ކަށީގެ ބަލިތައް ގިނަ، އެންސްޕާ އެހީ އެންމެ ގިނައީ އެކަަމަށް!
ދިވެހީންގެ ބޭސްފަރުވާގެ ކަންކަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭ ސަރުކާރުގެ އެޖެންސީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކަށީގެ ބަލިތަކަށް ކަމަށް އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާއިން ވަނީ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ހަމަޖައްސައިދެވުނު އެހީގެ ތަފްސީލު އާންމުކޮށްފައެވެ. އެ ތަފާސް ހިސާބުތަކަށް ބަލާއިރު، 22 ބާވަތެއްގެ ބައްޔަކަށް ޖުމްލަ 1،323 ކޭހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނައީ، ކަށީގެ ބަލިތަކުގެ ކޭސްތަކެވެ. އެގޮތުން ކަށީގެ ބަލިތަކުގެ 147 ކޭހަކަށް އެހީތެރިކަން ފޯރުކޮށްދިނެވެ. ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ މީހުންނަށް ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އެހީ ހޯދި ގޮތަށް ބަލާއިރު ވެސް ކަށީގެ ބަލިތަކުގެ ފަރުވާއަށް އެހީ ހޯދި ނިސްބަތް ގިނައެވެ. އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން އެންމެ ގިނަ ބަޔަކު ފަރުވާ ހޯދީ ކަށީގެ ބަލިތަކަށް ކަމަށްވާއިރު، ޖުމްލަ 53 ކޭހަކަށް ޖުމްލަ 1،221،484.69 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. https://x.com/NSPAmaldives/status/1939690085190189464 މި ޕްރޮގްރާމުގެ ދަށުން އޭޑީކޭ ހޮސްޕިޓަލުން ކަށީގެ ބަލިތަކާ ގުޅޭ 27 ކޭހަކަށް، ޖުމްލަ 432،119.03 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ އޭޑީކޭގައި އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ދިން އެހީގައި، ތިންވަނައަށް އެންމެ ގިނަ އަދަދެވެ. ކަށީގެ ބަލިތައް ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އާންމުކަން މި ހިސާބުތަކުން ހާމަވެއެވެ. ކަށީގެ ބަލިތަކުގައި، ގިނަ އަދަދެއްގެ ދިވެހީން ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ވެސް ގޮސް އުޅެއެވެ. މިއީ ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ކަމަކަށްވާއިރު އެ ކަމުން ރައްކާތެރިވުމަށް ދުޅަހެޔޮ އާދަތަކުގައި ހިފުން މުހިންމުކަމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ