'ސިކަންދަރު'އިން ކުރިމަތިވި ނާކާމިޔާބީއަށްފަހު ސަލްމާންގެ އެނބުރިއައުން ވަރަށް ވަރުގަދަ
މި އަހަރުގެ މާޗް މަހު ރިލީޒްކުރި ފިލްމު "ސިކަންދަރު"އަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ސަލްމާންގެ ތަރި އޮއްސިއްޖެ ކަމަށް ގިނަ ބަޔަކު ބުނެފައި ވަނިކޮށް އެކްޓަރުގެ އާ ފިލްމުގެ ޕޯސްޓަރު ދައްކާލައިފިއެވެ. އަޕޫރުވާ ލާކިއާ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "ބެޓްލް އޮފް ގަލްވާން"ގެ ޕޯސްޓަރުގައި ސަލްމާން ފެންނަނީ އިހުނަށްވުރެ މާ ވަރުގަދަކޮށް ކަމަށާއި މިއީ ސަލްމާންގެ ދިގު ފިލްމީ ކެރިއަރު އިނދަޖެހިއްޖެ ކަމަށް ބުނި ގިނަ ބަޔަކަށް އެކްޓަރު ދިން ވަރުގަދަ ރައްދެއް ކަމަށް ފިލްމީ ރިޕޯޓުތައް ބުނެއެވެ. އިންޑިއާގެ ކުޅަދާނަ ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިންޑިއާސް މޯސްޓް ފިއަލެސް 3" ހާދިސާގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވަން ވޭލީގައި 2020 ވަނަ އަހަރު ހިނގި އަސްކަރީ ހަނގުރާމައިގެ ތާރީޚީ ހާދިސާ ކިޔައިދޭ ފިލްމެކެވެ. ފިލްމު "ސިކަންދަރު"ގެ ޕޯސްޓަރެއްގައި ސަލްމާން ޚާން--ފޮޓޯ/ސްޕޮޓްބޯއި އެ ހާދިސާގައި އިންޑިއާގެ އަސްކަރިއްޔާއިން ހަނގުރާމައިގެ މައިދާނުގެ ދެއްކި ހިތްވަރުގެ އަގު ވަޒަންކޮށް ތާރީޚުގައި އެ ވާހަކަ ލިޔެވިފައިވާއިރު މިއީ މިއަދުގެ ޒުވާނުންނަށް ކޮންމެހެންވެސް ކިޔައިދިނުން މުހިއްމު ވާހަކައެއް ކަމަށް ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. މި ފިލްމުގައި ސަލްމާން ޚާން ފެންނާނީ އިންޑިއާގެ އަސްކަރީ އޮފިސަރު ކޮލޮނަލް ބިކޫމައްލާ ސަންތޯޝް ބާބޫގެ ރޯލްއިންނެވެ. މި ހަނގުރާމައިގެ ކޮމާންޑިން އޮފިސަރުގެ ދައުރު އަދާކުރި އޮފިސަރު ކޮލޮނަލް ބިކޫމައްލާ ސަންތޯޝް ބާބޫގެ ރޯލަށް ފިޓު ވުމުގެ ގޮތުން ސަލްމާން ވަނީ ހަށިގަނޑުގެ ބަރުދަން ވަރަށް ބޮޑަށް ލުއިކޮށް ޚާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. އެހެންކަމުން އެހެން ފިލްމުތަކުގައި ފެންނަ ބިޔަ ހަށިގަނޑެއްގެ ވެރި ސަލްމާން މި ފިލްމުން ފެންނާނީ ވަރަށް ލޫޅާފަތިކޮށެވެ. މި ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު އަދި އިއުލާނު ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ