ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ގައި އިންޓަ މިއާމީ އާއި ޕީއެސްޖީގެ ކުރިމަތިލުމެއް ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ގައި އިންޓަ މިއާމީ އާއި ޕީއެސްޖީގެ ކުރިމަތިލުމެއް

ފްލޮރިޑާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 24) - ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުުރުގައި، އިންޓަ މިއާމީ އާއި ޕީއެސްޖީ ބައްދަލުކުރަން ޖެހިއްޖެ އެވެ.
ގްރޫޕް އޭގެ ފަހު މެޗުތަކުގައި ރޭ އިންޓަ މިއާމީން ލީޑުގައި އޮއްވައި، ޕަލްމެއިރާސް އިން ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ. އެ ގްރޫޕްގައި ދެން ވާދަކުރި ޕޯޓޯ އާއި އަލް އަހްލީ 4-4 އިން އެއްވަރުވެ، ދެ ޓީމު ވެސް ވަނީ ކަޓައިފަ އެވެ.
މިއާމީން ޓަޑެއޯ އަލެންޑޭ އާއި ލުއިސް ސުއަރޭޒްގެ ގޯލުތަކުން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، ފަހު 10 މިނިޓް ތެރޭ، ޕަލްމެއިރާސް އިން ދެ ގޯލު ޖަހައި އެއްވަރުކުރި އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، ޕައުލީނިއޯ އާއި މައުރީސިއޯ އެވެ. މި ނަތީޖާއާ އެކު، ޕަލްމެއިރާސް އަށް ލަނޑުގެ ތަފާތުން އެއް ވަނަ ލިބޭއިރު، އެ ޓީމުން ގަދަ 16 ބުރުގައި، ކުޅޭނީ ބްރެޒިލްގެ ބޮޓަފޯގޯއާ އެވެ.
އަންޓުއާން ގްރީޒްމަން ޖެހި ގޯލުން އެތުލެޓިކޯ މެޑްރިޑުން 1-0 އިން ބޮޓަފޯގޯ ބަލިކުރި ނަމަވެސް، ލަނޑުގެ ތަފާތުން ބޮޓަފޯގޯ ވަނީ ގަދަ 16 ބުރަށް ދަތުރުކޮށްފަ އެވެ. މި ގްރޫޕުން އެއް ވަނަ ހޯދީ، ރޭ ސިއޭޓަލް ސައުންޑާސް އަތުން 2-0 އިން މޮޅުވި ޕީއެސްޖީ އެވެ. ޕީއެސްޖީ އާއި ބޮޓަފޯގޯ އަދި އެތުލެޓިކޯ އަށް ވެސް ހަ ޕޮއިންޓް ލިބުނުއިރު، ޕީއެސްޖީގެ ފައިދާ ފަސް ގޯލު، ބޮޓަފޯގޯގެ ފައިދާ އެއް ގޯލު އެބައޮތެވެ. އެތުލެޓިކޯގެ އޮތީ ގެއްލުން އެއް ގޯލެވެ.
ގަދަ 16 ބުރުގައި، އިންޓަ މިއާމީ އާއި ޕީއެސްޖީ ކުޅޭ މެޗު ހާއްސަވާނީ ލިއޮނަލް މެސީ އަށެވެ. އިންޓަ މިއާމީގެ ކެޕްޓަންކަން ކުރަމުން އަންނަ މެސީ އެ ޓީމަށް ބަދަލުވީ ޕީއެސްޖީ ދޫކޮށް ގޮހެވެ. އަދި، ޕީއެސްޖީގައި ދިޔައީ ކެރިއަރުގެ އެންމެ ރަނގަޅު ދުވަސްވަރެއް ނޫން ކަމަށް މެސީ ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ