އިގްތިސާދު މިހާރު އޮތް ހާލަތަށް ގެނެސްދީފައިވާތީ ރައީސް މުހައްމަދު މުއިއްޒަށް ޝުކުރު އަދާ ކުރަންޖެހޭ ކަމަށް ވެރިކަން ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ޑޮލަރުގެ އަގު ބޮޑުވާތީ އިދިކޮޅު މެންބަރުން އެކަމަށް ފާޑުކިޔުމުން އެއަށް ރައްދު ދީ ފަލާހު ވިދާޅުވީ ޑޮލަރުގެ އަގުބޮޑުވީ ވެސް ކުރީ ސަރުކާރާ ހެދި ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އިގްތިސާދީ ހާލަތު ވަރަށް ގޯސް ކަމަށާއި އަދުގެ ހާލަތަށް އިގްތިސާދު ގެނެސްދިނީތީ ރައީސްއަށް ޝުކުރު އަދާ ކުރަންޖެހޭ ކަމަށެވެ.
"މިއަދު މިއޮތް އިގުތިސާދީ ހާލަތު މިހާ ހިސާބަށް ގެނެސްދިން ކަމަށްޓަކައި މިއަދުގެ ސަރުކާރަށް، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑުމެން ފަށްފަށުން ޝުކުރު އަދާކުރަން ޖެހޭ. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދައުލަތާ ހަވާލުވިއިރު މި ދައުލަތް އޮތް ހާލަތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އިދިކޮޅު ފަރާތްތަކަށް، އެމްޑީޕީއަށް،" އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވައި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޑޮލަރުގެ އަގު ހުރީ 18.30 ރުފިޔާގަ އެވެ. އެކަމަކު މިއަދު ޑޮލަރެއް ލިބެނީ 20.05 ރުފިޔާގަ އެވެ. ނަމަވެސް ފަލާހު ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވާ މައްސަލައިގެ ޒިންމާ ވެސް ނަގަންޖެހޭނީ އެމްޑީޕީއިން ކަމަށެވެ.
"ޑޮލަރު ރޭޓަށް އައިސްގެން މި އުޅޭ ބަދަލު، މިއަދު އައިސްފައި މިއޮތީ ކިހިނެއް ކަމެއް އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށް. އެ ބޭފުޅުން ކުރެއްވި ވައްކަންތަކާއި، އެ ބޭފުޅުން ވައްކަމުން ނެގި ފައިސާ ވެސް އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށް،" ފަލާހު ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލަ ވަރަށް އަވަހަށް ހައްލު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވެސް އޮތީ ވިދާޅުވެފަ އެވެ. ޑޮލަރުގެ އަގު ދެން ބޮޑުނުވާނެ ކަމަށް ވެސް އޭޕްރީލް، 2024، ރައީސް އޮތީ ވިދާޅުވެފަ އެވެ.
"ޑޮލަރުގެ އަގު މިހާރު ނާރާނެ މައްޗަކަށް. ނާރާނެ މައްޗަކަށް. ހިފެހެއްޓިފަ، ތިރިއަށް އެ ދަނީ. ކުރިއަށްވުރެ ދަށަށް އެ ދަނީ. ފައިސާގެ އަގު އެ ދަނީ މައްޗަށް،" އޭޕްރީލް 18، 2024، ގައި ރައީސް ވިދާޅުވި އެވެ.
އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރެއް ގަންނަން ލިބޭ އަގު 20ރ. އަށް އަރާފައިވާއިރު، މި އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ 37 ޕަސެންޓު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން އެނގެ އެވެ.
މިހާރުގެ ހާލަތަށް އިގްތިސާދު ގެނެސްދިނުމުން ފަލާހުގެ ޝުކުރު ރައީސް މުއިއްޒަށް މިހާރުގެ ހާލަތަށް އިގްތިސާދު ގެނެސްދިނުމުން ފަލާހުގެ ޝުކުރު ރައީސް މުއިއްޒަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ