ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާއަށް ޖަލު ހުކުމެއް
ބަންގްލަދޭޝްގެ ކުރީގެ ރައީސް ޝައިހު ހަސީނާ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ހަ މަހަށް ޖަލަށް ލުމަށް އެ ޤައުމުގެ ބައިނަލްއަގްވާމީ ޖަރީމާތަކާބެހޭ ޓްރައިބިއުނަލް، އައިސީޓީން ހުކުމްކޮށްފި އެވެ."ހަސީނާ ވަޑައިގަތުމާ އެކު ނުވަތަ އަމާންދީ، ކޯޓާ ހަވާލުވާ ވަގުތުން މި ހުކުމް ތަންފީޒުކުރަން ފެށޭނެ،" ހުކުމް އިއްވި ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޗީފް ޕްރޮސިކިއުޓާ މުހައްމަދު ތާޖުލް އިސްލާމް ވިދާޅުވި އެވެ.އިސްލާމް ވިދާޅުވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައިގެ އަސްލަކީ ހަސީނާއާ ދެކޮޅަށް މައްސަލަތައް ހުށަހަޅައި އަދި ހެކިބަސް ދޭން ތިބި މީހުންނަށް އިންޒާރުދޭ ގޮތަށް ދައްކަވާފައިވާ ވާހަކަތައް ކަމަށެވެ.ނޮބެލް އެވޯޑް ލިބިވަޑައިގެންފައިވާ މުހައްމަދު ޔޫނުސް އިސްކޮށް ހުންނަވައި ހިންގަމުންދާ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ ޙަސީނާ ހިމެނޭގޮތަށް އެ ޤައުމުގައި ޙައްޤުތަކާ ޚިލާފަށް އަމަލުކުރާ އިސްވެރިންނާއި ކޮރަޕްޝަން ހިންގާ އިސްވެރިން ޖަވާބުދާރީކުރުވާނެ ކަމަށް ބުނެފައެވެ. އެ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭަގައި އެ ޤައުމުގެ ދަރިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ދީފައިވާ ޙަމަލާތައް ބަލާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.ހަސީނާގެ ސިޔާސީ ޕާޓީ، އަވާމީ ލީގު މިހާރު މަނާކޮށްފައި ވާއިރު ދައުވާތަކުން ރެކެން ފިއްލަވައިގެން އުޅުއްވާ އެ ޕާޓީގެ ލީޑަރެއް ކަމަށްވާ ޝަކީލް އަކަންދާ ބުލްބުލް ވެސް ހަމަ މި މައްސަލައިގައި ދެ މަހަށް ޖަލަށް ލާން މިއަދު ހުކުމްކުރި އެވެ.މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ހަސީނާ އޭނާގެ ވެރިކަން ދަމަހައްޓަން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން 1،400 އެއްހާ މީހުން މަރުވެފައިވާ ކަމަށް އދ. އިން ލަފާކުރެ އެވެ.ސަރުކާރާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާތައް ހޫނުވެ މިދިޔަ އަހަރުގެ އޯގަސްޓް މަހު ހަސީނާ އިސްތިއުފާ ދެއްވުމަށް ފަހު ވަޑައިގެން އުޅުއްވަނީ އިންޑިއާގަ އެވެ. އުމުރުން 76 އަހަރުގެ ހަސީނާ ބަންގްލަދޭޝް ދޫކޮށް ވަޑައިގެން ފަހުން އާންމުންގެ ތެރެއިން އަދި ނުފެނެ އެވެ. އިންޑިއާއިން ހަސީނާއަށް ހިމާޔަތް ދޭތީ އެކަމުގެ ހިތްހަމަނުޖެހުން ބަންގްލާދޭޝްގައި އޮތް އިރު މިހާރު ވަނީ ހަސީނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ވެސް ކެންސަލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ