ރައީސްގެ ގަރާރަކުން އުފައްދާފައިވާ ކުންފުނިތައް މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށަށް ބަދަލުކުރުމުގެ ބިލް މަޖިލީހުން ބަލައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުނިތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން އުފައްދާ ތަންތަނަށް ބަދަލުކުރަންޖެހޭ ގޮތަށް ދިވެހި ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
ވިލުފުށީ ދާއިރާގެ ގައުމީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި މި ބިލް މަޖިލީހަށް ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވި 68 މެމްބަރުންގެ ތެރެއިން 38 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ބިލް ބަލައިގަތުމަށް ނުފެންނަ ކަމަށް 30 މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވައި އިންނެވީ އެންމެ މެމްބަރެކެވެ.
ބިލް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފޮނުއްވީ އިގުތިސާދީ ކޮމެޓީއަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުނިތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން އުފައްދާ ތަންތަނަށް ބަދަލުކުރަންޖެހޭ ގޮތަށް ދިވެހި ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނަށް ރިޔާޒް ހުށަހެޅުއްވި އިސްލާހުގެ ބިލަށް ސަރުކާރު ހިންގާ އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އެ ބޭފުޅުން ވިދާޅުވަމުން ގެންދަވާފައި ވަނީ ގަރާރެއްގެ ދަށުން ކުންފުނިތައް އުފެއްދުމުގެ ބާރު ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ އެކަމަށް ހުރަސް އެޅޭ އިސްލާހެއް މަޖިލީހުން ފާސްނުކުރެވޭނެ ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ.
ދިވެހި ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލްގައި ބުނެފައި ވަނީ " 8 އޯގަސްޓް 2008 ގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުނިތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށަށް ބަދަލުކުރަން ވާނެ އެވެ،" މިހެންނެވެ.
ބިލް ހުށަހަޅުއްވަމުން ގައުމީ ޕާޓީގެ ނާއިބު ރައީސް ރިޔާޒް ވިދާޅުވެފައި ވަނީ 1997 ގެ ގާނޫނު އަސާސީގައި ކުންފުނި އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮތް ނަމަވެސް މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ގަރާރަކުން ކުންފުނިތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮންނާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
"އަޅުގަނޑު މި ބިލް ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަހަކަށް އައިސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ކަރުދާހުން ކުންފުނިތަކެއް ހެދިގެން ދިޔަ ތަން. ހަމަ އެހެންމެ އެހެން ހެދުމުން ކުންފުނިތަކުގެ ރައުސްމާލެއް ނެތް. އެސެޓެއް ނެތް. އެއްވެސް އެއްޗެއް އަޅުގަނޑުމެންނަށް ފެންނާކަށެއް ނެތް. ކުންފުނި ހެދުމަށް ފަހު ރާއްޖެތެރޭގެ ރަށްރަށުގައި ރައްޔިތުންގެ އިންޖީނުގެތައް މިދެންނެވި ކަހަލަ ކުންފުނިތަކުގެ ޕްރޮޕަޓީ ކަމަށްވެ، ރައުސްމާލު ކަމަށްވެ އެ މީހުންގެ މުދާތަކަށްވެ މި ދެންނެވި ތަންތަން ސަރުކާރުން ގަދަކަމުން ރައްޔިތުން އަތުން އަތުލައިގެން އެ ތަންތަން ހިންގަމުން އެ ޖަނެރޭޓަރުތަކަށް ތެޔޮ އަޅައިގެން އޭގެއިން އުފައްދާ ކަރަންޓު ވިއްކައިގެން ފައިސާ އެ ކުންފުނިތައް ހޯދަމުންދާ ތަން މި ފެންނަނީ،" މަޖިލީހުގެ އިއްޔެގެ ޖަލްސާ އަށް ބިލް ހުށަހަޅުއްވަމުން ރިޔާޒް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ