ހަނިމާދޫ އެއާޕޯޓު ވިއްކާލަން ނުވަތަ ކުއްޔަށް ދޭކަށް ވެސް ނޫޅެން: ސައީދު

މި ސަރުކާރުން އުޅެނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގުކުރައްވައިފި އެވެ.ބުރާސްފަތި ދުވަހުގެ ރޭ ޔާމީންގެ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ މިހާރު 88 ޕަސެންޓު މަސައްކަތް ނިމިފައިވާ ހަނިމާދޫ އެއާޕޯޓް، އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން ސަރުކާރުން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވާފައިވާއިރު، އެ ދަތުރުފުޅުގައި އަދާނީ ގުރޫޕުގެ ޗެއާމަން ގޯތަމް އަދާނީއާ ސަރުކާރުން ބައްދަލުކުރި ކަމަށް އެނގިފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިސް ބޭފުޅެއް ކަމަށްވާ، އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީގެ ކުންފުންޏަށް ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ އެތަން ބޭރު ބަޔަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން ވެސް ނޫޅޭ ކަމަށެވެ."ހަނިމާދޫ އެއާޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށް ބުނެ ފަތަރަމުންދާ ވާހަކަ އާއި، މިކަމާ ބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނު ދޮގެއް،" ސައީދު ލިޔުއްވާފައިވެ އެވެ.ގުޖުރާތަށް ނިސްބަތްވާ އަދާނީ އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީއަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ. އިންޑިއާގެ އިދިކޮޅު ލީޑަރު, ރާހޫލް ގާންދީ ވިދާޅުވާގޮތުގައި އަދާނީއަށް ހިމާޔަތް ދެނީ ސީދާ ބޮޑުވަޒީރު މޯދީއެވެ. މޯދީ އެހެން ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އަދަނީއަށް އެކިއެކި ޑީލްތައް ހޯދައި ދެއްވާ ކަމަށް ރާހުލް ތުހުމަތު ކުރައްވައެވެ.މި މަހު އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ 2019 ވަަ އަހަރު ކުރީ ސަރުކާރުގައި، އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންއެއްގެ ދަށުންނެވެ.ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިދިޔަ ހަފްތާގައި ވިދާޅުވި ގޮތުގައި އެ އެއާޕޯޓްގެ 88 ޕަސެންޓަށްވުރެ ބޮޑު ބައި ނިމިފައި ވާއިރު ހުރިހާ މަސައްކަތެއް ސެޕްޓެމްބަރު މަހަށް އެއްކޮށް ނިންމާލެވޭނެ އެވެ.މިނިސްޓަރު ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެއްކޮށް މިހާރު ނިމިއްޖެ އެވެ. އަދި ޕަސެންޖާ ޓާމިނަލުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި އެއާކްރާފްޓް މެއިންޓެއިނަންސް އަށް ހާއްސަ ސަރަހައްދާއި ކާގޯ ބިލްޑިންގެ 96 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ