މިތުރާ ގަޔާވެލީ... 24

ނައީމު ނަޖާތުގެ މޫނުމަތީގައި ޖެހިޖެހީނުން ގޮނޑިއާއިއެކު ތިރިއަށް ވައްޓައިލިއެވެ. ކަންފަތްމަތީގައި ޖެހުނުލެއްބާރުކަމުން ނަޖާތުގެ ކަންފަތް ބައްވިއެވެ. ކަންފަތް ފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ. ނައީމު ދެންވެސް ހުއްޓައެއް ނުލައެވެ. ނަޖާތުގެ މޫނާއި ބަނޑުގައި ފައިން ތެޅިއެވެ. ހަމަހޭވެރިކަން ނެތެމުންދިޔަ ވަގުތު ނަޖާތަށް ފެނުނީ ގޭގެ ދޮރު ވެއްޓުނު ތަނެވެ. ކޮންމެވެސް މީހަކު ނަޖާތާއި ދިމާއަށް ދުވެފައި އައިތަން އޭނާއަށް ފެނުނެވެ. ނަޖާތުގެ ދެލޯ މެރުނެވެ. އޭރު މުޅި ތަނުގައި ލޭގެ ކޯރެއް ހެދެމުން ދިޔައެވެ. ******** "ނަޖާތު!..." ޔަޒްދާން ނަޖާތުގެ ކައިރިއަށް ތިރިވިއެވެ. "ހިތްވަރުކޮށްލާފަ، ލޯ ހުޅުވާލަބަލަ..." ޔަޒްދާން ނަޖާތުގެ ދެކޮލުގައި ހިފައި ތަޅުވައިލިއެވެ. ނަޖާތުގެ ގައިގައި އެއްވެސް ހަރަކާތެއް ނެތެވެ. މެރިފައިވާ ދެލޮލުގެ ހިމަކޮޅުން އެސްފިޔަތައް ފޫދުއްވާލާފައި އައި ކަރުނަތައް ފޭބީ ލެޔާއި އެކުވެގެންނެވެ. އެ ކަރުނަތައްވެސް ނަޖާތުގެ ގައިގައި އަޅަމުންދިޔަ ވޭނަށް، ކެތްނުވެގެން އެހަށިގަނޑު ދޫކުރިފަދައެވެ. ނަޖާތުގެ އޮމާން މޫނުގައި އެތައް ޒަހަމެއްގެ އަސަރުވިއެވެ. އެ ޒަހަމުތަކުގައި އަޅާނޭ ވޭން ޔަޒްދާނަށް އިހުސާސް ކުރެވުނެވެ. ޔަޒްދާންގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވިއެވެ. ހިތާމައާއި ރުޅިވެރިކަން އެކުވުމުން، އެ ދެލޮލުގައިވި ވިދުން ތަފާތުވިއެވެ. ޔަޒްދާން ބެލީ ނަޖާތު ނޭވާލާތޯއެވެ. ނަޖާތާއި ދިމާއަށް ކުޑަކޮށް ގުދުވެލި ޔަޒްދާންއަށް ފަހަތުގައި ރޭވެމުންދިޔަ އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ. އެވަގުތަށް އެކަމެއް ބެލުމަށްވުރެ ނަޖާތުގެ ފުރާނަ ހުރިނަމަ، އެ ފުރާނަ ސަލާމަތްކުރުން ޔަޒްދާނަށް މާ މުހިއްމުވިއެވެ. "ހަލޯ... ކޮބާ އަދިވެސް..." ޔަޒްދާން އިނީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. ނައީމު ހުރީ ފުރުސަތަކަށް ބަލަބަލައެވެ. ހުށިޔާރުކަމާއިއެކު ފަހަތުން ގޮސް، އިށީނދެގެން އިން ޔަޒްދާންގެ ކަނދުރާމަތީގައި ދަނޑިން ޖެހިއެވެ. ފޯނު މާދުރަށް ވިއްސައިގެން ދިޔައެވެ. ވީތަދުން ޔަޒްދާންއަށް ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. ތެދުވާނެ ހިތްވަރުވެސް ނެތިފައި ޔަޒްދާން އިންދާ ނައީމުގެ ދެވަނަ ހަމަލާ ޔަޒްދާންގެ ބުރަކަށްޓަށް އަމާޒުވިއެވެ. އެ ހަމަލާ ކުރިއަށްވުރެ ބާރެވެ. ނައީމު އެހާ ކުއްލި ހަމަލާއެއް ދީފާނެކަމަށް ވިސްނާލެވޭވަރަށްވުރެ، ނަޖާތުގެ ހާލު ފެނުމުން، ޔަޒްދާން އިނީ ހާސްވެފައެވެ. "އަނެއްކާވެސް އަހަންނަށް ހުރަސްއަޅަނީ؟... މިފަހަރުވެސް ކަލޭ...." ނައީމުގެ އަޑުގައިވީ ރުޅިވެރިކަމެވެ. "ކަލޭގެ ކަންތައް މިހާރު ވަރަށް ބޮޑުވެއްޖެ... އަދިވެސް ނޭނގޭތަ އަހަންނަކީ ކޮންމެ ކަމެއްވެސް ކޮށްފާނެ މީހެއްކަން..." "އަމިއްލައަށް އަލިފާނަށް ވެއްޓެން ބޭނުންތަ؟... އަހަންނަކީ އަދި މާ ނުރައްކާ މީހެއް..." ފެނުނީ ޔަޒްދާންގެ ޖެހިލުންކުޑަކަމެވެ. އެހާލުގައިވެސް ތެދުވެ، ނައީމާއި ކުރިމަތިލިއެވެ. "އެއްފަހަރު ސަލާމަތްވެވުނީމަވެސް، އެއްޗެއް ވިސްނޭކަށް ނޫޅޭދޯ..." ނައީމު ވާހަކަދެއްކީ މަލާމާތުގެ ރާގަކަށެވެ. "ތި ދަނޑި އެއްލާލާފަ ނިކަން އަހަންނާ ކުރިމަތިލާބަލަ... ކާކުތޯ ވަރުގަދައީ އެނގިދާނެތާ..." ޔަޒްދާން މަލާމާތުގެ ގޮތަކަށް ހީލިއެވެ. "ވާހަކަ ނުދައްކާ!..." ނައީމު އަމުރުކުރިއެވެ. ޔަޒްދާންގެ ހިނިތުންވުން ފެނި ނައީމުގެ ހިއްސުތަކުގައި ހުޅު ރޯވިއެވެ. ރުޅިގަދަވެގެން މުޅި މީހާ ތުރުތުރުއަޅަން ފެށިއެވެ. އެއްވެސް މީހަކު ނައީމާއި ޖަދަލުކުރުމަކީ ނައީމަށް ހަޖަމުކުރެވޭވަރުގެ ކަމަކަށް ނުވެއެވެ. އަނެއްކޮޅުން، ބޯ ފަޅައިގެން ގޮސް، ބޮލުން ލޭ އަންނަމުދިޔަ އިރުވެސް ޔަޒްދާން ހުރީ ނައީމުގެ ކުރިމަތީގައި ސާބިތުވެ ކޮޅަށެވެ. އެ މަންޒަރުން އެކަނިވެސް، ނައީމުގެ ހިތަށް ޖެހިލުންވުމުގެ އަސަރު ވަނެވެ. "ބުނެބަލަ... މިއަދާ ހަމައަށް އައިއިރު، ކަލޭގެ އެއްވެސް މަގުސަދެއް ހާސިލުވިތަ؟ އަހަރެންގެ ގެއަށްވަދެ އަހަރެން މަރާލެވުނުތަ؟... ފުރާނަ ގެންދަވާނީ ވަކި ފަރާތަކުން... އެމީހެއްގެ އަޖަލު ޖެހުނީމަ.... ތިކަހަލަ ކިތަންމެ ނައީމެއް މީހެއްގެ ފުރާނަ ނަގާލަން މަސައްކަތްކުރިޔަސް، ފުރާނައިގެ ވެރިފަރާތުން އެކަމަށް އިރާދަނުކުރައްވާހާ ހިނދަކު އެކަމެއް ނުވާނެ... ވަރަށް ރީތިކޮށް މިބުނަނީ... ޓާން ޔުއަރ ސެލްފް އިން..." ޔަޒްދާން އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލިއެވެ. ނައީމަށް ވަމުންދިޔަ ގޮތް ފެނި ޔަޒްދާނަށް އިތުރު ހިތްވަރެއް ލިބުނެވެ. "އަހަރެން މިތަނަށް ގެންނަން ބޭނުންވި މީހާ ނާންނަހާ ހިނދަކު މިކަމެއް ނުހުއްޓާނަން... ކަލޭ ކައިރިއަކު ނުބުނަމެއްނު މިތަނަށް އަންނާކަށް..." ނައީމު ހަޅޭއްލަވައިގަތެވެ. "ނުބެހޭ ކަންކަމާ ދުރުގަ ހުރޭ!..." "ޖަޒްލީ މަރާލިހެން އަހަރެން މަރައެއް ނުލެވޭނެ..." ޔަޒްދާންއަށް ލިބިފައިހުރީ އާދައިގެ ހިތްވަރެއް ނޫނެވެ. ނައީމުގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ. ކުޑަކޮށް ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. މާޒީގެ ފުނުގައި ފަސްލައި ފޮރުވާފައިވާ ބޮޑު ސިއްރެއް ޔަޒްދާން ކޮނެގެން ނެގީ ކިހިނެއް، ކޮންއިރަކު ހެއްޔެވެ؟ ނައީމު ހުރިހާ ކަމެއް ނިންމީ ވައިރޯޅިއަކަށްވެސް އެނގުމެއްނުވާހާ ސިއްރުން، ހަމަ އެހާމެ ފުރިހަމައަށެވެ. ވީއިރު، އެތައް ދުވަހެއް ފަހުން އެ ސިއްރު ހޯދުމުގައި ޔަޒްދާނަށް ކާމިޔާބު ލިބުނީ ކިހިނެއް ހެއްޔެވެ؟ "ތިދައްކާ ވާހަކައެއް އަހަންނަކަށް ނޭނގެ..." ނައީމަށް ބުނެވުނެވެ. ޔަޒްދާންގެ ހަބަރެއްނުވެ ގިނައިރުވުމުން، ރޫބީ ހާސްވިއެވެ. ބޭރުގައި ހުންނަން ޔަޒްދާން އަމުރުކުރި ނަމަވެސް، އެތެރެއަށް ނުވަދެއެއް ނުހުރެވުނެވެ. "ކިޑްނެޕިންގް ކޭސަސް ޓްވެންޓީ އިޔަރސް އެގޯ..." ޔަޒްދާން އެއްޗެއް ބުނަން އުޅުނެވެ. "ނަޖާ!..." ނަޖާތު ފެނުމުން، ރޫބީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. "ޑޯންޓް...." ޔަޒްދާން އުޅުނީ ރޫބީ ހުއްޓުވާށެވެ. ޔަޒްދާންގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން ރޫބީ އިނީ ނަޖާތުގެ ކައިރިއަށް ތިރިވެއެވެ. އެފަދަ ހާލެއްގައި ނަޖާތު އޮންނަތަން ބަލަން ރޫބީއަށް ދުރުގައި ކެތްވާނީ ކިހިނެއް ހެއްޔެވެ؟ ވަގުތަކީ ނައީމުގެ ދެވަނަ ހަމަލާ ޔަޒްދާންގެ ބޮލަށް އަމާޒުކުރި ވަގުތެވެ. ޔަޒްދާން ބަންޑުންވާހެން ވެއްޓުނެވެ. މުޅި ތަން ހީވީ އެނބުރިގަތް ހެންނެވެ. އެފަހަރު ތެދުވާނެ ހިތްވަރެއް ޔަޒްދާނަކަށް ނުލިބުނެވެ. ރޫބީ ނަޖާތުގެ ބޯ އުފުލާލައި އުނގުމަތީގައި ބޭއްވިއެވެ. ލެއިން ތަތްތެޅިފައިވާ ނަޖާތު ފެނުމުން، ރޫބީގެ ހިތަށް ކޮށްފައިވީ ފުން އަސަރެކެވެ. ވަށައިގެން ހިނގަމުންދިޔަ އެއްވެސް ކަމަކަށް ސަމާލުކަންދެވޭ ވަރަށްވުރެ ރޫބީގެ ހާލު ބޮޑެވެ. "ނަ..ޖާ ޕް..ލީ..ޒް..." ރޮވޭވަރުން ރޫބީއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ނަޖާތުގެ ހަރަކާތް ވަނީ ކެނޑިފައެވެ. ނޭވާލާކަމެއްވެސް ރޫބީއަކަށް ޔަގީނެއް ނުވިއެވެ. ނޭފަތުންނާއި އަނގައިން އަންނަމުންދިޔަ ލޭ މަނާކުރަން ރޫބީ ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ރޫބީ ލައިގެން އިން ހެދުން ލެއިން ތެމި ފޯވަމުން ދިޔައެވެ. "މީހެކޭ!... މީހެކޭ!..." ރޫބީ މަސައްކަތްކުރީ ބާރަށް ހަޅޭއްލަވާށެވެ. "އެކަކަށްވެސް ތިއަޑެއް ނީވޭނެ..." ރޫބީގެ ހަރަކާތްތަކަށް ބަލަން ހުރި ނައީމު، އަތުގައި އޮތް ދަނޑި މުށިތަކުގެ މަތީގައި ކާއްތަމުން، ރޫބީއާއި ދިމާއަށް ދިޔައެވެ. ކަރުނައިން ފުރިބާރުވެފައިވާ ދެލޮލުން ނައީމާއި ދިމާއަށް ބަލައިލިއިރު، ރޫބީގެ ދެލޮލުގައި އަނދަމުން ދިޔައީ ނަފުރަތުގެ އަލިފާނެވެ. ޖެހިލުންވުމުގެ އަސަރެއް އެމޫނުގައި ނުވެއެވެ. "ނަޖާތުގެ ފުރާނަ ސަލާމަތްކުރަން ބޭނުންތަ؟..." ރޫބީއާއި އަރާ ހަމަވެފައި ނައީމު ކުޑަކޮށް ގުދުވެލިއެވެ. ރޫބީގެ ދަތްދޮޅީގައި ދަނޑި ޖައްސައި، ނައީމާއި ދިމާއަށްވާހެން މޫނު އުފުލައިލިއެވެ. "މިތިބަ ދެމީހުންގެ ފުރާނަވެސް ރޫބީއަށް ސަލާމަތްކޮށްދެވިދާނެ..." ރޫބީ އައި ރުޅިން ނައީމުގެ އަތުގައި އޮތް ދަނޑީގައި އަތުން ޖަހައި ދުރަށް ހޫރައިލިއެވެ. ނައީމުގެ ދަތްތަކަށް ބާރުވިއެވެ. ރޫބީއާއި ދިމާއަށް އަތް މަޅައިލާފައިވެސް ތިރިކޮށްލިއެވެ. ގަދަކަމުން ހިނިތުންވެލިއެވެ. "އޯކޭ އޯކޭ އޯކޭ..." ނައީމު ހަމަޖެހިލަން މަސައްކަތް ކުރަމުން ފުންކޮށް ދެތިން ނޭވާ ލިއެވެ. "ތީ އަހަރެން ވަރަށް ލޯބިވާ ކުއްޖެއްވީމަ، އަދި އެއް ފުރުސަތު ދީފާނަން..." ނައީމު ދަނޑި ހިފައިގެން އެނބުރި އައިސް، ރޫބީގެ ކައިރީގައި ހުއްޓުނެވެ. "ވަގުތެއް ނެތް އިނގޭ... އަހަންނާއެކީ ހިނގާ... މިހާރުވެސް އަހަރެންގެ އެންމެ އިޝާރާތަކަށް އެންބިއުލާންސް އަންނާނެ... ނަޖާތަށް ފަރުވާ ލިބެން ފަށާނެ... އަދި އެސޮރަށްވެސް... ނުފެނޭތަ ނަޖާތަކީ ރޫބީގެ ހަމައެކަނި އާއިލާ... ބަލާބަލަ އެއޮތީ ހާދަ ކްރިޓިކަލް ހާލަތެއްގައޭ..." ނައީމު މަސައްކަތްކުރީ ރޫބީގެ ސިކުނޑިއާއި ކުޅެލާށެވެ. "ތީ އިންސާނެއްގެ ސިފައިގަ ހުރި ނުބައި ނުލަފާ ފުރޭތައެއް..." ރޫބީ ހަޅޭއްލަވައިގަތެވެ. ނައީމުގެ ތުންފަތުގައިވި ހިނިތުންވުން ގެއްލުނެވެ. ދެބުމަ ގޮށްޖަހިލަމުން ރޫބީއަށް ބަލައިލިއިރު، އޭނާގެ ނޭވާ ވަނީ އަވަސްވެފައެވެ. "އަދި އެއްފަހަރު ތިހެން ބުނެބަލަ!..." ނައީމު ކުރިއަށްޖެހިލިއެވެ. "ހީވަނީތަ ރޫބީވީމަ، އަހަންނަށް ކަމެއް ކުރަން ނުކެރޭނެއޭ؟..." "ތީ ފުރޭތައެކޭ މިބުނީ..." ރޫބީ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. "މިހާރު ތި އަހަންނަށް މަޖުބޫރުކުރަނީ އިނގޭ..." ނައީމު ދަނޑި މަޅައިލިއެވެ. ރޫބީ ދެލޯ މަރައި ބާރުކޮށްލިއެވެ. ފަހަތުން މީހަކު ދަނޑީގައި ހިފެހެއްޓިއެވެ. އެމީހަކު ހަލުވިކަމާއިއެކު، ނައީމުގެ އަތުގައި އޮތް ދަނޑި އަތުލައި، މޭގައި ފައިން ޖަހައި ދުރަށް ކޮށްޕައިލިއެވެ. ވެއްޓުނުގޮތުން ގުޑިވެސްނުލެވިފައި ނައީމު އޮތެވެ. ބިންމަތީގައި ކޭއްތެމުން ކަހަލަ ގޮތަކަށް ނައީމު ދޮރާއި ދިމާއަށް ދިޔައެވެ. ވަކި ހިސާބަކަށް ގޮސްފައި ތެދުވިއެވެ. ކޮރުޖަހަމުން ކަހަލަ ގޮތަކަށް ބޭރަށް ނުކުންނަން ދުއްވައިގަތެވެ. ނައީމާއި ދިމާއަށް ބަލަންހުރި ޔަޒްދާން އެދިމާއަށް ދާން އުޅެފައިވެސް ހުއްޓުނެވެ. އެވަގުތަށް އެންމެ މުހިއްމީ، ނަޖާތުގެ ފުރާނަ ސަލާމަތްކުރުމެވެ. "ޔަޒް...ދާ..ން..." ރޫބީއަށް ރޮވުނީއެވެ. "އިޓްސް އޯކޭ... އައި އޭމް ހިއަރ..." ޔަޒްދާން ރޫބީގެ ކައިރިއަށް ތިރިވެފައި ކޮނޑުގައި މަޑުމަޑުން ފިރުމައިލިއެވެ. "ނަޖާ... ނަޖާ ނޭ...ވާ..އެއް...ނުލާ..." ރޫބީ ނަޖާތުގެ ގައިގައި ހިފައި ތަޅުވަން ފެށިއެވެ. "ރޫބީ ހަމަޖެހިލާ..." ޔަޒްދާން ރޫބީ ހުއްޓުވިއެވެ. "އިރާދަކުރެއްވިއްޔާ، ނަޖާތަށް އެއްވެސް ކަމެއް ނުވާނެ... ވިންދުވެސް އެބަހުރި... ކުޑައިރުކޮޅެއްތެރޭ އެންބިއުލާންސްވެސް އަންނާނެ..." ******** "އަހަރެން އެބަ ވަރަށް ހާސްވޭ!... ކޮންމެވެސް ބޮޑު ކަމެއް ވެއްޖެހެން ހީވަނީ..." ބޭރަށް ދާން ތައްޔާރުވެލައިގެން ހުރި ފަލާހާ ނާޝިޒްގެ އަތުގެ މުލައްދަނޑީގައި ހިފައިލިއެވެ. "ބޮޑުކަމެއް ހައްލުވާން އުޅޭތީ ހީވާގޮތެކޭ ތީ..." ނާޝިޒް މަސައްކަތްކުރީ ފަލާހާ ހަމައަކަށް އަޅުވާށެވެ. "އެތައް އަހަރެއްވީއިރުވެސް ނުވެ އޮތް ކަމެއް މިވަނީ..." "އެބަ ގުޅާ!..." ނާޝިޒަށް ފޯނު ދައްކައިލަމުން ފަލާހާ ބުނެލިއެވެ. "މިއަދު ކުޑަ ކަމެއް ދިމާވެގެން ގެއަކު ނޫން މިއުޅެނީ.. މާދަމާއަށް ލަސްކޮށްލެވިދާނެތަ؟..." ޔަޒްދާން ވާހަކަ ދެއްކީ ލަސްލަހުންނެވެ. ފަލާހާގެ އުފާވެރިކަން ގެއްލުނެވެ. ވަގުތުން ހިނިތުންވުން ފިލައި ދިޔައެވެ. ނާޝިޒްގެ އަތަށް ފޯނު ދީފައި އެނބުރި ކޮޓަރިއަށް ވަނެވެ. ޔަޒްދާން ގަސްދުގައި ފަލާހާއާއި ބައްދަލުކުރަން ބޭނުންނުވީ ކަމުގައި އޭނާ ނިންމިއެވެ. "ރަނގަޅުވާނެ... ޔަޒްދާން ފްރީވާ ގަޑިއަކުން ހަބަރެއްވެލާ... މިއަދުވިޔަސް އޯކޭ.." ނާޝިޒް ފޯނު ކަނޑައިލާފައި ފަލާހާގެ ފަހަތުން ދިޔައެވެ. "އޭނަ ގަސްދުގައޭ އެހެން އެ ހަދަނީ... ބޭނުމެއް ނުވޭ އަހަރެމެންނާ ގުޅުން ބަދަހިކުރާކަށް..." ފަލާހާގެ ދެލޮލުގައި ވިދަންފެށި ކަރުނަތައް ނާޝިޒް ފެނުމާއިއެކު ތިރިއަށް ފައިބައިގަތެވެ. "ބޮޑުކަމެއް ދިމާވީ ކަމަށޭ ވާނީ..." ނާޝިޒް މަސައްކަތްކުރީ ފަލާހާއަށް ވިސްނައިދެވޭތޯއެވެ. "ދެން ކީއްކުރަން ކުރިން މިއަދު ބައްދަލުކުރަން އެއްބަސްވީ؟'' ފަލާހާ ކަރުނަތައް ފޮހެމުން ގޮސް އެނދުގައި އިށީނެވެ. "އަހަރެމެން ތައްޔާރުވެގެން ނުކުތީމައެއް ނޫނެއްނު ބުނާނީ..." ޔަޒްދާން އޮތީ ހޮސްޕިޓަލުގައެވެ. އަތަށް އައިވީއެއް ގުޅާފައި އޮތެވެ. ބޮލުގައި އަޅާފައިވާ ބެންޑޭޖްގަނޑުން ބޯ އެއްކޮށް އޮތީ ފޮރުވިފައެވެ. ޔަޒްދާންގެ ކައިރީގައި ރޫބީ ހުރިނަމަވެސް، ދޭތެރެއަކުން އަވަސް ފަރުވާދޭ ބައިގެ ކައިރިއަށް ދެއެވެ. ނަޖާތުގެ ހަބަރެއް ނުވެގެން ނަރުސްކުދިންގެ ކައިރީގައި އެހި ނަމަވެސް ރޫބީއަށް މާބޮޑު މައުލޫމާތެއް ލިބޭގޮތެއްނުވިއެވެ. ******** ރޫބީގެ މޭޒާއި ދިމާއަށް ބަލަން ހުރި އިކާންއަށް ފޯނަށް ބެލުނު އަދަދު ނޭނގުނެވެ. ހެނދުނު ރޫބީއަށް ކުރި މެސެޖުގެ ޖަވާބު ނުލިބޭތީ އިކާންއަށް އެހެން ކަމަކަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. ރޫބީ އޮފީހަށް ނައީ ކީއްވެ ހެއްޔެވެ؟ ނިދުނީ ހެއްޔެވެ؟ ވަކި އެއްޗެއް ނާންގާ ރޫބީ ހުންނާނީ ކޮންމެވެސް ބޮޑު ސަބަބެއް މެދުވެރިވީމައެވެ. ރޫބީއަށް ގުޅަން އުޅެފައިވެސް އިކާނަކަށް ހިތްވަރެއް ނުލިބުނެވެ. ރޫބީ ނިދާފައި އޮއްވައި ގުޅައިގެން އުނދަގޫވެދާނެހެން ހީވުމުންނެވެ. ކެބިންއާއި ދިމާއަށް އައި ނިޝްރީން ފެނުމުން، އިކާން އަވަހަށް ގޮސް ގޮނޑީގައި އިށީނެވެ. ކޮންޕިއުޓަރަށް ނަޒަރު ހިންގައިލިއެވެ. "ސައިންކޮށްލަންޖެހޭ ޑޮކިޔުމަންޓްތަކެއް..." މޭޒުމަތީގައި ފައިލެއް ބާއްވަމުން ނިޝްރީން ބުނެލިއެވެ. "މިއަދު ރޫބީ ކޮބާ؟... ވަކި އެއްޗެއް އެންގިތަ؟..." އިކާނަށް ރޫބީގެ ވާހަކަ ނާހާ ނީނދެވުނެވެ. "ވަކި އެއްޗެއް ނާންގާ.. އަޅުގަނޑު ގުޅަންވެސް މަސައްކަތްކޮށްފިން... ފޯނުވެސް އޮތީ ނިވާލާފަ..." ނިޝްރީން އިތުރު ތަފްސީލް ދިނެވެ. އިކާންގެ ހިތް ނުތަނަވަސްވިއެވެ. އަނެއްކާ ރޫބީއަށް ކަމެއްވީ ހެއްޔެވެ؟ ނޫނީ ފޯނު ޗާޖުގޮސްގެން ނިވުނީ ހެއްޔެވެ؟ އިކާން ނިންމީ ރޫބީއަށް ނިދުނީ ކަމަށެވެ. "އަޅުގަނޑު... ވާހަކައެއް..." އިކާން ސޮއިކުރި ލިޔުންތައް ހިފައިގެން ދާން އެނބުރިފައިވެސް ނިޝްރީން ހުއްޓުނެވެ. "ޔެސް... ޓެލް މީ..." އިކާން ގަލަން ބާއްވާފައި ނިޝްރީނަށް ނަޒަރު ހުއްޓައިލިއެވެ. "ވަރަށް ދުވަސްވެއްޖެ މިވާހަކަ ބުނަން ބޭނުންވެގެން... އެކަމަކު... ސޮރީ މިހާ ދުވަހު...." ނިޝްރީން ހުރީ ވާހަކަ ފަށާނެކޮޅެއް ނޭނގިފައެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ