ރައީސް މުޢިއްޒު ޗައިނާގެ ރައީސްއާއި ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.
ޗައިނާގެ ޓިއާންޖިންގައި ހުންނަ ޓިއާންޖިން ޔިންގްބިން ހޮޓެލްގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ވަނީ ރައީސް މުޢިއްޒަށް މަރްޙަބާ ވިދާޅުވެ، ދެޤައުމުގެ ގުޅުން ބަދަހިކުރުމުގައި މި ދަތުރުފުޅުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް މުޢިއްޒު ވަނީ ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ދެ ރައީސުން ކުރެއްވި މަޝްވަރާތަކުގައި އިޤްތިޞާދީ ތަރައްޤީ، ވިޔަފާރި، އިންވެސްޓްމަންޓް، ސަލާމަތީ އެއްބާރުލުން އަދި ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިކުރުން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާ ރައީސް ޝީ ވަނީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ތަކުރާރުކުރައްވާފައެވެ.
މީގެ އިތުރުން ދެ ޤައުމުގެ ގުޅުން، "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް (2024-2028)" ގެ ދަށުން ކުރިއަށް ގެންދިއުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެފަރާތަށްވެސް ފައިދާހުރި ކަންކަމުގައި ކުރިއަށް ދިއުމަށް ކަށަވަރުކުރައްވަމުންނެވެ.
ރައީސް ޗައިނާ އަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅަކީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމުގެ ރައީސް ޝީ ދެއްވި ދައުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ.
ރައީސްގެ މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީގެ އިތުރުން އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރަށްވާނެކަމަށް ރައީސް އޮފީހުން ކުރިން ވަނީ ބުނެފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ