ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 25) - ކްލަބް ވޯލްޑް ކަޕްގައި ބެންފީކާ އިން 1-0 އިން ބަޔާން މިއުނިކް ބަލިކޮށް މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ހޯދިއިރު، އެސްޕަރެންސް އަތުން 3-0 އިން މޮޅުވެ، ޗެލްސީން ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ރޭގެ މެޗަށް ނުކުތްއިރު ވެސް ބަޔާނަށް އޮތީ އަނެއް ބުރު ޔަގީންވެފަ އެވެ، އެކަމަކު، ރޭގެ މެޗުން ބަލިވުމުން ބަޔާނަށް ވަނީ ގްރޫޕްގެ އެއް ވަނަ ގެއްލިފަ އެވެ. ބެންފީކާ އިން 13 ވަނަ މިނިޓްގައި އަންދްރެއަސް ޝްޖެލްޑްރަޕްގެ ގޯލުން ބަޔާން ބަލިކޮށް، ގްރޫޕް ނިންމާލީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ބަޔާނަށް ލިބުނީ ހަ ޕޮއިންޓެވެ.
މި ގްރޫޕްގައި ރޭ ނިއު ޒީލެންޑްގެ އޯކްލޭންޑް ސިޓީން ވަނީ ބޮކަ ޖޫނިއާސްއާ 1-1 އިން އެއްވަރުކޮށްފަ އެވެ. ފުރަތަމަ ދެ މެޗުގައި ބަޔާން އަތުން 10-0 އަދި ބެންފީކާ އަތުން 6-0 އިން ބަލިވި، އޯކްލޭންޑަށް ބޮކަ އަތުން ލިބުނު ޕޮއިންޓަކީ ކުރިއެރުމެކެވެ.
ގްރޫޕް ޑީގައި ރޭ ޗެލްސީން އެސްޕަރެންސް އަތުން މޮޅުވިއިރު، ފުރަތަމަ ދެ ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އެ ގޮތުން، ޓޮސިން އަޑަރަބިއޯޔޯ ގޯލު ޖަހާފައިވަނިކޮށް، ލިއަމް ޑެލަޕް ވަނީ އެ ޓީމަށް ލީޑުފުޅާކޮށްދީފަ އެވެ. އަދި، މެޗުގެ އިތުރު ވަގުތުގައި ޗެލްސީގެ ފަހު ގޯލު ޖެހީ ޓައިރިކް ޖޯޖް އެވެ.
މި ގްރޫޕްގެ އަނެއް މެޗުން، ފްލަމެންގޯ ވަނީ އެލްއޭ އެފްސީއާ 1-1 އިން އެއްވަރުކޮށް، ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. ފްލަމެންގޯ އަށް ހަތް ޕޮއިންޓް ލިބުނުއިރު، ޗެލްސީ ދެ ވަނަ އަށް ދިޔައީ ހަ ޕޮއިންޓާ އެކު އެވެ. އެސްޕަރަންސް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އަދި، އެލްއޭ ނިންމާލީ ޕޮއިންޓަކާ އެކު އެވެ.
ޗެލްސީން ގަދަ 16 ބުރުގައި ކުޅޭނީ ބެންފީކާއާ އެެވެ. އަދި، ފްލަމެންގޯ އިން ބައްދަލުކުރާނީ ބަޔާންއާ އެވެ.
ކްލަބް ވޯލްޑް ކަޕް: ބެންފީކާ އިން ބަޔާން ބަލިކޮށްފި، މޮޅަކާ އެކު ޗެލްސީ ދެ ވަނަ ބުރަށް ކްލަބް ވޯލްޑް ކަޕް: ބެންފީކާ އިން ބަޔާން ބަލިކޮށްފި، މޮޅަކާ އެކު ޗެލްސީ ދެ ވަނަ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ