އެއާޕޯޓް ހުޅުވަން ޑްރޯން ޝޯ ބާއްވަނީ ފަސް ރަށުގައި ފެނާއި ނަރުދަމާ އެޅޭ އަގަށް: ގަޕޯ އެއާޕޯޓް ހުޅުވަން ޑްރޯން ޝޯ ބާއްވަނީ ފަސް ރަށުގައި ފެނާއި ނަރުދަމާ އެޅޭ އަގަށް: ގަޕޯ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލް ހުޅުވުމަށް ޖުލައި 26، ގައި ބާއްވާ ރަސްމިއްޔާތުގައި ޑްރޯން ޝޯއެއް ސަރުކާރުން ބާއްވަނީ ފަސް ރަށުގެ ފެނާއި ނަރުދަމާ އެޅޭ އަގަށް ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޓްރޭޑްމާކް ބިލަށް ބަހުސް ކުރައްވަމުން ގަޕޯ ވިދާޅުވީ ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމަށް އެއް ގަޑިއިރުގެ ޑްރޯން ޝޯއެއް ސަރުކާރުން ބާއްވަނީ 6.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކަމަށްވާއިރު އެއީ ފަސް ރަށުގެ ފެނާއި ނަރުދަމާ އެޅޭނެ ފައިސާ ކަމަށެވެ.
"އެހެންވީމާ ބިލުގެ މައުލޫއަކީ، 6.5 ޑޮލަރު ހަރަދު ކުރީމައި 130 މިލިއަން ރުފިޔާ އޭ އެއީ. އެއީ ފަސް ރަށުގައި ފެނާއި ނަރުދަމާ އަޅާނެ ލާރިއޭ،" އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަށް ޑޮކްޓަރުންނާއި އެތަނަށް ބޭނުންވާ ބޭސް ނެތުމުން އެކަން ނުކޮށްދެވޭ ހާލު، ފައިސާ ނެތް ކަމަށް ބުނެ ސަރުކާރުން ބޭކާރު ހަރަދު ކުރަމުންދާ ކަމަށް ވިދާޅުވެ ގަޕޯ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ޑްރޯން ޝޯ ބޭއްވުމަށް ރައްޔިތުންގެ ފައިސާ އިސްރާފުކޮށް ބޮޑު ހަރަދު ނުކުރަން އިލްތިމާސް ކުރައްވާ ގަޕޯ ވިދާޅުވީ ޔޫރަޕުގެ ގައުމުތަކުގައި ވެސް އެފަދަ ރަސްމިއްޔާތަކަށް ބޮޑު ހަރަދެއް ނުކުރާނެ ކަމަށެވެ.
"ކީއްވެގެންހޭ ލާރި ނެތް ވާހަކަ ދައްކާފައި ބޭކާރު ހަރަދު މި ކުރަނީ. މިއީ ޔޫރަޕުގެ ގައުމެއްގައި ވެސް މިކަހަލަ މުނާސަބަތެއް ފާހަގަކުރަން އެއް ގަޑިއިރަށް ހަރަދު ކުރާނެ ފައިސާހެއްޔޭ؟ އެކަން ނުކުރާށޭ އަޅުގަނޑުމެން މި ބުނަނީ. ރައްޔިތުންގެ ފައިސާ ވޭސްޓް ނުކުރާށޭ،" އޭނާ ވިދާޅުވި އެވެ.
މިނިވަން ދުވަހުގެ ރޭ ބާއްވާ ޑްރޯން ޝޯގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޫނު ދައްކާ ކަމަށް ސޯޝަލް މީޑިއާގައި އަދި ތުންތުން މަތިން ވެސް ވާހަކަދެކެވިފައިވެ އެވެ. ވީއައިއޭ ހިންގާ އެމްއޭސީއެލް އިން އެކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
އެއާޕޯޓު ހުޅުވަން ބާއްވާ ރަސްމިއްޔާތަށް އެތަން ޒީނަތްތެރި ކުރުމަށް އަދި ރަސްމިއްޔާތުގެ ތެރެއިން އެކި ކަންކަން ކުރުމާއި އެހެނިހެން އިންތިޒާމުތަކަށް 100 މިލިއަނެއްހާ ރުފިޔާ ހަރަދުކުރާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ. އެ ތުހުމަތުތަކާ ގުޅޭގޮތުން ވެސް އެމްއޭސީއެލް އިން ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑު ހަރަދުކޮށް ޖުލައި 26، ގައި ހުޅުވަނީ ޓާމިނަލުގެ އެއްބަޔެވެ. މުޅި ޓާމިނަލް އޮޕަރޭޝަނެއް ގެނެވޭނެ ކަމަށް ސަރުކާރުން ލަފާކުރަނީ މި އަހަރުގެ ޓޫރިޒަމް ހައި ސީޒަނަށެވެ.
ޕެސެންޖާ ޓާމިނަލް ހިމެނޭ ގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ