ރަސްދޫގައި ފިހުނު ފިރިހެން މީހާ އަދިވެސް އައިސީޔޫގައި
އއ. ރަސްދޫގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ. އެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ ވަނީ މިދިޔަ ހޯމަ ދުވަހު ނިޔާވެފައެވެ. އެ އަލިފާނުގެ ހާދިސާގައި ޒަޚަމުވެގެން ފަރުވާދޭން، ހާދިސާ ހިނގި ދުވަހު އެ ދެމަފިރިން ވަނީ މާލެ ގެނެސްފައެވެ. އަދި އައިޖީއެމް ހޮސްޕިޓަލުގައި ދެމަފިރިންނަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގައެވެ. އެ ދެ މީހުންގެ އުމުރަކީ ވެސް 31 އަހަރެވެ. މިއަދު އައިޖީއެމްއެޗުން "ސަން" އަށް ބުނީ ފިރިހެން މީހާއަށް އަދިވެސް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށާއި އޭނާ އަދިވެސް އޮތީ އޮކްސިޖަން ގުޅާފައި ކަމަށެވެ. އަންހެން މީހާ ނިޔާވެފައިވަނީ، އެ ދެމަފިރިންނަށް ފަރުވާދޭން އިންޑިއާއިން ތަޖުރިބާކާރު ޑޮކްޓަރަކު ގެނެސްފައި ވަނިކޮށެވެ. https://sun.mv/204275 އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް ވަނީ، އިންޑިއާގެ މުމްބާއީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޚާއްސަ ޑޮކްޓަރެއް ގެނެސްގެން އެ ދެމަފިރިންނަށް ފަރުވާދޭން ފަށާފައިވާ ކަމަށް މީގެކުރިން ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޑޮކްޓަރަކީ އެނދުމާއި ޕްލާސްޓިކް ސާޖަރީގެ ފަރުވާދިނުމުގައި 24 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެކެވެ. އެ ހާދިސާއާ ގުޅޭ ގޮތުން މީގެ ކުރިން 'ސަން'އާ ވާހަކަދެއްކި ރަސްދޫ މީހަކު ބުނީ، އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިން ދިރިއުޅުނު ގޭގެ ކޮޓަރިއެއްގައި ކަމަށެވެ. އެ ހާދިސާގައި ދެމަފިރިން އެއްކޮށް ކަހަލަ ގޮތަކަށް ފިހިފައިވާ ކަމަށް އޭނާ ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ހާދިސާގައި އެ ދެމަފިރިންގެ ފަސް އަހަރުގެ ދަރިފުޅަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ