ހިޔާވެހި ސްކީމްގެ ލޯނު ދޫކުރަން ބީއެމްއެލްއާއެކު އެއްބަސްވުމެއް ހަދައިފި
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގެ ސްކީމްތަކަށް ލޯނު ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.އެ އެއްބަސްވުމުގައި ސޮއިކުރީ ހައުސިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.ހައުސިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ.މުހައްމަދު ޝަރީފް ވިދާޅުވީ، ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގެ ސްކީމްތަކަށް ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ލިބުމާއެކު، އެއެޕްލިކޭޝަންތައް އިވޭލިއޭޓްކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ."މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންނަށް އެޕްލިކޭޝަންތައް ލިބުމުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެޕްލިކޭޝަންތައް ލިބޭތާ ދެ ހަފްތާ ތެރޭގައި، އިވޭލުއޭޝަންގެ މަސައްކަތް ނިންމާ މިނިސްޓްރީއަށް ފޮނުވަން." ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވި އެވެ.ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގައި ހިމެނެނީ 3 ސްކީމެކެވެ. އެއީ ރަށްވެހި ފައިނޭންސިންގ ސްކީމް، ސަހަރު ފައިނޭންސިންގ ސްކީމް، ފަހިމާލެ ފައިނޭންސިން ސްކީމެވެ. މީގެތެރެއިން ރާއްޖޭގެ އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް ރަށްވެހި ފައިނޭންސިންގ ސްކީމްގެ ދަށުން 1 މިލިއަން ރުފިޔާ، އަރބަން ސެންޓަރތަކުން ސަހަރު ފައިނޭންސިންގ ސްކީމަށް އެދި ހުށައަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ ލިބޭނެއެވެ. މީގެއިތުރުން މާލެ ސަރަޙައްދަށް ހުޅުވާލި ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން 6 މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެއެވެ.މިއީ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންއެކެވެ. އަދި މި ސްކީމުގެ ދަށުށް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ބިން ލިބިފައިވާ ފަރާތްތަކަށް ގެދޮރު އެޅުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. ގެދޮރު އަލަށް އިމާރާތްކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި، ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.އެ ވައުދު ފުއްދުވުމަށް ދަށުން "ހިޔާވެހި ފައިނޭންސިން ސްކީމް" ތައާރަފުކުރީ މިދިޔަ އަހަރު ފަހުކޮޅު އެވެ. އަދި މި އަހަރު މި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ