ގޮސްފިއެވެ.
މި ގައުމަށް މިހިނދު ބޭނުން ޖެހިފައި މިވަނީ ޖޭ އެސް ސީއަށް ގާނޫނު އަސާސީގައި ބަޔާން ކުރާ މިނިވަން ކަމާއި ބާރު ދޭނޭ އަދުލުވެރި ވެރި އެކެވެ. ހިތާ ނަފުސުން އިންސާފަށް ލޯބި ކުރާނެ ލީޑަރެކެވެ. އިސްލާމީ ޝަރީއަތާއި ގާނޫނާއި އެއްގޮތަށް އަދުލުވެރި ކަމާއެކު ހުކުމްތަށްއް ނެރެދޭ ފަނޑިޔާރު ގެއެއް ވުޖޫދު ކޮއްދޭނޭ ހަލީފާއެކެވެ.
ކަނޑުން އެންމެ ކެހެރިއެއް ތެމޭހައި ހިނދަކުވެސް އަދުލުވެރި ފަނޑިޔާރު ގެއެއް ނެތް ތަނެއްގައި އަމާން ކަމެއް ގާއިމެއް ނުކުރެވޭނެއެވެ. އިގުތިސާދީ އަދި އިޖުތިމާޢީ ކުރި އެރުމެއް ނުލިބޭނެއެވެ. އިގުތިސާދުގައި ރުފިޔާ ދައުރުވާ ތަނެއް ނުފެންނާނެއެވެ. ރަށްޔިތުންގެ ފުށުން ތަނަވަސް ކަމެއް ނުފެންނާނެއެވެ.
ވިސްނަވާށެވެ. އަދުލުވެރި ކަމާއެކު ތިމާއާއި މެދު އަމަލު ކުރެވުމަކީ ތިމާއަށް ލިބިފައިވާ ހައްގެކެވެ. އެ ހައްގު ލިބޭނީ އެކަމަށް އެމީހަކު ނުވަތަ ބަޔަކު ބޭނުން ވެގެނެވެ. ގައުމުގެ ހާލަތު ބަދަލު ކުރެވޭނީ ރަށްޔިތުންނަށެވެ.
މިއަދު ރަށްޔިތުންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ޤައުމީ ވާޖިބަކީ ބަތްޕެން ބޯންދީގެންވިޔަސް ޖޭ އެސް ސީ ގެ ހާލު ރަގަޅު ކުރެވޭތޯ މަސައްކަތް ކުރުމެވެ. ރުއްގަލު ބޭސް ކޮއްގެން ވިޔަސް އެސޮރުގެ ހަތަރެސްފައި މީހަކާ ނުލާ އެޅޭވަރު ކޮއްދިނުމެވެ.
ގާނޫނު އަސާސީ ގައި ދީފައިވާ މިނިވަން ކަމާއި މުސްތަގިއްލު ކަމާއެކު އެ ސޮރަށް މަސައްކަތެއް ކުރެވޭނީ އޭރުންނެވެ. ނުފޫޒް ތަކާ ދެކޮޅަށް ހަށި ފޮޅާލާނެ ހިތްވަރެއް ލިބޭނީ އެދުވަހަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ