ގައުމީ ރެކޯޑް ދެމެހެއްޓުމުގައި ޝައިމް ގެންގުޅެނީ ތަފާތު ވިސްނުމެއް ގައުމީ ރެކޯޑް ދެމެހެއްޓުމުގައި ޝައިމް ގެންގުޅެނީ ތަފާތު ވިސްނުމެއް

މި ފަހަރު ބޭއްވި 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގައި އިންޑިވިޖުއަލް އެތުލީޓަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަށް ބަލައި ރޭންކިން އެއް ހަދާނަމަ، އެންމެ ކުރީގައި އޮންނާނީ އަންހެން އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި، ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ އައިޝަތު ޝައިމް އަޒީޒް އެވެ. މި ކާމިޔާބީ އެހެން ހަރުފަތަކަށް ގެންދިއުމަށް އޭނާ ގެންގުޅޭ ވިސްނުން ވެސް ވަރަށް ތަފާތެވެ.
މި ފަހަރުގެ ގައުމީ މުބާރާތުގައި ޝައިމް ތިން ރަން މެޑަލްގެ އިތުރުން ގައުމީ ރެކޯޑަކާއި މީޓް ރެކޯޑެއް ހެދި އެވެ. ތިން ރަން މެޑަލް ހޯދީ، އަންހެނުންގެ ޖެވަލިން އުކުމާއި ހައި ޖަމްޕް އަދި ލޯންގް ޖަމްޕް އިވެންޓުންނެވެ.
އެ ގޮތުން، ޖެވަލިން އުކުމުން ޝައިމް ވަނީ 27.12 މީޓަރު ދުރަށް އެއްލައިފަ އެވެ. ހައި ޖަމްޕްގެ ގައުމީ ރެކޯޑް އޮތް ޝައިމް، މި ފަހަރުގެ ގައުމީ މުބާރާތުގެ އެ އިވެންޓް ކާމިޔާބުކުރީ، 1.48 މީޓަރު މަތިން ފުންމައިގެން މީޓު ރެކޯޑަކާ އެކު އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ، 1.41 މީޓަރު މަތިން ފުންމި ވިކްޓަރީގެ މަރިޔަމް ޝިފްޒާ އަތުގަ އެވެ. ޝައިމް، ގައުމީ ރެކޯޑް ހަދާފައި އޮތީ، 1.50 މީޓަރު މަތިން ފުންމައިގެންނެވެ. މި ފަހަރުގެ އިވެންޓްގައި، ޝައިމް ލޯންގް ޖަމްޕުން ގައުމީ ރެކޯޑް މުގުރާލިއިރު، އޭނާ ވަނީ، 5.24 މީޓަރު ދުރަށް ފުންމައިފަ އެވެ. މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ލޯންގް ޖަމްޕުން ގައުމީ ރެކޯޑް ހެދިއިރު، ޝައިމް ފުންމީ 5.20 މީޓަރު ދުރަށެވެ.
މީގެ ކުރިން، 2023 ވަނަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުގެ މަގާމު ހޯދި ޝައިމް އަށް މި ފަހަރުގެ ގައުމީ މުބާރާތުގެ މޮޅު އެތުލީޓު ލިބުން ހާއްސަ އެވެ.
"ވަރަށް ކުރިއްސުރެއް ވެސް އަބަދުވެސް ނެޝަނަލްސް އިން (ގައުމީ މުބާރާތުން) ބެސްޓް އެތުލީޓު ނުލިބިގެން އަބަދުވެސް މި ޓްރައި ކުރަނީ، ދެން މި ފަހަރު މަސައްކަތް ކުރިން، ދެ އިވެންޓުން ވެސް ނެޝަނަލް ރެކޯޑް ހަދައިގެން ބެސްޓް އެތުލީޓު ނަގަން، އެކަމަކު، ހައި ޖަމްޕުން ކުޑަތަންކޮޅެއް ދަށްވެގެން (ނެޝަނަލް ރެކޯޑް) ނުލިބުނީމަ، ކުޑަކޮށް ބިރުން އިނީ ފަހު ވަގުތާ ހަމައަށް، އެކަމު، އަޅުގަނޑަށް ލިބުނީމަ ވަރަށް އުފާވޭ،" އައްޑޫ ސިޓީ އަށް އުފަން، ޝައިމް ބުންޏެވެ.
އަހަރުން އަހަރަށް ޝައިމްގެ ފަރާތުން ފެންނަމުން އަންނަ ކުރިއެރުމާ މެދު އޭނާ ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. އެ ގޮތުން، އޭނާގެ ހާއްސަ އިވެންޓްތަކުން ކުރިއެރުން ވަޒަންކުރެވޭތީ ޝައިމް ހުރީ ފަސް އެނބުރި ނުބަލައި ކުރިއަށް ދިއުމުގެ އުންމީދުގަ އެވެ. އެކަމަކު، ޕާފޯމަންސަށް ބަލާއިރު، ޝައިމްގެ ހިތެއް އަދިވެސް ނުފުރެ އެވެ.
"އަދިވެސް ބޭނުންވި ވަރަކަށް ޕާފޯމެއް ނުކުރެވޭ، ކުރިއަށް އޮތް މުބާރާތުގައި ހައި ޖަމްޕް ވެސް ލޯންގް ޖަމްޕްގެ ވެސް ނެޝަނަލް ރެކޯޑް އާ ކުރަން އަޒުމުކޮށްގެން މި ހުރީ،" ޝައިމް ބުންޏެވެ.
"ވަރަށް ފޮނި އުންމީދުތަކެއް ކުރިއަށް އޮތް މުބާރާތްތަކާ މެދު ވެސް އޮތީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑަށް ހަަމަ، ވަރަށް ޕޮޓެންޝިއަލް އެބަހުރި މި އަށް ވުރެން ބޮޑުކޮށް، ރެކޯޑް އާ ކުރަން ވެގެން. އައި ވިލް ޓްރައި މައި ބެސްޓް ހަމަ، މި އަށް ވުރެން ވެސް ދުރަށް، އެހެންމީހަކަށް ބްރޭކްކުރަން އުނދަގޫވާ ވަރަށް ރެކޯޑްތައް އާ ކުރަން،"
އެންމެ ރަނގަޅު ވަސީލަތްތަކެއް ތަމްރީންތައް ހެދުމަށް ނެތް ނަމަވެސް، ޝައިމްގެ އަޒުމެއް ނުގުޑަ އެވެ. އޭނާ ހާސިލްކުރަން ބޭނުންވާ ޓާގެޓަށް ދިއުމަށްޓަކައި، ގަދައަޅައި މަސައްކަތް ކުރަން ނުކުމެ ހުރީ، ފަހަރަކަށް ވުރެން ފަހަރެއް ކާމިޔާބީ އާއި މެޑަލް ހޯދުން އިތުރު ކުރުމަށް ވެސް ގަސްދުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ