އޭޖީ އޮފީހުގެ ގާނޫނަށް އަމަލު ކުރަން ނުފަށަނީސް އެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ޖެހިއްޖެ އޭޖީ އޮފީހުގެ ގާނޫނަށް އަމަލު ކުރަން ނުފަށަނީސް އެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ޖެހިއްޖެ

ބަންޑާރަނައިބުގެ އޮފީސް ސިވިލް ސާވިސް އިން ވަކިކޮށް އެ އޮފީހުގެ އުސޫލުތަކަށް ބައެއް އެހެން ބަދަލުތައް ގެންނަން ފާސްކުރި ގާނޫނަށް އަމަލު ކުރަން ނުފަށަނީސް އެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ފަށަންޖެހިއްޖެ އެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ބިލު މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގު ކުރެއްވީ މިއަހަރުގެ އެޕްރީލް 29، ގަ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ބިލު ތަސްދީގު ކުރާތާ 90 ދުވަސް ފަހުން ކަމަށް އެ ގާނޫނުގައި ބަޔާން ކޮށްފައި ވެ އެވެ.
އެ ބިލު ތަސްދީގު ކުރިތާ މަސްދުވަސް ވެސް ނުވަނީސް އެ ގާނޫނަށް އިސްލާހެއް ގެންނަން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު، އަލީ ފަޒާދެވެ. ނަމަވެސް އެ އިސްލާހުގައި ބަޔާން ކޮށްފައި އޮތީ، އިސްލާހު މަޖިލީހުން ފާސްކޮށް، ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރާ ހިސާބުން ފެށިގެން އެ އިސްލާހަށް އަމަލު ކުރަން ފަށަން ވާނެ ކަމަށެވެ.
މި މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރެއްވި އެވެ. އެކަން އާންމުކޮށް އަންގައި ރައީސް އޮފީހުން ޝާއިއު ކުރި ހަބަރުގައި ވެސް ބުނެފައި އޮތީ އެ ދުވަހުން ފެށިގެން އެ އިސްލާހަށް އަމަލު ކުރަން ފެށީ ކަމަށެވެ.
އަމަލު ކުރަން އަދި ނުފަށާ ގާނޫނަކަށް ގެނައި އިސްލާހަކަށް އަމަލު ކުރަން ފެށީ ކީއްވެތޯ ސުވާލު ކުރުމުން ބަންޑާރަނައިބުގެ އޮފީހުން ބުނީ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ފެށުމުގެ މާނައަކީ، އެ އިސްލާހުތައް މައި ގާނޫނުގެ ބައެއްގެ ގޮތުގައި ހިމެނިގެން ދިޔުން ކަމަށެވެ.
"17 އޮގަސްޓް 2025 ގައި އަމަލުކުރަން ފަށާފައި ވަނީ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނަށް. އެއީ ގާނޫނު ނަންބަރު 10/2025. އޭގެ ނަތީޖާއަކީ އެ އިސްލާހުތައް، 17 އޮގަސްޓްގައި މައި ގާނޫނު ކަމުގައިވާ ގާނޫނު ނަންބަރު 8/2025 (ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު) ގެ ބަޔަކަށް ވެގެންދިޔުން ނުވަތަ އެ ގާނޫނަށް އިންކޯޕަރޭޓްވުން." ބަންޑާރަނައިބުގެ އޮފީހުން ފޮނުވި ރަސްމީ ޖަވާބުގައި ބުންޏެވެ.
"ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު ގާނޫނަކަށްވެފައި ވަނީ 29 މެއި 2025 ގައި. އެ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހުތައް ގެނެވުނީ 17 އޮގަސްޓް ގައި. އެ އިސްލާހުތަކާއެކު މަައި ގާނޫނަށް އަމަލުކުރަން ފަށާނީ 27 އޮގަސްޓްގައި."
އެ އިސްލާހުގައި އޮތީ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު އެންމެ ފުރަތަމަ ފާސްކުރިއިރު، ބަންޑާރަނައިބު އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު ކަނޑައެޅުމަށް ބަންޑާރަނައިބަށް ލިބިދީފައި އޮތް ބާރު ހަނިކޮށް، އެ އޮފީހުގެ އޮނިގަނޑު ރައީސް އޮފީހަށް ހުށަހަޅައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބެން ޖެހޭގޮތަށް މާއްދާއެއް ހިމަނައިފަ އެވެ.
އޭގެ އިތުރުން ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދު އުފެދޭ މައްސަލަތަކާމެދު ގާނޫނީ ގޮތުން ގޮތް ކަނޑައަޅައި ހައްލު ހޯދައިދިނުމަށް އޭޖީއަށް ބާރު ލިބިދޭ މާއްދާ ގާނޫނުން އުނިކުރުމަށް ވެސް އިސްލާހުގައި ހިމަނާފައި ވެ އެވެ.
ބަންޑާރަނައިބު އޮފީހުގެ މުވައްޒަފުންގެ ގިންތިތަކަށް ބަދަލު ގެންނަން ވެސް އިސްލާހުގައި ހިމަނާފައި ވެ އެވެ. މީގެ ކުުރިން އެޑްމިނިސްޓްރޭޓިވް ސާވިސްގެ ގޮތުގައި ގިންތިކޮށްފައި ތިބި މުވައްޒަފުން މިހާރު ވަނީ ލީގަލް ސަޕޯޓް ސާވިސްގެ ގިންތިއަށް ބަދަލުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ