އާ ސިޔާސީ ޕާޓީއެއް އުފައްދާފައިވާކަން މަސްކު އިއުލާނުކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މަހުޖަނު އީލޮން މަސްކާ ދެމެދު އޮތް ގާތް ގުޅުން ނިމުމަކަށް އައިސް، އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފައްދާފައިވާކަން މަސްކު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމު، އެކްސްގައި އިއުލާނުކޮށްފިއެވެ. 'އެމެރިކާ ޕާޓީ'ގެ ނަމުގައި އާ ސިޔާސީ ޕާޓީ އުފެއްދީ އެމެރިކާގައި އޮންނަ ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީއަށް ގޮންޖަހައި، ސިޔާސީ މައިދާން ހަމައެކަނި އެ ދެ ޕާޓީއަށް ބިނާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ކަމަށް މަސްކު ވިދާޅުވިއެވެ. "މިއަދު މިނިވަންކަން އަނބުރާ ހޯދައިދޭން އެމެރިކާ ޕާޓީ އުފައްދައިފިން" އެކްސްގައި މަސްކު ލިޔުއްވާފައިވެއެވެ. ނަމަވެސް އެ ޕާޓީ ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ ކަމެއް ސާފެއް ނޫނެވެ. އެ ޕާޓީ ލީޑުކުރާނީ ކޮންބައެއްކަމާއި ޕާޓީއާ ގުޅޭ އިތުރު އެހެން ތަފުސީލެއް ވެސް މަސްކު ހާމަކޮށްފައެއް ނުވެއެވެ. މަސްކު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވާހަކަ ދައްކަންފެށީ ޓްރަމްޕާއެކު އޮތް ގުޅުން ހީނަރުވެ، ސަރުކާރުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އުފެއްދި ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝެންސީ (ޑޮޖް) ހިންގެވުމާ ހަވާލުވެ ހުންނެވުމަށް ފަހު ދައުރު ހަމަވުމުން އެ މަގާމުން ވަކިވުމަށްފަހުއެވެ. މަސްކު ވަނީ އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން ބޭނުންތޯ އަހައި އެކްސްގައި ޕޯލެއް ވެސް ނަގާފައެވެ. އެޔަށް 1.2 މިލިއަން މީހުން ވޯޓު ދީފައި ވާއިރު ގިނަ މީހުން ވޯޓު ދިނީ ޕާޓީއެއް އުފެއްދުމާ އެއްކޮޅު ކަމަށެވެ. މަސްކު ވަނީ 2024ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕާ އެއްކޮށްޅަށް ވަރަށް ބޮޑަށް ވާކާލާތުކޮށް، ޓްރަމްޕް އަލުން ވެރިކަމަށް ގެނައުމަށް 250 މިލިއަން ޑޮލަރު ހަރަދުކޮށްފައެވެ. ޓްރަމްޕާ އެކު އޮތް ގުޅުން ގޯސްވާން ފެށީ، ޓެކްސް އާއި ބައެއް ޚަރަދު ކުޑަ ކުރުމުގެ ބިލް ނުވަތަ 'ބިގް ބިޔުޓިފުލް ބިލް' އާ ގުޅިގެންނެވެ. މި ބިލަކީ އެމެރިކާގެ ދަރަނި އެތައް ގޮތަކުން ބޮޑުވެ ނުރައްކާތެރި އެއްޗަކަށް ވާނެ ކަމަށް މަސްކް ވިދާޅުވެ ވާހަކަ ދައްކާފައިވާއިރު، ޓްރަމްޕު ވަނީ މަސްކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުތަކެއް ވެސް ދެއްވާފައެވެ. އެ ބިލު މިހާރު ގާނޫނަކަށް ބަދަލުވެފައިވާއިރު، އޭގެ ސަބަބުން ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި އެމެރިކާގެ ދަރަނި ތިން ޓްރިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ލަފާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ