ޔުނައިޓެޑުން ދޫކޮށްލަން ނިންމާފައިވާ ސަންޗޯގެ ޑިމާންޑް ބޮޑުވެއްޖެ ޔުނައިޓެޑުން ދޫކޮށްލަން ނިންމާފައިވާ ސަންޗޯގެ ޑިމާންޑް ބޮޑުވެއްޖެ

ލަންޑަން (ޖޫން 24) - މެންޗެސްޓާ ޔުނައިޓެޑުން ދޫކޮށްލަން ނިންމާފައިވާ އިނގިރޭސި ފޯވާޑް، ޖޭޑަން ސަންޗޯގެ ސޮއި ހޯދަން ގިނަ ކްލަބްތަކަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
މީގެ ހަތަރު އަހަރު ކުރިން، 90 މިލިއަން ޑޮލަރަށް، ޔުނައިޓެޑަށް ބަދަލުވި ސަންޗޯ އާއި ޔުނައިޓެޑްގެ ކުރީގެ ކޯޗު އެރިިކް ޓެން ހާގާ ދެމެދު މައްސަލަ ޖެހި، ސަންޗޯ ވަނީ މީގެ އެއް އަހަރު ކުރިން، ލޯނަކަށް ކުރީގެ ކްލަބް، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެފަ އެވެ.
ސަންޗޯ އަށް އަލުން ޔުނައިޓެޑުން ފުރުސަތު ލިބޭނެ ކަމަށް ޓެން ހާގް މިދިޔަ ސީޒަނުގައި ބުނި ނަމަވެސް، ސަންޗޯ އަށް ޓީމުން ފުރުސަތެއް ނުދެ އެވެ. އެހެންވެ، ފަހުން ސަންޗޯ ކުުޅުނީ ލޯނަކަށް ޗެލްސީ އަށެވެ. އަދި، މިހާރު ޔުނައިޓެޑްގައި ހުރި، ރުބެން އަމޮރިމްގެ ޕްލޭނުގައި ވެސް ސަންޗޯ ނުހިމެނެ އެވެ.
އެކަމަކު، ސީޒަން ނިމުމުން ޗެލްސީން ވެސް ސަންޗޯގެ ކޮންޓްރެކްޓް ދާއިމީ ކުރަން ބޭނުމެއް ނުވި އެވެ. އަދި، ސަންޗޯގެ އެއްބަސްވުން ދާއިމީ ކުރަން ޔުނައިޓެޑާ އެކު، ހަދާފައިވާ އެއްބަސްވުން އުވާލަން ޗެލްސީން 5-7 މިލިއަން ޑޮލަރު ވެސް ދެއްކި އެވެ.
ރިޕޯޓްތައް ބުނާގޮތުން، ސަންޗޯގެ ސޮއި ހޯދަން ޔުވެންޓަސް، ނަޕޯލީ، ފެނަބާޗޭ އަދި އެތުލެޓިކް ބިލްބާއޯ އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މީގެ ތެރެއިން ޔުވެންޓަސް އިން ހުށަހަޅާފައި އޮތީ ސަންޗޯ ހޯދަން ދެ ޕްރޮޕޯސަލެކެވެ. އެއީ، 60 މިލިއަން ޑޮލަރުގެ ބިޑެއް ނޫނީ، ޔުވެންޓަސްގެ ޑޫސާން ވްލާހޮވިޗް އާއިި ޑަގްލަސް ލުއީސްގެ ތެރެއިން ކުޅުންތެރިއެއްގެ އިތުރުން ދެ ޓީމަށް އެެއްބަސްވެވޭ ފީއެއް ހިމެނުމަށެވެ. އަދި، ސަންޗޯ ގެންނަން، އެއްވެސް ޓްރާންސްފާ ފީއެއް ނުހިމަނައި، ވްލާހޮވިޗާއި ޑަގްލަސް ލުއިސް ދޭން ވެސް ޔުވެންޓަސް އިން ތައްޔާރެވެ.
ފެނަބާޗޭ އިން ސަންޗޯ ހޯދަން ކުރާ މަސައްކަތުގައި އެންމެ ބޮޑަށް ބާރު އަޅަނީ ފެނަބާޗޭގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ