ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މުހައްމަދު ޝަހީދު އައްޔަންކުރަން ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.
ވީކިހިނެއް؟ - މި ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު މިދިޔަ މަހު މަގާމު ދޫކޮށްލެއްވި ޝަހީދު ފަނޑިޔާރުކަމަށް އައްޔަންކުރުން ހުއްޓުވަން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު ނައުޝާދެވެ.
ހައި ކޯޓުގައި ހުސްވި ފަނޑިޔާރުކަމުގެ މަގާމަށް ވެސް ކުރިމަތިލެއްވި ނައުޝާދު ހުށަހެޅުއްވި ވަގުތީ އަމުރުގެ މައްސަލަ ސިވިލް ކޯޓަށް ބަލައިގަތް ނަމަވެސް ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއްގެ ނޯޓިސް އަދި ނުލިބެ އެވެ.
އެނގުން މުހިންމު - ކޯޓުން މައްސަލަ ބަލައިގަތް އިރު، ޝަހީދު އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިރެ އެވެ.
ތަފްސީލް - ނައުޝާދު ހުށަހެޅުއްވީ ޖޭއެސްސީން ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ނިންމި ނަމަވެސް އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އެވެ. އެ ގޮތުން:
ޝަހީދު ޕީއެންސީގެ މެންބަރެއްގެ ގޮތުގައި އަދިވެސް ދައްކާ؛ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅަކު އައްޔަންކޮށްގެން ނަޒާހަތްތެރިކަން ކަށަވަރެއް ނުކުރެވޭނެ
ހައި ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވައި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ހިމެނޭ
ތަޖުރިބާ މަދުން ހުންނެވި ޝަހީދު އެ މަގާމަށް އައްޔަންކުރުމަކީ ޝަރުތު ހަމަވާ އެހެން ބޭފުޅުންނަށް ވެވޭ ބޭއިންސާފަކަށް ވާނެ
ފަސްމަންޒަރު - ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އޭގެ ތެރެއިން ދެ ބޭފުޅަކު ސުޕްރީމް ކޯޓަށް އައްޔަންކުރުމުންނެވެ. އެގޮތުން:
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއްސުއޫދު މިދިޔަ މާޗު މަހު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި އައްޔަންކުރީ ހައި ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމުން ހުސްވި ދެ މަގާމުގެ ތެރެއިން އެއް މަގާމަށް އައްޔަންކުރީ ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި މުހައްމަދު ސަލީމް
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑްކުރީ ސިޔާސީ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން އުޅޭތީ އެކަން ހުއްޓުވުމަށެވެ.
ޝަހީދު ހައި ކޯޓު ފަނޑިޔާރުކަމަށް އައްޔަންކުރުން ހުއްޓުވުމުގެ މައްސަލަ ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ