އަންނަ ހޮނިހިރު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ހިންގާ ހަރަކާތްތަކާ ގުޅިގެން އަންނަ ހޮނިހިރު ދުވަހުގެ ހަވީރު މާލޭގެ މަގުމަތީގައި ވެހިކަލް ދުއްވުން މަނާކުރަން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ގަރާރެއްގައި ވަނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު މާލޭގެ މަގުމަތީގައި ކުރިއަށްގެންދާ ހަރަކާތްތައް ބަލަން ގިނަ އަދަދެއްގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މަގުތަކަށް ނުކުންނާނެ ކަމަށެވެ. އަދި އެމްއެންޑީއެފާއި ކެޑޭޓްކޯގެ ފަރާތުން ބާއްވާ ޕެރޭޑް ކުރިއަށްދާ ވަގުތު ޓްރެފިކަށް ދިމާވެދާނެ މައްސަލަތައް ހައްލު ކުރަންޖެހޭ ކަމަށެވެ.
އެހެންކަމުން އެ ދުވަހުގެ ހަވީރު 3:30 އިން އިރުއޮއްސި 6:30 އަށް އެއްވެސް ވެހިކަލެއް މާލޭގައި ދުއްވުމަކީ މަނާކަމެއް ކަމަށެވެ.
މި އަހަރުގެ މިނިވަން ދުވަސް ދިމާވަނީ އަންނަ ހުކުރު ދުވަހަށެވެ. އެ ދުވަސް ބަންދު ދުވަހަކަށް ދިމާވާތީވެ އަންނަ އާދީއްތަ ދުވަހަކީ ވެސް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި މިވަން ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ